މުއިއްޒު ވެރިކަމުގާ ކަރަންޓްބިލް ބޮޑުކަމަށް ޕީއެންސީ ގަބޫލުކޮށްފި!

ކަރަންޓުގެ ހިދުމަތުން ފޮށިފެޅުމަކީ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން

މުއިއްޒު ވެރިކަމުގާ ކަރަންޓްބިލް ބޮޑުކަމަށް ޕީއެންސީ ގަބޫލުކޮށްފި!

ކަރަންޓުގެ ހިދުމަތް ދޭ ދެ ކުންފުނި ސްޓެލްކޯ އާއި ފެނަކައިން މުއިއްޒު ވެރިކަމަށް ވީފަހުން ފޮނުވި ބިލުތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ގިނަ ބަޔަކު ގަބޫލުކޮށްފިއެވެ. 

ސްޓެލްކޯއާއި ފެނަކައިގެ ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް މިހާރު ބޮޑުވާ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން މިއަދު ކުއްލި މައްސަލައެއް ހުށަހެޅިއެވެ. އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ. 

ކަރަންޓު ބިލު ބޮޑުވާ ސަބަބާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޖެހެމުންދާ ތަކުލީފުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެމްޑީޕީގެ ފަރާތުން ކުޑޫ ހުށަހެޅި ކުއްލި މައްސަލާގައި ސަރުކާރަށް ގޮވާލާފައިވެއެވެ. 

އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލައަކީ ބަހުސް ކުރަން ކަމުދާ ކުއްލި މަސަލައަކަށް ޕީއެންސީ މެންބަރުންނަށް ގިނަފަހަރު ނުވެއެވެ. އެމްޑީޕީގެ ކޮންމެ ކުއްލި މައްސަލައެއްހެން ސައްޕުޖަހާ ކޮށްލަނީ ބޭރެވެ. އެހެން ނަމަވެސް މިއަދު ހުށަހެޅި ކަރަންޓް ބިލު އާދަޔާ ހިލާފަށް ބޮޑުވާ މައްސަލަ މަޖިލީހުން ބޭރުކޮށް ނުލައި ބަލައިގަންނަން ފާސް ކުރުމުން ކަރަންޓް ބިލު ބޮޑުވާ މައްސަލައަކީ ޕީއެންސީގެ މެންބަރުން ވެސް ކަންބޮޑުވާ މައްސަލައެއްކަން ހާމަ ވެގެން ހިނގައްޖެއެވެ.

މުއިއްޒު ވެރިކަމަށް އެރީއްސުރެ ކަރަންޓް ބިލް ބޮޑުވާ ބޮޑުވުން އަންނަނީ އިތުރު ވަމުންނެވެ. ހިދުމަތުގެ އަގަށް ބަދަލެއް ނުގެނެސް ބިލް ބޮޑުވާ ބޮޑުވުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ. ކަރަންޓް ބޭނުންކުރާ މީހުންނާއި ނިސްބަތް އިތުރުނުވެ ކުރިއަށްވުރެ ދެގުނަ ތިންގުނަ ބޮޑުވެގެން އައުމަކީ ކަރަންޓުން ވައްކަން ކުރާކަމަށް މީހުން ަބޫލުކުރާ ސަބަބެވެ.

ހޫނު މިން މައްޗަށް ގޮސްގެން ބިލު ބޮޑުވާހެން ވިއްސާރަ މޫސުމުގައި ހޫނުމިން ދަށަށް ދިޔަސް ކަރަންޓް ބިލްވަނީ ބޮޑެވެ. ދައުލަތުގެ މާލިއްޔާއިން ބޭކާރު ހަރަދާއި އިންތިހާ ދަރަޖައަށް އިސްރާފު ކުރަމުން އެކަން ފޫބެއްދުމަށް ކަރަންޓުގެ ހިދުމަތުން ފޮށިފެޅުމަކީ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫނެވެ.