ޖޭޕީގެ އިސްބަޔަކު އެމްޑީޕީ ކެންޑިޑޭޓާ ކޯލިޝަން ހެދުން

އެމްޑީޕީގެ ނަމުގައި މަޝްވަރާކޮށް ގޮތް ނިންމޭނީ ރިޔާސީ ކެންޑިޑޭޓަށް

ޖޭޕީގެ އިސްބަޔަކު އެމްޑީޕީ ކެންޑިޑޭޓާ ކޯލިޝަން ހެދުން

2023 އަށް އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާފައި އެބަހުއްޓެވެ. އެމްޑީޕީއާއި އެކު އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވްލޮޕމެންޓް އެލަޔަންސް (އެމްޑީއޭ)ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ބައިއަތު ހިފާފައެވެ. ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅިފަހުން 2023 ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްހޫރީ ޕާޓީއާއެކު އެމްޑީޕީން އެއްވެސް ފެންވަރެއްގައި މަޝްވަރާއެއް ނުކުރެވެއެވެ. 

އެމްޑީޕީގެ ނަމުގައި އެއްވެސް ކަމެއް އެކަކަށް ވެސް ކުރެވޭނީ އަސާސީ ގަވައިދުގައި ވާގޮތަށެވެ. އެމްޑީޕީގެ ރައީސަށް ވެސް ސިޔާސީ ގޮތުން ޕާޓީގެ ނަމުގައި ސިޔާސީ މަޝްވަރާއެއް ކުރެވޭނީ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން 2023 ގެ ރިޔާސީ އިންތިހާބާ ގުޅިގެން ނިންމުން ތަކެއް އޮތީ ނިންމަފައެވެ. 

2023 ގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ރަސްމީކޮށް ގަބޫލުކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ގައުމީ މަޖިލީހުން ވަނީ އަރުވާފައެވެ. ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީން ނިންމަން ޖެހޭ ނިންމުންތައް ނިންމުމާއި މަޝްވަރާ ކުރަންޖެހޭ ފަރާތަކާ މަޝްވަރާ ކުރުމާއި ކޯލިޝަން ހަދަންޖެހޭ ބަޔަކާ ކޯލިޝަން ހެދުމުގެ ހުރިހާ ބާރު އޮތީ ރިޔާސީ ކެންޑިޑޭޓަށް ގައުމީ މަޖިލީހުން ދީފައެވެ. އެހެން އެއްވެސް ފަރާތަކަށް އެމްޑީޕީގެ ނަމުގައި ސިޔާސީ މަޝްވަރާކޮށް ގޮތް ނިންމާކަށް ގައުމީ މަޖިލީހުން ބާރު ދީފައެއް ނުވެއެވެ.

މާ މޮޅު ކަމަކަށް ވެގެން ޖޭޕީ ލީޑަރޝިޕުގައި މަސައްކަތް ކުރާ ނިހާނުމެން ފަދަ މީހުން ޖޭޕީގެ ފަރާތުން ޝަހުސު އޮޅުވާލުމުގެ ޓްވީޓްތައް ކުރާއިރު ހީވާނީ ޖޭޕީ ކެންޑިޑޭޓް ހޮވަން އެމްޑީޕީން ބައިއަތު ހިފައިގެން އުޅޭ ހެންނެވެ.

ކުރެވެނީ ކިހާވަރެއްގެ ކުށެއްކަން އިހުސާސް ނުވެއެވެ. ނިހާނުމެން އެ ފާޑަށް ކުރާ ޓްވީޓުން ރައްޔިތުން މޮޔަ ހެއްދޭނެ ކަމަށް ހީކުރުމަކީ މާ މޮޅު ކަމެއް ނޫނެވެ. ނުކުޅެދުންތެރި ކަމެވެ. އެވަރު ކަމެއްގައި ވެސް ވައްކަމެއް ނޫނީ ކުރާކަށް ނިހާނުމެންނަކަށް ނޭނގޭނެއެވެ. 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާ ރިޔާސީ ޓިކެޓް ވަކި މީހަކަށް ދިނުމަށް ފަހު ރިޔާސީ އިންތިހާބު ނިމެންދެން އެމްޑީޕީގެ އެންމެ އިސްވެރިޔަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް އަސާސީ ގަވައިދު ސާފުކޮށް ބުނެއެވެ. 

އިސްވެ ބުނެވުނު ސަބަބާ ހުރެ ޖުމްހުރީ ޕާޓީން އެމްޑީޕީ ސެކެރެޓެރިއޭޓްއާއި އެކު ކޯލީޝަން ހެދުމުގެ މަޝްވަރާތައް ކުރެވެމުން ދާކަމަށް ޖޭޕީގެ ލީޑަރޝިޕުން ދައްކާ ދެއްކުމަކީ ޖޭޕީން ކުރާ ގާނޫނީ ކުށެކެވެ. ގާނޫނީ ގޮތުން ވަކި ފަރާތަކަށް ލިބިފައިވާ ބާރެއް ގައިރު ގާނޫނީ ގޮތުގައި ބޭނުން ކޮށްގެން މަންފާއެއް ހޯދުމެވެ. ކަމަކީ ޖިނާއީ ކުށެކެވެ. 

އެމްޑީޕީގެ މެންބަރުން ތަކެއް އެމްޑީޕީގެ ނަމުގައި ޖޭޕީއާއި އެކުގައި ކޯލިޝަން ހެދުމަކީ ޖޭޕީއަށް ބަލައިގަނެވޭ މޮޅުކަމެކެވެ. އެހެން ކަމަށް ވާނަމަ ޖޭޕީގެ މެންބަރުން ތަކެއް ޖޭޕީގެ ނަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޓާއި ކޯލިޝަން ހަދައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ކޮށްދޭން ފާޅުގައި މަސައްކަތް ކުރާތަން ލަހެއްނުވެ ފެންނާނެއެވެ.