އިސްލާމްދީނަކީ 17 ނޮވެންބަރުގައި ރާއްޖެއަށް ލެއްގި އެއްޗެއްނޫން.
ހުކުރު ހުތުބާއަކީ ސިޔާސީ ބޭނުމަށް މައުސޫމު ސިކުނޑިތައް ދޮންނަން ބޭނުންކުރާ ހަތިޔާރަކަށް ނުހަދާ
ދޭދޭ ފަރުދުންގެ މެދުގައި ހުރި ހިލާފުތަކާއި ދެބަސްވުންތައް އެއްފަރާތް ކުރަންވީ މިހާރު ހެއްޔެވެ. ޖަމާއަތުގެ މަސްލަހަތު އިސްކުރަންވީ މިހާރު ހެއްޔެވެ. ފަހިމަގުން ކަންކަން ހިންގަން ޖެހެނީ މިހާރު އެކަނި ހެއްޔެވެ.
ގައުމު ބިނާ ކުރުމުގައި ބައިވެރިވެ ކޮންމެ މީހަކު ވެސް އެމީހެއްގެ ހިއްސާ އަދާކުރަން ޖެހެނީ މިހާރު ހެއްޔެވެ. ކޮންމެ މީހަކު ވެސް ގައުމު ބިނާކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަކަށްވީ އަދިކިރިޔާހެއްޔެވެ. ގައުމު ބިނާކުރުމުގައި ބައިވެރިވުން އިސްލާމު ދީނުގައި ޝަރުއު ކުރެއްވީ އަދި ކިރިޔާ ހެއްޔެވެ.
ގައުމުގައި ރިވެތި އަހުލާގާއި އަބުރުވެރި ދިރިއުޅުމެއް ފެތުރަން ޖެހޭކަން އެނގުނީ ޖަނާބު ޝޭހުގެ ދަނބި ދަރިއަކަށް ވެރިކަން ލިބުނީމާ ހެއްޔެވެ. މިއަދުގެ ހުތުބާގައި އެބުނާ ކަންކަމަކީ 17 ނޮވެންބަރު 2023ގައި ރާއްޖެއަށް ލެއްގި ކަންކަން ހެއްޔެވެ.
ދީނީ ކާޑު ކުޅެގެން ސިޔާސީ މަންފާ ހޯދަން ޝަހީމަކަސް މުއިއްޒަކަސް އުޅޭނެ ކަމެއްނެތެވެ. ރާއްޖެ އިސްލާމް ވީފަހުން 900 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ރާއްޖޭގެ މިސްކިތް ތަކުގައި ބަންގި ނުގޮވާ ދުވަހެއް ނުދެއެވެ. ފަސްނަމާދު ގާއިމު ނުކުރާ ދުވަހެއް ނުދެއެވެ. ޝަހީމާއި މުއިއްޒު ނެތަސް މާތްވެގެން ވާ އިސްލާމް ދީނުގެ ނޫރު މި ގައުމުގައި ދެމި އޮންނާނެއެވެ.
މާ ދީންވެރި ބަޔަކަށް ވެގެން ހުކުރު ހުތުބާ ތަކަކީ ސިޔާސީ ބޭނުމަށް މައުސޫމު ސިކުނޑިތައް ދޮވެލަން ބޭނުން ކުރާ ހަތިޔާރަކަށް ނުހަދާށެވެ. ވެރިކަމުގައި ތިބީތީ ގައުމިއްޔަތޭ ވަޒަނޭ އެއްބައިވަންތަކަމޭ ކިޔައިގެން ސިޔާސީ ޗަރުކޭސް ކުޅޭއެއްޗަކަށް ހުތުބާ ނުހަދާށެވެ.
ތިމާމެން ވެރިކަމުން ބޭރުގައި ތިބިއިރު ގައުމު ބައިބައިކޮށް ފަސާދަ އުފެއްދިއިރު އިސްލާމް ދީން ކޮބައިހެއްޔެވެ. ދޮގާ މަކަރާ ހީލަތް ހަދައިގެން ވެރިކަން ހޯދީ ދިނުގައި އެގޮތަށް އެކަން ކުރަން އޮވެގެން ހެއްޔެވެ. މިސްކިތަށް އަރާ ފޮޓޯނަގައި ސަޖިދަ ވިއްކައިގެން ދީން ސިޔާސީ ބޭނުމުގައި ބޭނުންކުރީ އޭރު ވެރިކަމުގައި ތިބީ ކާފަރުންނަށް ވެގެން ހެއްޔެވެ.
އުއްމަތަށް ޝަހާދަތް ކިޔާ މުސްލިމު ބަޔަކާ ދެކޮޅަށް ދީނާ ގުޅުވައިގެން އޭރު ޝަހީމުމެން ނުދައްކަނީ ކޮންވާހަކައެއްހެއްޔެވެ. ތިމާމެން ވެރިކަމަށް އައުމުން އެ ހުރިހާ ފުރައްސާރައާއި ފަސާދައާއި ފިތުނަ ހައްގަށްވެ މުއިއްޒާ ހިޔާލުތަފާތު އެންމެންނަކީ ފާސިގުންނަށް ހެދުމުގެ އޮތީ ކޮން ހައްގެއް ހެއްޔެވެ. މުއިއްޒު މެން ވެރިކަމުގައި ތިބޭއިރު އެންމެން ތިބެންވީ މުއިއްޒު އަމީރުލްމުއުމިނީންއަށް ހަދައިގެން މުއިއްޒު ކިޔާހާ އެއްޗަކަށް އާދެ މަސާހިބު ކިޔާށެވެ. ޝަހީމުމެން ނޫން ބަޔަކު ވެރިކަމުގައި ތިބިއްޔާ އެބަޔަކީ ލާދީނީންނެވެ. ގައުމުން އިސްލާމް ދީން ފުހެލަން އުޅޭ މީހުންނެވެ. މުއިއްޒު ކިތަންމެ ދޮގެއް ހަދާ ކިތަންމެ ބޮޑު ލާދީނީ ކަމެއް ކުރިޔަސް ސަލަފު ވެސް އޮންނަނީ ލޮލަށް މިރުސް އެޅިފައެވެ.