ދުންފަތް މަނާކުރާނަމުގައި ސިނގިރެޓްގެ ވަގުވިޔަފާރި ފުޅާކުރުން!

ދުންފަތް މަނާކުރާނަމުގައި ސިނގިރެޓްގެ ވަގުވިޔަފާރި ފުޅާކުރުން!

ދައުލަތް ހިންގުމަށް އުޑެއް ބުޑެއް ނޭނގޭ ތައުލީމެއް ތަޖުރިބާނެތް ޖާހިލުން ބަސްކިޔާ ދައުލަތެއް ބޮލާއަަޅާލެއް އަވަސްވެފައި ވެއްޓޭލެއް ބާރުވާނެއެވެ. ވަޑާންކުރާ ހަރުގެއެއްގައި ފޮނުވަތް އަނބުރަން އުޅުނު ޖާހިލު ވަޑިއަކު ގާނޫނު ހަދާ މަޖިލީހުގައި އިސް ބަސްކިޔާ ހިސާބަށް ގައުމު ވެއްޓުނީމާ ވާނެ ހުރިހާ އެއްޗެއް ރާއްޖެއަށް މިހުރެގެން ވަނީއެވެ.

ފަސްމާމުލުންގެ ފަސްވަގު ދަނޑިމަތި އަނބުރާތަނަކަށް ރައްޔިތުންގެ މަޖިލިސް ވީމާ މުޅި ގައުމުގެ ހީރަސް ނުކެނޑިއެއް ނުއޮންނާނެއެވެ. ގާނޫނުތަކާއި ވެރިކަން ކުރުމުގެ ވައްޓަފާޅި ބަދަލުވެގެން ދަނީ ކޮރަޕްޝަނާއި ފަސާދައާއި ވައްކަމާ ނުލާ ދިރިނޫޅެވޭ ގޮތަށެވެ.

މަނީ ލޯންޑުކުރުމާއި ސްކޭމް ހިންގުމާއި ވައްކަމާ ނުލާ ދައުލަތް ނުހިންގޭ ގޮތަށް ގާނޫނުތައް ބަދަލުކޮށްލާ ނިމެނީއެވެ. މިހާރުން މިހާރަށްވެސް ރާއްޖޭން ފެންނަނީ އެކަމެވެ. ބަޔަކު ކިޔާފާނެ އެއްޗަކަށް ފަހުން ވެދާނެ ގޮތަކަށް އެވެރިން ނުވިސްނައެވެ. އެންމެ މިސާލަކަށް ބަލައިލާށެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ނަމުގައި ސިނގިރެޓްގެ ވަގުވިޔަފާރި ފުޅާކޮށްފިއެވެ. އެކަމުގެ ފައިދާ ނުފޫޒު ގަދަ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވެރިން ނަގަން ފެށީއެވެ. އިންޕޯޓް ޑިއުޓީގެ ގޮތުގައި ކުރިން ދުންފަތުން ދައުލަތަށް ލިބުނު އާމްދަނީ ލިބުން ހުއްޓުވާ އެ މީހުންގެ ޖީބުތައް ފުރާލުމަށް ހުޅުވާލި ދޮރަކަށް ދުންފަތް މަނާ ކުރުމުގެ ގާނޫނު ހެދީއެވެ. އޭގެ ނަތީޖާ މިހާ އަވަހަށް ފެންނަންވަނީ ފަށާފައެވެ. 

ވަގަށް ސިނގިރޭތް އުފައްދައިގެން ވިއްކަނީ ސަރުކާރުގެ ވެރިން އިސްވެތިބެއެވެ. ސިނގިރެޓް ސްމަގުލް ކުރަނީ ވެރިންނަށް ބައިއެޅިގެންނެވެ. ފުލުހުން ފޮނުވައިގެން ވަގު ސިނގިރެޓްތައް އަތުލައިގަނެ ކޯޓުން ވަގު ސިނގިރެޓްތައް އަނބުރާ ހަވާލުކުރުވާ ނުވިތާކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަގުވިޔަަފާރިއަށް ދައުލަތުން ފައިސާ ދައްކަން ޖެހޭ ހިސާބަށް ކަންކަން ހުރީ ތަރުތީބުކޮށްފައެވެ. 

ފުލުހެއް އޭސީސީއެއް އޮޑިޓެއް ކޯޓެއް ކިޔާނެކަމެއް ނެތެވެ. އެހުރިހާ މުއައްސަސާއެއްގެ ހަތަރެސްފައި ބަނދެވާ އެތިބީ ފަތަން މޫދަށްލާފައެވެ. ހަރަކާތެއް ކޮށްލައިފިއްޔާ ދާނީ ބޮކިޖަހާފާ އަޑިއަށެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުން ނިޒާމުގެ ތެރެއިންނާއި ބޭރުން އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލައްވާ އެތިބަ ފުރާލަނީއެވެ.