ޖީއެސްޓީ ބޮޑުކަން އިހުސާސެއް ނުވާނެ!
ސަރުކާރުން ހުށަހެޅިގޮތަށް ބަޖެޓް ފާސްކޮށް ނުދީ ކަންކަން ނުކުރެވޭ ވާހަކަ ދައްކައިގެން ނުވާނެ!
މުޅި ބަޖެޓްގެ 19.7 ޕަސެންޓް ޕީއެސްއައިޕީ މަޝްރޫއު ތަކަށް ހާއްސަ ކުރެވިފައި ވަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އަމާޒު ހިފައިގެނެވެ. އެ މަޝްރޫއުތަކާ ގުޅިގެން އިގްތިސާދީ ދުޅަހެޔޮކަށް ބޮޑުތަނުން އިތުރުވެގެން ދާގޮތަށް ބައްޓަންކޮށް ތަންފީޒު ކުރެވޭ ސިޔާސަތުން %2 ޖީއެސްޓީ ބޮޑުވުމުގެ ބުރައެއް ރައްޔިތުންނަށް އިހުސާސެއް ނުވާނެއެވެ. އެ އަށްވުރެ ބޮޑަށް އާމްދަނީ އިތުރުވެ އަތްމަތި ތިޔާގި ވުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.
2023ގެ ބަޖެޓް އެ އޮތްގޮތަށް ތަންފީޒު ވުމުން ރައްޔިތުން ދަތުރުފަތުރަށް ކުރާ ހޭދަ 80 އިން ސައްތަ ކުޑަވެގެން ދާނެއެވެ. އަންނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީއަށް ހާއްސަ ކުރެވުނު ބައިގެ %28.9 ހޭދަ ކުރެވޭނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށެވެ. އޭރުން ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ އައު ދޮރުތައް ހުޅުވި ވަޒީފާގެ ފުރުސަތު ތައްމިނަށް އޮންނާނެއެވެ.
އަނެއް ކޮޅުން ހުޅުމާލެއާއި އެހެނިހެން ރަށް ރަށުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް 285.9 މިލިއަން ރުފިޔާ ހާއްސަ ކުރެވިފައި އޮތުމުން ބޯހިޔާވަހިކަމަށް ހީނުކުރާ ވަރުގެ ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އެހެންމެ ކުނި ނައްތާލުމަށް ބަޖެޓުން 630.2 މިލިއަން ރުފިޔާ ހޭދަކުރަން އެ އޮތީ ކަނޑައެޅިފައެވެ.
ފެނާއި ނަރުދަމާގެ މަޝްރޫއު ތަކަށް 567.2 މިލިއަން ރުފިޔާ އެކަށައަޅާފައި އޮތީ މިހާރު ކުރިޔަށް ދާ މަޝްރޫއުތައް ނިންމުމަށާއި އަލަށް ފަށާ މަޝްރޫއު ތަކަށެވެ. މި ބަޖެޓުން ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރަން 724.9 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ސިއްހީ ހިދުމަތް އިތުރު ހަރުފަތަކަށް މައޗަށް ޖައްސާލާނެއެވެ.
އާބާދީ އެންމެ ބޮޑު ދެ ސަރަހައްދު ކަމުގައިވާ މާލޭ އޭރިއާ އާއި އައްޑޫގެ ބިން ހިއްކުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެކެވެ. މި ބަޖެޓުން އެކަމަށް ހައްލު ހޯދާ ދޭނެއެވެ. އެ ގޮތުން ގުޅިފަޅާއި އައްޑޫ ބިން ހިއްކަން 463.4 މިލިއަން ރުފިޔާ ކަޑައެޅިފައި އެ އޮތީއެވެ.
ޕީއެސްއައިޕީގެ ހަރަދުތައް ހަމަޖައްސާނެ ގޮތްވެސް އޮޅުމެއް ނެތި ބަޖެޓުން ފެންނަން އެބައޮތެވެ. އެކަމަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެރެއިން 3.1 ބިލިއަން ރުފިޔާ ހަރަދު ކުރާނީ ޑޮމެސްޓިކް ބަޖެޓުންނެވެ. ބޭރުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ އާއި ބޭރުގެ ހިލޭ އެހީން 713 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އަދި ގްރީން ފަންޑުން 439.5 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދު ކުރާނެއެވެ.
ރާއްޖޭގެ އިގުތިސާދު ހަމައަކަށް އަޅުވާ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ރައްޔިތުންގެ މަންދޫބުން މި ބަޖެޓް ފާސްކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރައްޔިތުން އެދޭ ހެޔޮ ބަދަލަށް ވާސިލު ވެވޭނީ އޭރުންނެވެ. ހިތުހުރި ގޮތަކަށް ބަޖެޓު އޮޅުން ބޮޅުންކޮށް ކޮށާ އުނި އިތުރު ކޮށްގެން ފާސްކުރާ ބަޖެޓަކުން ލަނޑުދަނޑިތައް ހާސިލުނުވެ ހަލާކުގެ ތެރެއަށް ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ސަރުކާރުގެ ހުށަހެޅުމާއި އެއްގޮތަށް ބަޖެޓް ފާސްކޮށް ނުދީ ތިބެ ކަންކަން ނުކުރެވޭ ވާހަކަ އެއްވެސް މެންބަރަކު ދައްކައިގެން ނުވާނެތާއެވެ.
ދައުރު ނިމޭއިރު ފުރިހަމަ ވެފައި ހުންނާނެ ކަމަށް ސަރުކާރުން ބުނާ ކަންކަން ވޭތޯ ނުވޭތޯ ބަލައިލަން ވެސް ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރުން މަޖިލީހުގެ މެންބަރުންނަށް މުހިންމެވެ.