ބަޖެޓް ހުށަހެޅިގޮތަށް ފާސްކޮށްނުދީ ކަންކަން ނުވާ ވާހަކަ ނުދައްކާތި
ވިސްނުމަކީ ވަކި މީހަކު ވެރިކަމުގައި ނެތުމުން ވެރިމީހާގެ ވާގި ނައްތާލުންތަ!
ބަޖެޓަކީ ހަމަ ތިބެފައި ޖަހާލާ އަދަދުތަކެއް ނޫނެވެ. ދައުލަތުގެ ހުރިހާ މުއައްސަސާ ތަކުން ދުރާލާ އެކޮޅު މިކޮޅު ބަލައިގެން އެކުލަވާލާ އެއްޗެކެވެ. ކުރެވިފައި ހުރިކަންތަކާއި ކުރަންފަށައި ނުނިމި ހުރި ކަންކަމާއި ކުރިއަށް އޮތް އަހަރު ކުރެވެން ހުރި ކަންކަމަށް ބަލައި ހިސާބު ޖަހައިގެން ހަދާ އެއްޗެކެވެ. ވަކިކަމެއް ވަކިގޮތަކަށް ނުކުރެވިއްޖެ ނަމަ ދިމާވެދާނެ ގޮންޖެހުންތަކަށް ވެސް ބަޖެޓް ހެދުމުގައި ފުންކޮށް ރިއާޔަތް ކުރެއެވެ. ބަޖެޓް ހަދަނީ ކުރަމުންދާ ކަންކަމުގެ ތެރެއިން ހުއްޓާލަން ޖެހޭ ކަންކަމާއި އަލަށް ފަށަންޖެހޭ ކަންކަމާއި އެކަމެއް ކުރެވެން އޮތް ގޮތް އެނގިގެން އެހުރިހާ ކަންކަމަށް ރިއާޔަތް ކޮއްގެންނެވެ.
ދައުލަތުގެ އެންމެހާ ކަންކަން ކުރެވޭން އޮތްގޮތާ ކުރާނެ ގޮތް އެނގޭނީ އެކަމެއް ކުރުމާ ހަވާލުވެ ތިބި ބަޔަކަށެވެ. ހުރިހާ މުއައްސަސާ ތަކުން އެތަނެއްގެ ބަޖެޓް އެކުލަވާ ލުމަށްފަހު ދައުލަތުގެ މާލީ މުއައްސާއަށް ފޮނުވުމުން އެ ތަނުން ބަލަންޖެހޭ ބެލުން ތަކެއް ބަލާ މުއައްސަސާތަކާ މަސްވަރާ ކުރެއެވެ. ގެނެވެން އޮތް ހެޔޮ ބަދަލެއް މަސްވަރާކޮށްގެން ގެނެއެވެ. އުނިކޮށް އިތުރު ކުރަންޖެހޭ ކަންކަމަށް އުނި އިތުރު ގެނެއެވެ. އެހިސާބަށް ދާއިރު ހާލަތާ ގުޅޭ ގޮތުން ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް އޮންނަނީ އައިސް ނިމިފައެވެ. ހަރަދު ކުރާނެ ގޮތާއި އާމްދަނީ ހޯދާނެ ގޮތާއި އޮންނަނީ ރަނގަޅަށް ތަރުތީބު ކުރެވިފައެވެ. ބަޖެޓުގެ ހުރިހާ ކަމެއްހެން ނިންމަނީ ފަންނީ ގާބިލު މީހުންގެ އެތައްބަޔަކު އެއްވެ ތިބެއެވެ. ސިޔާސީ ތައައްސުބުން ނެއްޓި ތިބެ ދައުލަތް ހިންގުމަށް ފަހިވާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅަނީ ކަންކަމުގެ އެ ހުރިހާ ތަފްސީލުތަކާއި އެކުގައެވެ. ބަޖެޓް މަޖިލީހަށް ފާސް ކުރަން ފޮނުވަނީ ސިޔާސީ ހަސަދައިގައި ދައުލަތުގެ ހިންގުމުގެ ވާގި ނައްތާލާކަށް ނޫނެވެ. ކޮންމެ އިރަކު ވެސް ދައުލަތް ހިންގަން ތިބެނީ ކޮންމެ ވެސް ބައެކެވެ.
