މާލޭ މީހުން ވޯޓުލާން ނުނިކުތީ ކީއްވެ!

ހަގީގަތަކީ ކޮބައިކަން އާއްމު ރައްޔިތުންނަށް އެނގޭ

މާލޭ މީހުން ވޯޓުލާން ނުނިކުތީ ކީއްވެ!

ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ އެންމެ މަތިވެރި ހައްގަކީ ވޯޓު ދިނުމުގެ ހައްގެވެ. އެ ހައްގު އަދާ ކުރާ ގޮތަކުން ކޮންމެ ފަދަ ގޮތެއް ވެދާނެ ކަން އެންމެނަށްމެ ރަނގަޅަށް އެނގެއެވެ. އެންމެ ވޯޓަކުން ވެސް ނަތީޖާ ބަދަލު ވެދާނެ ކަންވެސް އެނގެއެވެ. އެހެނެއް ކަމަކު ފޫގަޅާފައި ނިކުމެ ވޯޓު ދީގެން މަގާމުތަކަށް މީހުން ހޮވާ ދިނުމަށް ރައްޔިތުން މިހާރު ފޫހިވެއްޖެއެވެ.

މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފް ވުމާއެކު ކުޑަކާފު ބޮޑުކާފު ޒަމާން މާޒީއަށްވެ ވޯޓުފޮށި ދޮށުން ވަގުތުން ނަތީޖާ ލިބެންފެށިއެވެ. ރައްޔިތުން ބޭނުންވާ މީހާ ހޮވުމުގައި އިތުބާރާ ޔަގީންކަން ބޮޑުވެ ރައްޔިތުންގެ ގިނަ މީހުން ބޭނުންވާ މީހާ އިންތިހާބު ކުރެވޭކަން ޔަގީން ކުރެވުނެވެ. ފޯރި ގަދަ ކެންޕޭނުތައް ހިންގައިގެން ޕާޓީ މީހާ މަގާމަށް ގެންނަން ރޭނިދި ނުނިދާ އުޅެގެން ކައުންސިލްތަކާއި މަޖިލީހާއި ރައީސް ކަމަށް  މީހުން އިންތިހާބު ކުރެއެވެ. 

މަގާމުތަކަށް ރައްޔިތުން މީހުން އިންތިހާބު ކުރަނީ ބަޔަކަށް ބޮޑު މުސާރައާއި ބާރު ހޯދާދޭކަށް ނޫނެވެ. ގައުމު ހަމަ މަގުގައި ހިފަހައްޓާ ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރުމަށެވެ. ކޮންމެ ޕާޓީއަކުން ވެސް ގަބޫލުކުރާ ފަލްސަފާ ތަކާއި އުސޫލު ތަކުގެ ތެރެއިން ރައްޔިތުންނަށް މޮޅާއި ރަނގަޅު ހޯދުމަށެވެ.

އިންތިހާބު ވުމަށްޓަކައި ރައްޔިތުންގެ ތެރޭގައި ވިއްކާ ފިކުރާއި ހިޔާލާއި ވައުދުތައް ގަބޫލުކޮށް މީހުން އިންތިހާބު ކުރަނީ ކަށީގެ މަދަށް ބަޔަކު މަސައްކަތް ކޮށްގެންނެވެ. މުހުތާދު ޖެހިފައި ތިބޭ ރައްޔިތުންގެ ނިކަމެތި ކަމުގެ ފައިދާ ނަގައިގެން ވެސް މަގާމަކަށް މީހަކު އިންތިހާބު ވަނީ ރައްޔިތުންގެ މޮޅާއި ލާބައަށްޓަކައެވެ.

