މުއިއްޒު ވަރަށް ގޯސްކޮށްކުރާ ހުއްޓާލަންޖެހޭ ކަމެއް!
ފެންނަ ނުފެންނަ ވޯޓުގެ ނަތިޖާއާއި އެކު ކަންތައް ތަކެއް ގޯސްކޮށް ކުރެވޭކަމަށް ރައީސް މުއިއްޒުވެސް ގަބޫލުކޮށްފި ކަހަލައެވެ. ވަޒީރުންގެ މަޖިލީހަށް އިއްޔެ ގެނަ ބަދަލަކީ އޭގެ ހެއްކެވެ.
ވަޒީރުން އިސްތުފާ ދިނީ ރައީސްގެ އިސްލާހީ މަސައްކަތަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. 15 ވުޒާރާއަށް ކެބިނެޓް ކުޑަކޮށްލުމަކީ ހެޔޮ ބަދަލެކެވެ. އެކަމަކު ބަދަލު ހެޔޮ ބަދަލަކަށްވާނީ އިސްތިއުފާ ދިން ހުރިހާ ވަޒީރުން ކޮންމެވެސް އެހެން ނަމެއްގައި ސަރުކާރުގެ ޕޭރޯލަށް ނުލައި ދޫކޮށްލިއްޔާއެވެ. ވުޒާރާތަކުގެ އިދާރީ އޮނި ގަނޑު ކުޑަކުރިއްޔާއެވެ. ވުޒާރާގައި ކުރަން ހުރި މަސައްކަތްތައް ދެނެގަނެ ކުރަންޖެހޭ މަސައްކަތަށް ކޮންމެހެން ބޭނުންވާ މީހުންނޫން އެންމެން ދޫކޮށްލިއްޔާއެވެ. ވުޒާރާތައް ހިންގަން ބޮޑު އަގުގައި ކުއްޔަށް ހިފާފައިވާހާ ތަންތަން ދޫކޮށްލިއްޔާއެވެ.
ވުޒާރާތައް މަދުކޮށް އެއްގޮތް މަސައްކަތްތައް އެއްތަންކޮށް ކޮންމެހެން ބޭނުންވާ މީހަކު ނޫނީ ސަރުކާރުން މުސާރަދޭ އެކަކުވެސް ހުރެގެން ނުވާނެއެވެ. މީހުނަށް ވަޒީފާ ދިނުމުގެ ބަދަލުގައި ވަޒީފާއަށް މީހުން ނުހޯދާހާ ހިނދަކު ހަގީގީ އިސްލާހެއް ނުފެންނާނެއެވެ. ކަމެއް ނެތް ނަމެއްގައި ސަރުކާރުގެ ޕޭރޯލުގައި ތިބި އެންމެން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުން ބޭރުނުކޮށް ނަތީޖާއެއް ނުފެންނާނެއެވެ.
ވުޒާރާތައް މަދުކުރިހެން ބޭރު ގައުމުތަކުގައިހުރި ދިވެހި މިޝަންތައް ވަރަށް ބޮޑަށް މަދުކޮށްލަން ޖެހެއެވެ. އދ އާއި އީޔޫއާއި އިނގިރޭސި ވިލާތާއި ސްރީލަންކާ ނޫން ތަނެއްގައި ދާއިމީ މިޝަނެއް ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ގައުމެއްގައި ދިވެހި އެންބަސީއެއް ނެތަސް އަވައްޓެރި ސްރީލަންކާގައި މުޅި ދުނިޔޭގެ ޑިޕްލޮމެޓިކް މިޝަންތައް ހުރުމުން ލަންކާއާއި ހަމައިން ބައިނަލް އަގުވާމީ ގުޅުންތައް ހުރިހާ ލެވެލެއްގައި ދެމެހެއްޓުމަކަށް އެއްވެސް ހުރަހެއް ނުއޮންނާނެއެވެ.
ބޮޑުވަރަކަށް އެންމެ ގިނައިން ދިވެހިން އައިސް ގޮސްއުޅޭ އިންޑިއާގެ ކެރެލާއާއި މެލޭސިޔާ ފަދަ ތަންތާ ކޮންސިއުލޭޓެއް ބަހައްޓާލައިގެން ފުއްދާލެވޭނެއެވެ. ބޭރުގެ މިޝަންތަކުގައި ސިޔާސީ ބަލަދުވެރިން ބައިތިއްބައިގެން އެމީހުނަށް ހޭދަކުރާ ތަންތަނަށް ދިވެހި މިޝަންތައް ހަދައިގެން އުޅޭއުޅުން މިހާރުން މިހާރަށް ހުއްޓާނުލާ މީހުން ބަދަލު ކުރުމަކުން ވާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ.
ހަގީގަތަކީ ކުރަން ހުންނަ ކަންކަމަށް މީހުން ހޯދުމުގެ ބަދަލުގައި ބަޔަކަށް މުސާރައެއްދޭން މީހުންނަށް ވަޒީފާ ދިނުމަކީ މުއިއްޒު ވަރަށް ގޯސްކޮށް ކުރާކަމެކެވެ. މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމެކެވެ.


