އަތްލަންނުވާ ތަންތާ އަތްލަންނޫޅެ ދަންވަރުދެބެން ގެއަށް ކަނޑާލާ!

އެހެން މީހުނަށް އަތްލާން ނުކުރިފައި ހުރި ބޮޑެތި ތަންތާ މުއިއްޒު އަތްލައިގެން އަތަށް ގޮއްވާލާ ތަންނޫން ތަނެއް ފެންނަ މީހަކު ނަމިރާ ނާޒިމު ނޫނީ ނޫޅެއެވެ. ނާޒިމު ތިޔަ ދައްކަނީ ކޮންކަމެއް ހައްލުވީ ވާހަކަ ހެއްޔެވެ. ހައްލުވިއްޔާ ހައްލުވިކަމަކީ ދަންވަރު ދެބޭންނަށް ކަނު އަނދިރީގައި ދަވާލަން ދައުލަތް ހިތަކަށް ލިބުމެވެ.
މީހަކު ހައިރާނެއް ނުވާނެ ހެއްޔެވެ. އަތްލަން ނުވާތަންތާ އަތްލައިގެން ދަންވަރު ދެބޭން ކުރާހައްލުން މީހުންގަނޑު އެތިބެނީ މެންދުރު ކާޅުތަކެއްހެން އަނގަ ހުޅުފިފައެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ. ބޯކޮށް ގައުމަށް ޑޮލަރުވަދެ ހުދު ކާފޫރަށް ވެގެންދަނީ ބަލަބަލާ ތިއްބައެވެ. ޑޮލަރ އަގު އަރަމުން އަރަމުންގޮސް ވިހި ބާވީހަށް ވީއެވެ. ގެންނަ ބަދަލުތަކުން ޑޮލަރު މައްސަލަ ހައްލުވެ މައްޗަށް ނާރާނެކަމަށް ބުނިބުނިހެން އަރަނީ ހައްތަހާ މައްޗަށެވެ.
ބަޒާރުގައި މުދަލުގެއަގު އޮބި އޮންނަ ވަރެއް ނޫނެވެ. ބޭސްފިހާރައަކުން ބޭހެއް ނުލިބެއެވެ. ލާހިކު އަގެއްގައި މަތިންދާ ބޯޓު ޓިކެޓެއް ނުލިބެއެވެ. ކަންމަތީ ފިހާރަތައް ބަނގުރޫޓް ވަނީއެވެ. އިމާރާތްކުރާ ކުންފުނިތައް އޮތީ ނޭވާ ހޮޅީގައެވެ. އާސަންދަ ލިބެނީ އައިވީ ދޭހެންނެވެ. ކަރަންޓާއި ފެނުގެ އަގު ވާނުވާ ނޭގި އަތް ނުފޯރައެވެ.
ސަރުކާރު އުނގުވިޔަފާރި ކުރަން ނިކުމެއްޖެއެވެ. މަސްވެރިން ބާނާ މަހުގެ އަގު ކިލޯއެއް ދިހަ ރުފިޔާއިން މައްޗަކަށް ނޭރުވުނެވެ. ދުންފަތުގެ ޓެކްސް ބޮޑުކޮށް ސިނގިރޭޓްގެ ވަގު ވިޔަފާރި އާއްމުކޮށްފިއެވެ. ދެ އަހަރުން 120 ބިލިޔަން ރުފިޔާގެ ބަޖެޓް އަޗާތަޅާ ހުސްކޮށްފިއެވެ. ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައް ހުރީ ހުއްޓި ތަންހަރުވެފައެވެ. އެތަން މިލިޔަން ހޭދަކޮށްގެން ދަތުރުކޮށްގެން ހުޅުވަނީ އޭޓީއެމްއެވެ.
ރަސްމާލެ ޓަނަލާއި މޮނޯރޭލާއި ސޯލަރ ސިޓީއާއި ފްލޯޓީން ޓާމިނަލާއި އޯފްޝޯ ބެންކާއި ފައިނޭންޝަލް ހަބާއި ކޮމާޝަލް ސްޕައިންނާއި މިހުރީ ހައްތަހާވެސް ހިޔާލީ ފޮލާއެވެ. ކަންކަމުގައި ދަންވަރު ދެބެން އަތްލީލީހެން ރައްޔިތުން ވަނީ ބިކައެވެ. ގައުމުގެ ނެއްޓެނީ ފާލެވެ.
ދަންވަރު ދެބޭންގެ ވެރިކަން ފެށުނު ފަހުން ގައުމު ހިންގަން އާމްދސަނީގެ ސާޅިހަކަށް ޕަސެންޓް ދީގެން އުޅޭ ރިސޯޓް އޯނަރުންނަކީ ގައުމުގެ ހަތުރުންކަމަށް ހަދައިފިއެވެ. ބޭހުގެ ވިޔަފާރި ކުރާ މީހުންނަކީ މެޑިކަލް މާފިއާ ގޭންގެއް ކަމަށް ސިފަކޮށްފިއެވެ. މަސްވެރިންނަކީ ބޭކާރު ބަޔަކަށް ހަދައިފިއެވެ. އިމާރާތްކުރާ ކުންފުނިތަކަކީ ކޮންމަސްބުރި ތަކަކަށް ހަދައިފިއެވެ. ހޯދާ ހިދުމަތަށް އަގުނުދީ އާއްމުންގެ ޖީބުކެނޑުން އާދައަކަށް ހަދައިފިއެވެ. މިނިވަން ނޫސްވެރިކަން ފުޑާލާއި ޖުޑިޝަރީ އޮޅާލާ މަޖިލިސް މަޖިލިސް ގޮނޑިކޮއްކޮއަކަށް ހަދާ މިހާރު އުޅެނީ ވެރިކަމުގެ ދައުރު ދަންމާލުމުގެ ހީލަތްތެރި މަޅީގައި މުޅި ގައުމު ޖައްސާށެވެ.
އަތްލަން ނުވާތަންތާ އަތްލައިގެން އަތަށް ގޮއްވާލާ އަތް ނުފިހެނީސް ފެއްސިގެން ދިޔުމަށްވުރެ ރަނގަޅުގޮތެއް ދަންވަރު ދެބެންނަށާއި ދިވެހިންނަކަށް ނެތެވެ. އިތުރު ތަންތާ އަތްލަން ނޫޅެ އަވަހަށް ގެއަށް ކަނޑާލާށެވެ.