ރާއްޖެއަކީ ރައީސް މުއިއްޒުގެ އެކަނި ގައުމެއްނޫން: މުހައްމަދު އައްބާސް
މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަމަކަށް ޖާގަ ދިނުމަކީ ގައުމަށް ގައްދާރުވުން
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ޖެހެމުންދާ ދަތި އުދަގޫ މުސީބާތްތަކާއި ވެއްޓެމުންދާ ދަތިހާލު ބަޔާން ކުރައްވާ ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް މުހައްމަދު އައްބާސް އަނެއްކާވެސް އެކްސްގައި ޕޯސްޓެއް ކުރައްވައިފިއެވެ. މެންބަރ މުހައްމަދު އައްބާސްއަކީ ރަންޔިތުންގެ ހާލަތާމެދު ކަން ބޮޑުވެ ވަޑައިގެން ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހާއި މީސް މީޑިއާގައި އަޑުއުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ.
ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިން ދަތިކަމެއް ނެތި ލިބެމުންދިޔަ ބޭސްތަކެއް މިހާރު ނުލިބޭ ކަމަށެވެ. ވޭތުވެދިޔަ 3 އަހަރު ގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެތައް މިލިއަން ރުފިޔާއެއް ހިމެނިގެން ދިޔަ ނަމަވެސް އެންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ނުލިބޭކަންވެސް އެ މަނިކުފާނު މިއަދުވެސް ފާހަގަ ކުރެއްވިއެވެ.
އެއްއަހަރުން އަނެއް އަހަރަށް ބޮޑުކޮށް އެކި ނަން ނަމުގައި ފާޑު ފާޑުގެ ޓެކުސްތަށް ނަގަމުން ދިޔަނަމަވެސް ވިޔަފާރިތަކަށް، ރައްޔިތުންނަށް ބޭނުންވާ ވަރަށް ޑޮލަރެއް ނުލިބޭކަމަށާއި ސަރުކާރުގެ ކަންކަން ސިއްރުކުރުން ބޮޑުވެގެން ގޮސް އާރް.ޓީ.އައި އަށްވެސް މަޢުލޫމާތެއް ނުލިބޭކަން ފާހަގަ ކުރެއްވިއެވެ.
ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ އަގައާ އަތާ ދިމާނުވާ ހާލަތަށް ގޮސްފައިވާކަން މިއަދުވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މެންބަރ މުހައްމަދު އައްބާސްއަކީ ސަރުކާރުން ކުރާ ރަގަޅުކަންކަންވެސް ފާހަގަ ކުރައްވާ ތަރުހީބު ދެއްވާ ރަނގަޅުކަންކަމަށް ސަރުކާރަށް އެއްބާރުލުން ދެއްވަމުންވެސް ގެންދަވާ ބޭފުޅެކެވެ.
ބޭރުގެ އިންވެސްޓްމަންޓްތަކަށް ވެސް އައްބާސް ދެކޮޅެއް ނުހައްދަވައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް ބޭރުގެ އިންވެސްޓްމަންޓްތަކުން އިންވެސްޓު ކުރުމަކީ އައްބާސް އެދިވަޑައިގަންނަވާ ގޮތެވެ. އެހެން ނަމަވެސް ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް އައްބާސް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.
ރަސްމާލެ އިންވެސްޓުމަންޓަކީ މިއީ ގައުމަށް ފައިދާހުރި އިންވެސްޓްމަންޓެއް ނަމަ ރައްޔިތުންނަށް އެއްބަސްވުން ސިއްރު ކުރައްވަނީ ކީއްވެތޯ މުހައްމަދު އައްބާސްވަނީ ސުވާލު އުފައްދަވާފައެވެ. ދައުލަތުގެ ހުރިހާ ވުޒާރާތަކެއްގެ ވެރިންނަށާއި މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރަން ދެކޮޅު ހައްދަވާ މުޅި މީޑިއާ ތަކުގައި ޑިފެންސައް ކުޅެނީ ކީއްވެތޯ ސުވާލުކުރައްވައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޙްތިރާމްކުރުމެއްނެތި ރައީސް ޑރ. މުއިއްޒު ބޭނުންފުޅު ވީމާ ބޭނުންފުޅު ބަޔަކަށް މި ގައުމުގެ ބިމުން އެންމެ އަކައިންޗިއެއްވެސް ވިއްކާ ނުލެވޭނެކަމަށް ވިދާޅުވެ އައްބާސް އިހުތިޖާޖު ކުރައްވައެވެ. އައްބާސް ވިދާޅުވާ ގޮތުގައި މިއީ ރައީސް ޑރ. މުއިއްޒުގެ އެކަނި ގައުމެއް ނޫނެވެ.
ރައީސް ޑރ. މުއިއްޒު ނޫން ބޭފުޅުން ވެސް ރާއްޖޭގައި ވެރިކަން ކުރައްވައިފިކަމަށާއި ޑރ. މުއިއްޒުހެން ގަދަބަސް ވިދާޅުވެފައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ގައުމުގެ މުސްތަގުބަލު ވެއްޔާ މޮޑެނުލައްވާ ކަމަށް އައްބާސް ވިދާޅުވެއެވެ.
އިގްތިސޯދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ކަމުގައި ވިޔަސް ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ދިނުމަކީ ރައީސް ޑރ. މުއިއްޒު ގައުމަށް ގައްދާރުވުން ނޫން ކަމަކަށް ނުވާނެކަމަށް ވެސް މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއެވެ.