ރައްޔިތުންގެ މަންދޫބުންގެ ވިސްނުން ހުންނަން ވާނީ ވަކި މީހަކު ވެރިކަމުގައި ނެތުމުން ވެރިކަމުގައި ހުރި މީހާގެ ހަތަރެސް ފައި ބަނދެފައި ފަތަން މޫދަށް އެއްލާ ގޮތަކަށް ނޫނެވެ. ރައްޔިތުންނަށް ދައުލަތުން ކޮށްދޭން ޖެހޭ ކަންކަން ކުރިޔަ ނުދޭ ގޮތަކަށް ނޫނެވެ. ހަމައެއް ލަމައެއް ނެތި ކޮށާ ކުދިކޮށް ބޮޑުކުރާ ގޮތަކަށް ވެސް ނޫނެވެ.
ހިންގުމުން ބޭރުގައި ތިބޭ މީހުނަށް ކަންކަން ފެންނަ ގޮތާ ދުރު ތިބީންނަށް ފެންނަ ގޮތް ތަފާތު ވާނެއެވެ. ދުރު ތިބީންނަށް ގިނަ ފަހަރަށް އެނގޭނީ ގޮތް ކިޔާށެވެ. ދިމާވާ ގޮޖެހުންތަކާއި ހައްލެއް ގިނަ ފަހަރަކަށް ނޭގޭނެއެވެ.
އާނއެކެވެ. ރައްޔިތުންގެ މަންދޫބުންނަށް ސުވާލު އުފެދޭ ކަންކަން ވެސް ބަޖެޓްގައި ހުންނާނެއެވެ. ސުވާލުތަކަށް ޖަވާބު ހޯދުމާއި ކަމެއް ބަޖެޓްގައި ހިމެނިފައި އޮތް ވިސްނުމެއް ސާފު ކުރަން ވާނެއެވެ.
މިހެން މި ވާހަކަ ދައްކާއިރު މަޖިލީހުން ބަޖެޓް ދިރާސާ ކުރާކަން ވެސް އެނގެއެވެ. ރަނގަޅު ވިސްނުމުގައި އުފެއްދުންތެރި މަސައްކަތް ކުރާ މެންބަރުން ވެސް މަދެއް ނޫނެވެ. ދެރަކަމަކީ ވަކި މީހަކު ވެރިކަމުގައި ހުރީތީ އެ މީހެއްގެ ވާގި ނައްތާލަން ކޮންމެ ކަމެއްގެ ގޯސް ނަޒަރިއްޔާ ޕްރަމޯޓު ކުރާ މެންބަރުން ތިބުމެވެ. އެ ޒާތުގެ މެންބަރުންނަށް ރަނގަޅު އެއްކަމެއް ވެސް ނޯވެއެވެ. އެކަމަކު ހުރިހާ ކަމެއް ވެސް ދައުލަތުން ކޮށްދޭން ޖެހެއެވެ. ކަމެއް ކުރެވޭނެ ގޮތް ހަދާދީގެން ނުވެއެވެ. ފަހުން ކަންކަން ނުވާ ވާހަކަ ދައްކާ އާޑަ ފުރައްސާރަ ކުރާނީ ވެސް ހަމަ އެ މީހުނެވެ.
ތަނެއް ދޮރެއް ނުބަލާ ސިޔާސީ މަގުސަދެއް ހާސިލު ކުރަން ބަޖެޓަށް އެގޮތް މިގޮތް ހަދައިގެން ފާސް ކޮށްދޭ ބަޖެޓަކުން ރައްޔިތަކަށް ވާނެ މޮޅެއް ނުއޮންނާނެއެވެ. ގައުމު އިނދަ ޖެހި ބަނގުރޫޓުވުން ނޫން ކަމެއް ނުވާނެއެވެ. ތައައްސަބުން ފުރިގެން ތިބެ ހިތުހުރި ގޮތެއް ހަދައިގެން ބަޖެޓް ފާސް ކުރުމަށް ފަހު ކަންކަން ނުކުރެވޭ ވާހަކަ ނުދައްކައްޗެވެ.