ޔާމީނު ޖައްސަވަނީ އަމިއްލަ ފައިންޕުޅަށް ބަޑި!
އެސްކްރޯ އެކައުންޓަށް ފައިސާ ދެއްވީ ޒަމީރު
އިސްލާމިކް ބޭންކުގައި ރައީސް ޔާމީން ޑޮލަރު އެކައުންޓެއް ހުޅުވިތާ 48 ގަޑިއިރު ނުވަނީސް އިއްތިފާގުން ބައި މިލިޔަން ޑޮލަރު ޖަމާވިއެވެ. އެސްއޯއެފްގެ ޗެކަކުންނެވެ. ބައި މިލިއަން ޑޮލަރުގެ އެޗެކް ޖަމާވިތާ ގިނަ ދުވަހެއްނުވެ އަނެއްކާވެސް ބައި މިލިއަން ރައީސް ޔާމީނުގެ އެ އެކައުންޓަށް ޖަމާވިއެވެ. ހަމަ އެސްއޯއެފްގެ ޗެކަކުންނެވެ.
އެސްއޯއެފްގެ ދެ ޗެކުން އެއް މިލިއަން ޑޮލަރު ޖަމާވި ރައީސް ޔާމީނުގެ އެ އެކައުންޓަކީ އެކައުންޓު ހުޅުވުމަށް ޖަމާކުރި ޑޮލަރުކޮޅުނޫން އެހެން ފައިސާގެ އެއްވެސް މުއާމަލާތްތެއް އޭގެކުރިން ހިންގާފައިނުވާ ކަމަޅިމަތީ އެކައުންޓެކެވެ. އޮޅިގެންވެސް ފައިސާއެއް ނަގާ ބޭނުންކޮށް ބަދަލުކޮށް ހެދޭނީވެސް އެ އެކައުންޓަކީ ކުރިއްސުރެ ބޭނުން ކުރަމުން އައި އެކައުންޓެއް ނަމަތާއެވެ.
ރައީސް ޔާމީނުގެ އެ އެކައުންޓަށް އެސްއޯއެފް ޖަމާވި އެއް މިލިޔަން ޑޮލަރަކީ ކޮން ފައިސާއެއްކަން ރައީސް ޔާމީނަށް އެނގިވަޑައި ނުގަންނަވާ ނަމަ ގޮތްނޭނގޭ ފައިސާއެއްގެ ބޭނުމެއް ނުކުރެއްވީހެވެ. އެސްއޯއެފް ދެ ޗެކުން ޖަމާކުރި އެއް މިލިޔަން ޑޮލަރު ބޭނުން ކުރެއްވީ އެނގިވަޑައިގެން ހުންނަވާ ކަން ޝައްކެއް ނެތް މިންވަރަށް ގަބޫލު ކުރެވެއެވެ.
ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފް ދެ ޗެކުން ޖަމާކުރި އެއް މިލިޔަން ޑޮލަރަކީ ވޮޑަމުލާ ޑީލުން ރައީސް ޔާމީނަށްވާ ކަޓްކަމަށް ޝަރީއަތުގައި ބުނެފައިވެއެވެ. އެ އެއް މިލިޔަން ޑޮލަރު އަމިއްލަފުޅު ކަންކަމަށް އިންވެސްޓް ކުރެއްވިފަހުން އެމްއެމްޕީއާރުސީ މައްސަލަ ފެންމަތިވުމުން އެސްކްރޯ އެކައުންޓެއް ހުޅުވާ ޖަމާކުރެއްވީ އެސްއޯއެފްއިން ޖަމާކުރި އެއް މިލިޔަން ޑޮލަރެއް ނޫނެވެ. މޫސާ ޒަމީރު އަތްޕުޅުން ހޯއްދެވި އެއް މިލިޔަން ޑޮލަރެވެ.
ރައީސް ޔާމީނު ސަލާމަތް ކުރުމަށް ޒަމީރު އެއް މިލިޔަން ޑޮލަރު ދެއްވުމުގެ މުގާބިލުގައި ޒަމީރަށް ހިއްކަން 3 ބިންމާއި ޓޫރިޒަމް މިނިސްޓަރކަށް ދެއްވީ ހުދު ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައެވެ.
ޒަމީރުގެ އެކައުންޓުގައި މިލިޔަން މިލިޔަނުން ފައިސާ ހުރި ވާހަކަ މިއަދު ރައީސް ޔާމީނު ދެއްކެވުން ރީއްޗެއް ނޫނެވެ. ދައްކަވާ އެފާޑުގެ ވާހަކައިން އަމިއްލަފުޅަށް ޖެހިވަޑައިގަންނަވަމުން ދަނީ އޮރިޔާން ހާލުކޮޅެވެ. ހަގީގަތުގައިވެސް ޒަމީރޭ ވިދާޅުވެ ރައީސް ޔާމީނު ޖައްސަވަނީ އަމިއްލަފައިންޕުޅަށް ބަޑިއެވެ.