އަމިއްލަ ނަފުސަށް ކަމެއް ވިޔަސް ނުވިޔަސް ޕާޓީ ޓިކެޓްގައި ނިކުންނަ މީހާއަށް ވޯޓު ދީގެން ޕާޓީ ބާރުވެރި ކުރުވުމަކީ ގިނަ ބަޔަކު މަގާމަކަށް މީހަކު އިންތިހާބު ކުރާ ސަބަބެވެ. ރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިހާބަކުން ވެސް ފެންނަން އޮތީ ޕާޓީ ބާރުވެރި ކުރުވުމެވެ. އެހެނަސް ޕާޓީ ބާރުވެރި ކުރުމަށް ވޯޓު ހޯދައިގެން އިންތިހާބު ވުމަށް ފަހު ރައްޔިތުން އިންތިހާބު ކުރި ހައިސިއްޔަތު ބަދަލު ކުރުމަކީ އާދައިގެ ކަމެއް ކަމަށް ވެއްޖެއެވެ. 

އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ޕާޓީ ބަދަލު ކުރުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެއްނޫނެވެ. ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކުރުމަކީ ވޯޓުދީގެން މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ރައްޔިތުން ފޫހިވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. އިންތިހާބުވާ ހައިސިއްޔަތު ދޫކޮށް އެނޫން ގޮތެއް ހިޔާރު ކުރުމުގައި ހައްދު ފަހަނައަޅާ ދިޔުމުން މުޅި ނިޒާމު ބޮޑު ފަކުރަކަށް ވެއްޖެއެވެ. 

މަގާމަކަށް ރައްޔިތުން އިންތިހާބު ކުރުމުން ގޮނޑި ވިއްކާލައިގެން އަމިއްލަ ބޮޑި ބޮޑުކުރަން ރައްޔިތުންދޭ ވޯޓަށް ހަރާންކޯރުވުން އިންތިހާއަށް ބޮޑުވުމުން ވޯޓު ދީގެން ކަންކަމަށް މީހުން ހޮވާކަށް ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. ރިޝްވަތުގެ ހަރާން ފައިސާގައި ހިފައިގެން ޕާޓީ ބަދަލުކޮށްފައި ކަން ހަލާލު ކުރަން ބުނެ އުޅެނީ ރައްޔިތުންގެ ހެވާ ލާބައަށް ކުރިކަމެއް ކަމަށެވެ. ކިތަންމެ މޮޅު ވާހަކައެއް ދެއްކިޔަސް ހަގީގަތަކީ ކޮބައިކަން އާއްމު ރައްޔިތުންނަށް އެނގެއެވެ. 

އިންތިހާބު ތަކުގައި ވޯޓުލުމަށް ރައްޔިތުން ފޫހިވީ އެހެން ސަބަބުތައް ވެސް ބައިވަރެވެ. އޭގެތެރެއިން ދޮގުވައުދު ވެގެން ރައްޔިތުންނަށް އޮޅުވާލައިގެން މަގާމު ހޯދުމަކީ ކުޑަކަމެއް ނޫނެވެ. މަތި މައްޗަށް ބުހުތާން ދޮގު ހަދައިގެން މަގާމު ހޯދައިގެން ބާރުތައް އަންބޮޑިއަށް ޖަހާތަން ދިމާލަން ފެންނަން ފެށީމާ އިންތިހާބު ތަކުގައި ވޯޓު ދިނުމުގެ ބޭނުން ކެނޑިއްޖެކަމަށް ރައްޔިތުން ގަބޫލުކޮށްފިއެވެ. 

އިއްޔެ ނިމިދިޔަ މާލޭސިޓީ ކައުންސިލްގެ ބައި އިލެކްޝަނުން ފެނިގެން އެދިޔައީ އެ ހަގީގަތެވެ. އިންތިހާބު ކުރާ މީހުންނާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައި ވާވަރެވެ. މާލޭ ރައްޔިތުންގެ 70 އިންސައްތަ މީހުން ވޯޓުލާން ނުނިކުތް ނުނިކުތުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ރައްޔިތުން އިތުބާރު ނުކުރާކަން ދައްކާދިން ދިނުމެކެވެ.