އިއުތިކާފަށް އިންނާނެގޮތް މިއޮތީ!

އިއުތިކާފަށް އިންނާނީ ހުކުރު ނަމާދުގެ ޖަމާއަތް ގާއިމުކުރެވޭ މިސްކިތެއްގައި

އިއުތިކާފަށް އިންނާނެގޮތް މިއޮތީ!

އިއުތިކާފުގެ މާނައަކީ ވަކި ކަމަކަށް ހުސްވެގަތުމެވެ. ނުވަތަ ވަކި ކަމަކަށް ތިމާ ބަންދުވުމެވެ. އިސްލާމީ އަޅުކަމެއްގެ ގޮތުގައި އިއުތިކާފުގެ ފިގުހީ މާނައަކީ ހާއްސަ ނިޔަތަކާއެކު މިސްކިތުގައި ހާއްސަ ކަންތައްތަކެއް ކުރުމަށް އިނުމެވެ.

އިއުތިކާފު ކުރުމުގެ ބޭނުމަކީ ދުނިޔަވީ ކަންކަމުން މީހާ ހުސްވެ ނަމާދުކުރުމާއި ޒިކުރުކުރުމާއި ގުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމެވެ. އިއުތިކާފަށް ނިޔަތް ގަތުމަށްފަހު ފާހާނާކުރުމާއި ކެއިންބުއިން ފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. 

އިއުތިކާފު ކުރެވޭނީ ހަމަ އެކަނި މިސްކިތުގައި ކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ. ކޮންމެ މިސްކިތެއްގައި ވެސް އިއުތިކާފަށް އިނދެވިދާނެ ކަމަށް ގިނަ އިލްމުވެރިން އެއް ބަސްވެއެވެ. އިއުތިކާފަށް އިނދެވޭނީ ހުކުރު ނަމާދުގެ ޖަމާއަތް ގާއިމު ކުރެވޭ މިސްކިތްތަކުގައި އެކަނިކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. މަސްޖިދުލްއަގްސާއާއި މަސްޖުދުއްނަބަވީއާއި މަސްޖިދުލްހަރާމްގައި ނޫނީ އިއުތިކާފު ހުއްދަވެގެން ނުވާކަމަށް ދެކޭ އިލްމުވެރިންވެސް އުޅެއެވެ.

ތަވާފުކުރުމަކީ މަސްޖިދުލްހަރާމްއަށް ހާއްސަ އަޅުކަމެކެވެ. އެއާއި ހިލާފަށް އިއުތިކާފަކީ ވަކި މިސްކިތަކަށް ނުވަތަ ވަކިތާކަށް ހާއްސަ އަޅުކަމެއް ނޫނެވެ. އެހެންކަމުން އިއުތިކާފަށް އިނުމަކަށް ވަކި މިސްކިތެއް ހާއްސަވެގެން ނުވެއެވެ. ހުކުރު ނަމާދުގެ ޖަމާއަތް ގާއިމުކުރެވޭ މިސްކިތްތަކުގައި އިއުތިކާފަށް އިނުމަށް ބާރު އެޅެނީ އިއުތިކާފަކީ ރޯދަ މަހުގެ މުޅި ފަހު ދިހައިގައި ކުރުން މުސްތަހައްބު އަޅުކަމެއް ކަމުން ފަހުދިހާގައި އިއުތިކާފަށް އިންނަމީހާ މުޅި ފަހުދިހަ ހޭދަކުރާނީ އިއުތިކާފުގައި މިސްކިތުގައެވެ. ހުކުރު ނުކުރާ މިސްކިތެއްގައި އިއުތިކާފަށް އިނދެއްޖެނަމަ އިއުތިކާފަށް އިންނަ މިސްކިތް ދޫކޮށް ހުކުރު ކުރެވޭ މިސްކިތަކަށް ދިޔުމަށްޓަކާ އޭނާގެ އިއުތިކާފް މެދު ކަނޑާލަން ޖެހޭނެއެވެ. އެހާލަތު ކުރިމަތި ވިޔަ ނުދިނުމުގެ ގޮތުން ހުކުރު ނަމާދުގެ ޖަމާއަތް ހެދޭ މިސްކިތެއްގައި އިއުތިކާފަށް އިނުން މުހިންމެވެ.

އެހެންކަމުން އިއުތިކާފަށް އިންނަ މިސްކިތާ މެދު އާއްމު ވިސްނުމަކީ އަދި ގިނަ އިލްމުވެރިންގެ ރައުޔަކީ، އިއުތިކާފު ކުރުމުގެ ހުކުމަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގައި ދިރިއުޅެމުންދާ މުޅި އިސްލާމީ އުންމަތަށް އާންމުކޮށް އައިސްފައިވާ ހުކުމެއް ކަމަށް ވީހިނދު ތަވާފުކުރުން މަސްޖިދުލްހަރާމްގައި ނޫނީ ހުއްދަނުވާ ފަދައިން އިއުތިކާފު ވަކި ހާއްސަ ތިން މިސްކިތެއްގައި ނޫނީ ކުރުން ހުއްދަ ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. 

ރޯދަމަހުގެ ފަހުދިހައިގައި މިސްކިތުގައި އިއުތިކާފު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފު ކުރާނެ ގޮތަކީ މަހުގެ 20 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން މިސްކިތަށް ވަދެ އިއުތިކާފުގެ ނިޔަތުގައި ޝައްވާލުމަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މިސްކިތުގައި މަޑުކުރުމެވެ. ރޯދަމަހުގެ ފަހުދިހައިގައި އިޢްތިކާފު ކުރުމަށް ނިޔަތްގަތް މީހާ ޝައްވާލުމަހުގެ ހަންދު ފެނުމުގެ ކުރިން ފާހާނާ ކުރުމާއި ކެއިން މުއިންފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ހާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިއުތިކާފު ބާތިލުވާނެއެވެ. ކީރިތި ރަސޫލާއާއި އެ ކަލޭގެފާނުންގެ އަސްހާބުން  ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފުކުރެއްވިއެވެ.