ހަރާން ހުކުމްކުރާ ކޯޓުން ކުރާ މަރުގެ ހުކުން ހާލާލުތަ!
ރަޖަމް ކުރުމާއި އަތްކެނޑުމާއި ހައްދާއި ތައުޒީރު ތަންފީޒު ކުރެވޭތަ!
ޤިޞާޞް ހިފުމަކީ ކީރިތި ޤުރުއާނުގައި ޝަރުޢު ކުރައްވާފައި ވާކަމެކެވެ. ޤިޞާޞް ހިފުމުގައި ދިރުން ވާކަމީ ޝައްކެއް ނެތް ކަމެކެވެ. މީހަކު މެރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ވެއްޖެނަމަ ޤިޞާޞް ހިފުމަކީ ލާޒިމު ކަމެކެވެ.
ރާއްޖޭގައި ޝަރުއީ ނިޒާމަކީ އެނިޒާމުގެ ތެރެއިން މީހަކު މެރުމަށް ކުރާ ހުކުމް ތަންފީޒު ކުރެވޭ ވަރުގެ އިތުބާރެއް އޮތް ޝަރުއީ ނިޒާމެއް ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ. ގެއްލިއްޖެ ފުރާނައަކީ އަނބުރާ ލިބޭ އެއްޗެއް ނޫން ކަމުން ޝަރުއީ ހުކުމަކުން މީހަކު މަރާލެވެން ވާނީ ހަފަރާތް ރަނގަޅަށް ބަލާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުންނެވެ.
ރާއްޖޭގައި ކުރެވޭ ތަހުގީގުތަކާއި ކުށް ސާބިތު ކުރުމަށް ބެލެވޭ މިންގަނޑުތަކާއި ޝަރީއަތް ކުރެވޭ އުސޫލުތައް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލާ މީހާވެސް ގަބޫލު ކުރެއެވެ. ރާއްޖޭގައި އަމަލު ކުރެވޭ ގިނަ ގާނޫނު ތަކާއި ގަވައިދު ތަކަކީ ޖަޒްބާތީ ތަކެއްޗެވެ. ގިނަ ގާނޫނުތައް ހެދިފައި ހުންނަނީ ކަމެއް ދިމާވުމުން އެކަމަކަށް އެކަނި ފޯކަސް ކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ގާނޫނަކާއި ގަވައިދެއްގައި އިންތިހާއަށް ދޫމަޅި ގިނައެވެ.
ރައީސް މައުމޫނުގެ އެކްސްއަކަށް ޝައިޚް ނިޝާންގެ ރައްދު
ރާއްޖޭގެ ކޯޓަކުން ކުރި ހުކުމެއް ހަރާންވެގެން ބަޔަކު މީހުން މަގުމައްޗަށް ނިކުމެ އަޑު އުފުލާތާވެސް ކިހާދުވަހެއް ހެއްޔެވެ. ކޯޓުން ކުރި އެ ހުކުމެއް ހަރާން ވެގެން ވެރިކަމެއް ވެސް މިއޮތީ ބަދަލުވެފައެވެ. މިވަރު ގައުމެއްގައި ތިން ކޯޓުން ކީއްކުރަން ހެއްޔެވެ. ފަސް ކޯޓުން އެއްގޮތަށް ކުރިޔަސް ހުކުމެއް ހަރާން ވެދާނެއެވެ.
ކަމަކީ ހުކުމް ކުރަން ތިބޭ ބައެއްގެ ނާގާބިލު ކަމުން އެކަނި ވާކަން ކަމެއް ނޫނެވެ. ފަނޑިޔާރުންގެ ގާބިލުކަން ކިތަންމެ މައްޗަށް ދިޔަޔަސް ރާއްޖޭގައި އަމަލު ކުރެވޭ ގާނޫނުތައް ހުންނަ ގޮތުން ވަރަށް ގިނަ ފަހަރު އިންސާފު ކަށަވަރު ނުކުރެވިދެއެވެ. ތިން މަރުހަލާގެ ކޯޓު ތަކުން އެއް މައްސަލައެއް ބަލާ ނިންމާ ކުރެވޭ ހުކުމާ މެދު ޝައްކުގެ ނަޒަރުން ބެލެވެނީވެސް މާ ގިނައިންނެވެ. ހުކުމް ކުރެވޭ މައްސަލައާއި އެއްވެސް ގުޅުމެއް އަދި މަސްލަހަތެއް ނެތް އިލްމީ ހެޔޮވިސްނޭ މީހުނަށްވެސް ޝަރުއީ ހުކުމްތައް ޝައްކެއްނެތް މިންވަރަށް ކުރެވިފައި ހުންނަނީ ވަރަށް މަދުންނެވެ. ކަންކަން މިހެން ހުރުމުން ރާއްޖޭގައި އަދި މަރަށް މަރު ހިފުން ހެޔޮނުވާނެއޭ ބުނާ މީހާއެއީ އިސްލާމީ ޝަރީއަތަށް އިންކާރު ކުރަނީ ކަމަށް ހަދާ ލާދީނީ ސިއްކަ ޖަހަންޖެހޭ ސަބަބެއް ނޫނެވެ.
ޝެއިޚް ނިޝާނަށް ޝެއިޚް ފަޒްލޫނުގެ ބަސް
ކަންކަން މިހާ ހިސާބުގައި އޮތް ގައުމެއްގައި މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ދައްކަނީ އިސްލާމް ދީނުގެ ހައްގުގައި ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ. ރާއްޖެއަކީ މަރުގެ ހުކުމް ތަންފީޒު ކުރުންނޫން ހުރިހާ ކަމެއް އިސްލާމީ ޝަރީއަތާ މުޅިން އެއްގޮތަށް އަމަލު ކުރެވޭ ތަނަކީ ހެއްޔެވެ.
މަރަށް މަރު ހިފަން އަޑު ހަރުކޮށް ގޮވާލެވޭއިރު ރަޖަމް ކުރުމާއި އަތްކެނޑުމާއި ހައްދު ތައުޒީރު ކުރުން ފުރި ހަމަޔަށް ހިނގަ ހިނގާ އޮތް ތަނެއް ނޫންކަން ރަނގަޅަށް އެނގޭނެއެވެ. އެތައް ފާހިޝްކަމަކާއި މުންކަރާތް ތަކުން ގަޑުބަޑުވެ މުޅި ގައުމު އޮތީ ތަތްތެޅިފައެވެ.
ކިތަންމެ ފައިސާއަކާ މުދަލެއް އޮތަސް މުދަލު ޒަކާތަކީ ދައްކަންޖެހޭ އެއްޗަކަށް ނުވެއެވެ. ނަމާދަކީ ކުރާނެ އެހެން ކަމެއް ނެތިއްޔާ ކޮށްލަން އޮންނަ ކަމެކެވެ. ރޯދައަކީ ހިފާހިތްވާ މީހަކު ހިފަން އޮތް އެއްޗެކެވެ. ދީންވެރި ވުމަކީ އީދު ދުވަހު ގިޑިގެ ހަދާ ކުލަބޮކި ދިއްލާ ފޯރިނެގުމެވެ.
ރާބުއިމަކީ މާތް މީހުންގެ މާތްކަމެވެ. މަސްތުވާ އެއްޗެތި ބޭނުން ކުރުމަކީ ބައްޔެކެވެ. ގޭންގްތަކަކީ އިންސާފު ހޯދުމުގެ ކުރު މަގެވެ. ހިޔާނާތާއި މަކަރާ ހީލަތުން މުއްސަދިވާ މީހާއަކީ އެންމެ ސްމާޓް މީހާއެވެ. އެންމެ ގިނައިން ޒިނޭ ކުރާ މީހާއަކީ އެންމެ ކާމިޔާބު މީހާއެވެ. ޕާޓީކޮށް މަޖާކޮށް އެއް ޖިންސުން ގުޅުން ހިންގުމަކީ އިންސާނީ ހައްގެކެވެ. ކައިވެނީގެ ބޭރުން ދަރިން ހޯދުމަކީ، ގާނޫނީ ބަފައެއް ކަށަވަރުވާންޖެހޭ ތަނަކަށް ރާއްޖެ ވާން އޮތީ ފަރިކޮށްފައެވެ.
އާނއެކެވެ. ދިވެހި ރާއްޖެއަކީ ނިޒާމުގެތެރެއިން ރިބާ ހުއްދަ ގައުމެކެވެ. ނިޒާމުގެ ތެރެއިން ތަރުތީބު ވެގެން ޓެކްސްގެ ނަމުގައި ޓެކޭ ގައުމެކެވެ. ހައްޖު އުމްރާއަކީ ނަފާ ހޯދަން ކުރެވޭ ފަަތުރުވެރި ކަމުގެ ބޮޑު ވިޔަފާރިއެކެވެ. މިހެން ކިޔާފައި ނުކިޔާނެ އެއްކަމެއް ނެތެވެ. މިހުރިހާ ކަންކަން ލާމެހި މަސްހުނިވެ ތަރުތީބު ވެގެން ހިގާ ދިވެހިރާއްޖޭގައި ގިޞާސްހިފާ ވާހަކަ ސަރުކާރުން ދައްކަނީ ސިޔާސީ ގޮތުން ކުޅޭ ދީނީ ކާޑުގެ އެއްކަމެއްގެ ގޮތުގައެވެ. އަނެއްކޮޅުން އިސްލާމީ ޝަރީޢާ ތަންފީޒު ކުރަން އަޑުއުފުލާ މީހުންނަށް ގިޞާޞް ހިފުން ނޫން ހުރިހާ ކަމެއް ފުރިހަމަ ވެފައި ވަނީތާއެވެ.