ރަސްފަންނާއި ސަލްޓަން ޕާރކު އަލުން އާރާސްތުކުރުން ކުރިއަށް!

ރަސްފަނާއި ސަލްޓަން ޕާރކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީއެވެ. ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތް ސަލްޓަން ޕާރކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ފަށައިފައެވެ.
2016 ވަނަ އަހަރު ބޮޑެތި ބަދަލުތަކާއެކު އަލުން ހުޅުވުނު ސަލްޓަން ޕާރކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތާނގެ އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށް އިޢުލާނުކޮށްފައެވެ. ސަލްޓަން ޕާރކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަނެެވެ.
ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅު ކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ އަންނަ ހަފްތާގެ ތެރޭގައި އެތަނުން ޗަކަ ނަގައި، މައިގަނޑު އާބާތުރައިގެ މަސައްކަތް ފަށާނެއެވެ.
ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާތިލުކުރެވިފައެވެ. މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ މާލެ ސިޓީ ކައުންސިލުންނެވެ.