މުއިއްޒުގެ ކޮންމެ އުނބަށްޖެހުމަކީ ބަގާވާތެއް!!
ޝިޔާމްގެ ލޭނު ބަގާވާތް ރައީސް ފޭލިކޮށްލައިފި!
ހުސްވި ހަފްތާގައި ބީއެމްއެލުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ފުރަތަމަ ބުނީ ނައިފަރު ޝިޔާމެވެ. ރުފިޔާ އެކައުންޓުން ޑޮލަރު މުއާމަލާތު ނުކުރެވޭ ގޮތް ބީއެމްއެލުން ހެދި ހެދުމަކީ ބަގާވާތަކަށް ވަންޏާ ނައިފަރު ޝީޔާމް މަސްވެރިކަމުގެ ވަޒީރުގެ ގޮތުގައި ހުރެގެން ލައްކަ ބަގާވާތް ކުރަން އުޅެފިއެވެ.
ނައިފަރަކީ ކިތަންމެ މަސްވެރި ރަށަކަސް ނައިފަރަށް އުފަން އެންމެންނަކީ މަސްވެރިންނެއް ނޫނެވެ. ނައިފަރު މަސްވެރިއެއް ކަމަށް ހީކޮށް މުއިއްޒު ސަރުކާރުން މަސްވެރިކަމުގެ ވަޒީރުކަން ދެވުނީ ސްކޫބާ ޑައިވަރަކަށެވެ. ވާނީވެސް އެހެންތާއެވެ. ޝިޔާމް ބުނާ ގޮތުން މުއިއްޒު ސަރުކާރަކީ ވަރަށް އަޑިއަށް ގޮސްފައި އޮއްވާ ވަރަށް އަޑިން ޝިޔާމް ހޯދި ސަރުކާރެކެވެ. ވަރުގަދަ ޑައިވަރުންނަށް ނޫނީ އެހާ އަޑިން އެއްޗެއް ނުހޯދޭނެއެވެ.
އެހެން އެކަން އޮތަސް ޝީޔާމް ބީއެމްއެލްއާ ދެކޮޅަށް ސިފަކުރާ މާލީ ބަގާވާތް ޒާތުގެ ގިނަ ބަގާވަތްތަކެއް ޝީޔާމްވެސް ހިންގައިފިއެވެ. ޝިޔާމް ކުރުވިހާ ބަގާވާތުގައި ސަރުކާރު ނުވެއްޓި އޮންނަނީ ކިރިޔަ ކިރިޔާއެވެ. ހަދާލެވޭ ގޮތަކުން ވެއްޓި އަޑިއަށް ދިޔަސް ޑައިވިން ކޮށްގެންވެސް ދެން ޝިޔާމްމެނަށް ސަރުކާރު އަތުވެސް ޖެހެނީ އެއްނޫނެވެ.
މުއިއްޒު ސަރުކާރު ވައްޓާލަން ޝިޔާމް ހިންގަން އުޅުނުކަމަށް ބެލެވޭ ބައެއް ބަގާވާތުގެ ވާހަކަ ކުޑައިކޮށް ދައްކާލާނަމެވެ. އެންމެ ފުރަތަމަ މަސްވެރިން ކިރިމަހަށް ލާރިނުދީ ހިފަހައްޓައިގެން ދެފަހަރެއްގެ މަތީން މަސްވެރިން މުޒާހަރާއަށް ނެރުވައިގެން މަސްބަގާވާތް ކުރުވިއެވެ. ކޮންމެ ފަހަރަކުވެސް ލާރިކޮޅެއް ހޯދާދީގެން ސަރުކާރު ވެއްޓުނަނުދީ ރައީސް މުއިއްޒު އެކަންކަން ފޭލި ކޮށްލަނީއެވެ. ހަމައެހެން މަހުގެ އަގު ވައްޓާލައިގެން ބޮޑުކަންނެލި މަސްވެރިން މުޒާހަރާއަށް ނެރުވާ ކަންނެލި ބަގާވާތް ކުރުވިއެވެ. ރައީސް މުއިއްޒު އެކަންވެސް ހަމައަކަށް އަޅުވާ ޝީޔާމް ގެންނަން އުޅުނުކަމަށް ބެލެވޭ ބަގާވާތް މުއިއްޒު ފޭލި ކޮށްލިއެވެ. އެންދެރި ބަގަވާތާއި ވެލާ ބަގަވާތް އަދި އޮތީއެވެ.
ޝިޔާމް އެބުނާ މާލީ ބަގާވާތުގައި މަގަށް މީހަކު ނުނިކުމެއެވެ. އެކަމަކު ޝީޔާމް ހިންގި މަސް ބަގާވާތް ތަކުގައި މީހުން ނިކުމެ ތިއްބެވެ. މުއިއްޒު ވެރިކަން ނިންމަން ބޭނުންވާތީ އޭރު އިހުސާން އަޅާވެސް ނުލީތާއެވެ. އިއްތިފާގްތައް ބަލާލަން ތަހުގީގެއް ކޮށްނުލާ އިހުސާން ވެސް ހުރީތާއެވެ.
ވަޒީރުކަމަށް އެރީއްސުރެ ލޭނު ބަގާތްވެސް ޝިޔާމް އައީރާވަމުން ކަމަށް ބެލެވެއެވެ. ޒަމާނުއްސުރެ މަނާކޮށްފައި އޮތް ލޭނު އެޅުން ހުއްދަ ކުރުމަށް ގަވާދާއި ގާނޫނުގެ ތެރޭން ބަދަލުގެނެސް ކެބިނެޓުން ފާސްކުރުވައިގެން ހުއްދަކުރުވީ ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ރަތަށް އަރާނެކަން އެނގިހުރެއެވެ. ދެނަކާ ދެނެއްނެތެވެ. އިދިކޮޅު ފަރާތްތަކާއި މަސްވެރިން ހޯބޯލަވާ ހަދަން ފެށުމުން ރައީސް މުއިއްޒު ލޭނު ބަގާވާތްވެސް ފޭލިކޮށްލީއެވެ. އިހުއޮތް ގޮތަށް ލޭނު އެޅުން މަނާކުރީއެވެ.
ލޭނު އެޅުމުގެ ހުއްދަ ދިންދިނުނުް އަނބުރާ އިޔާދަކޮށް ހުއްދަ ނުދޭން ހަމަޖެއްސުމާއި ރުފިޔާ އެކައުންޓުން ޑޮލަރުގެ މުމަލާތް ނުކުރެވޭ ގޮތައް ހެދުމަށް ފަހު އެ ކަންކަން އަބުރާ ކުރިން އޮތް ގޮތަށް ދޫކޮށްލުމާ އޮތް އެއްވެސް ތަފާތެއް ނެތެވެ. ރުފިޔާ އެކައުންޓުން ޑޮލަރުގެ މުމަލާތް ނުކުރެވޭ ގޮތައް ހެދުން މާލީ ބަގާވަތަކަށް ވަންޏާ ލޭނު އެޅުން ހުއްދަކުރުން ވެސް ބަގާވަތަކަށް ނުވާނެ ގޮތެއް ނެތެވެ. މުއިއްޒުގެ ކޮންމެ އުނބަށްޖެހުމަކީ ބަގާވާތެކެވެ. އިއްތިފާގުތައް ހޯދާ ތަހުގީގު ވާނީ ކުރާށެވެ.