މިނިވަން ނޫސްވެރިކަން ނެތިކޮށްލަނީ ގޮށްމުށު ވެރިކަމެއްކުރަން

ދައުލަތުގެ ތިންބާރުގެ ތެރެއިން ހިންގުމުގެ ބާރުއޮތް ރައީސް މުއިއްޒުގެ މުށުތެރެއަށް ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ ލައިފިއެވެ. ބާރެއްގެ ގޮތުގައި ނުލިޔެވި އޮންނަ ހަތަރުވަނަ ބާރު މީޑިއާގެ ކޮންޓްރޯލު ނަގަން މުއިއްޒު ދަނީ ހުއްޓާނުލާ މަސައްކަތް ކުރަމުންނެވެ.
މީޑިއާ ކޮންޓްރޯލް ކުރަން ހުށަހެޅި ބިލާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އދ. އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނުރުހުން ފާޅުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ "ހުދުމުހުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން" ކަމަށެވެ.
"އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް ގޮވާލަން،" ޝާހިދު ވިދާޅުވިއެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެއެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ.
ޝާހިދު ވިދާޅުވިގޮތުގައި ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން އަޅާ އިތުރު ފިޔަވަޅެެއް ކަމަށެވެ
ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސްއާއި ނޫސްތަކުގެ ރެޖިސްޓްރީ ބާތިލްކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އދގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވަނީ "އެއީ ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތި ވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެއް،" ކަމުގައެވެ.