ސަނީފަށްވުރެ ކުރީން އެމްޑީޕީ ދަންނަނީ ޒިފްލީނާ!
ކޮންމެ ވާހަކައެއް ދެއްކެވިޔަސް ސަނީފަކަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓެއް ނުލިބޭނެ!
ކިތަންމެ ގިނަ ދުވަހު ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރިޔަސް ކުރިއަށް އޮތް ދައުރަށް ވާދަކުރަން އެ މެންބަރަކަށް ޕާޓީގެ ޓިކެޓް ނުލިބިދާނެއެވެ. ދާއިރާއެއްގެ ޓިކެޓް ޕާޓީއަކުން މީހަކަށް ނުލިބޭނީ ޕާޓީގައި އެ މީހެއްގެ މަގުބޫލުކަން ކުޑަވީމައެވެ. ޕާޓީއަކުން ޕްރައިމަރީއަކާ ނުލާ ޓިކެޓެއް ދޭނީ އެ ޓިކެޓެއްގައި ނިކުމެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރާނެކަން ޔަގީންވާ މީހަކަށެވެ. އެހެން ނޫނީ ވާދަ ކުރާނެ އެހެން މީހަކު ނެތުމުން ޕާޓީގެ ޓިކެޓް މީހުނަށް ދީފައި ހުރެއެވެ.
މެންބަރު ކަމަކީ މަޖިލިހުގެ ތަޅުމުގެ ނަހަމަ ބޭނުން ކޮށްގެން ހިނގަމުންދާ ދައުރުގައި މެންބަރުކަން ކުރާ މީހަކަށް ދާއިރާގެ ޓިކެޓް ނުލިބުމުން އެހެން ކެންޑިޑޭޓުން ބަދުނާމް ކުރަން ދީފައި އޮންނަ ލައިސަނެއް ނޫނެވެ. ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ވަދެހުރުމަކީ ތިމާ ނިސްބަތްވާ ޕާޓީ ބަދުނާމު ކުރަން ދީފައި އޮތް ފުރުސަތެއް ނޫނެވެ. މެންބަރު ކަމަކި ވަގުތުން ރައްދުދީ ޖަވާބުދާރީ ނުވެވޭ ހާލަތު ތިބޭ މީހުންގެ އަބުރު ކަތިލުމުގެ ތަޅުދަނޑިއެއްވެސް ނޫނެވެ.
ތިނަދޫ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއްލާ ސަނީފު ކުރިއަށް އޮތް ދައުރަށް އިންތިހާބު ވުމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް ނުލިބުމަކީ އެމްޑީޕީގެ ރައީސްގެ މައްސަލައެއް ނޫނެވެ. އެމްޑީޕީގެ މައްސަލައެއް ވެސް ނޫނެވެ. ތިނަދޫ ދެކުނު ދާއިރާގެ މައްސަލައެއްވެސް ނޫނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރުމަށް ޒިފްލީނާ ހަސަނަށް ޓިކެޓް ލިބިވަޑައިގަތީ އެމްޑީޕީގެ ރައީސް ކަމުގައި އޮނަރަބަލް އަބްދުއްލާ ޝާހިދު ހުންނަވަނިކޮށެއް ނޫނެވެ. ޝާހިދުގެ އަނބިކަބަލަކަށް ޒިފްލީނާ ވިޔަސް ނުވިޔަސް އެއްޔަކީ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ޒިފްލީނާ ހަސަނަށް އެމްޑީޕީ ޓިކެޓް ނުލިބޭންވީ ސަބަބެއް ނޫނެވެ.
ޒިފްލީނާއަކީ ސަނީފަށްވުރެ އެމްޑީޕީއަށް ދޮށި އެމްޑީޕީ މާބޮޑަށް ދަންނަ ބޭފުޅެކެވެ. ސަނީފަށްވުރެ ކުރީން އެމްޑީޕީ ދަންނަނީ ޒިފްލީނާއެވެ. ޒިފްލީނަކީ އެތައް ދުވަހެއް ވާންދެން އެމްޑީޕީގެ ދާއިރާ ރައީސް ކަންކުރައްވާ އެތައް ގިނަ ހިދުމަތެއް ފާޅުކަން ބޮޑުކޮށް ކުރައްވަފައިވާ އަދި ކުރައްވަމުން ގެންދަވާ ހީވާގި ކަނބަލެކެވެ. ޒިފްލީނާއަކީ ވަކި ބޭފުޅެއްގެ މޯހިރުން އެމްޑީޕީގެ ޓިކެޓެއް ހޯއްދަވަން ޖެހިވަޑައިގަންނަވާ ވަރަށްވުރެ އެމްޑީޕީ ފަރިތަފުޅު ބޭފުޅެކެވެ.
"މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެންބަރު ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އަޅުގަނޑާއި ގުޅުމެއްވާކަމަށް ވިދާޅުވެދެއްކެވި ވާހަކައަކީ ދޮގުވާހަކަތަކެކެވެ. މަޖިލީހުގެ އިމްތިޔާޒިް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްަޓެހިކަމެކެވެ. ފިނޑިކަމެކެވެ." އަބްދުއްލާ ޝަހިދު
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަން ކެރިވަޑައިނުގެން ހުންނަވައިގެން ސަނީފެއް ކަމަކު މީސްމީހުންގެ އަބުރު ކަތިލެއްވުމަށް ސާބިތު ނުހިފޭ ވާހަކަ ނުދައްކަވާށެވެ. އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދަކީ ވިދާޅުވަން ބޭނުންފުޅުވާ ވާހަކަފުޅެއް ވިދާޅުވާން ޖެހެލުންވެ ވަޑައިގަންނަވާނެ ބޭފުޅެއްނޫނެވެ. ދެއްވަން ބޭނުން މެސެޖެއް ދެއްވަން އެނގިވަޑައި ނުގެން އަނގައޮޅޭ ބޭފުޅެއް ނޫނެވެ. ހަރަދު ކުރައްވައިގެން ވަގު ސައިޓްތައް ހިންގަވާ ވަރަށް ކެރިވަޑައި ނުގަންނަވާ ސިޔާސީ ގޮތުން ފިނޑި ބޭފުޅެއް ނޫނެވެ.
މެންބަރު ސަނީފަށް އެމްޑީޕީ ޓިކެޓް ނުލިބުމަކީ ބަޔަކު ކުރާހާ ކަންކަން ބެހުމެއްނެތް މީހުންގެ ބޮލުގައި އަޅުވަންޖެހޭ ސަބަބެއްނޫނެވެ. އެމްޑީޕީގެ މަޖިލިސް މެންބަރަކަށް ހުރުމަކީ ސަނީފަށް ޝާހިދު ކުރެއްވި ކަމަކާއި ކުރައްވާހާ ކަމެއް އެނގެންޖެހޭ ސަބަބެއް ނޫނެވެ. ސަނީފު ބުންޏަސް ތެދެއް ދޮގަކަށް ނުވާނެއެވެ. ތެދު ދޮގު ކަނޑައަޅާނީ ސަނީފެއް ނޫނެވެ.
ކިތަންމެ ކެތް ނުކުރެވުނަސް ނެރޭ ބަޔަކު ދިޔަވަރުވެސް ނެރޭނެއެވެ. އަބްދުއްލާ ޝާހިދު އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާނެއެވެ. ޒިފްލީނާ ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަވެސް ކުރައްވާނެއެވެ. އެހެނެއް ކަމަކު މަޖިލީހުގެ ތަޅުމުގައި ކޮންމެ ވާހަކައެއް ދެއްކެވިޔަސް ސަނީފަކަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓެއް ނުލިބޭނެއެވެ.