ރިޕަބްލިކް އޮފް ބުރުމާ މޯލްޑިވްސް

ރިޕަބްލިކް އޮފް ބުރުމާ މޯލްޑިވްސް

މާމިގިލީ ބުރުމާ އިބްރާހީމުގެ ގާސިމެކޭ ފާލު ބުރުމާއެކޭ ތަފާތެއް ނެތެވެ. އެއިރަކު ފާލު އެޅިފައި ހުރި އަތަކަށް އެނބުރެނީ ތިޔަހެންނަކުން ނޫނެވެ. ބޭނުން އަތަކަށް ފާލު އަޅުވައިގެން އެނބުރެން ފާލު ބުރުމާ ހަމަ މޮޅީއެވެ. 

މައުމޫނުގެ ގަދަ 30 އަހަރު އެންދެރިމާގޭ ހިޔަނީގައި މައުމޫނު މުއްޕަތުން ހަމަ އިސްކޮޅަށް ދެމެލިއެވެ. ހިތްފުރޭވަރު ދައުލަތުގެ ތެރެއިން ކޮށްލައިގެން ނިކުމެ މައުމޫނުގެ ވެރިކަން ވައްޓާލަން އިސްވެހުރެ މައުމޫނުގެ ދުވަސް ދުއްވާލީ އިތުރަށް އަމިއްލަ ބާލީހަށް ލައްވާނެ އިތުރު ބަންޑާރަ ކަފަކޮޅެއް ލިބެން ނެތިގެންނެވެ. 

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ލިބުނު ބައިކުޑަވެ 21 ދުވަސް ތެރޭގައި ކޯލިޝަނުން ވަކިވެ ރިޝްވަތުގެ ހުތުރު ފައިސާގައި ބަގާވާތް ފެއްޓިއެވެ. މަނީ މަނީ ޔޭސް ސަރ ގައި ފުލުހުން ޖައްސައިގެން ވަތަންއެދޭ އިއްތިހާދުގެ ވެރިކަން ވައްޓާލީ ދައުލަތް ނޮޅާކާލަން ހިތަކަށް ނުލިބިގެންންނެވެ.

ދެނަކާ ދެނެއްނެތެވެ. ވަހީދުގެ ބަގަވީ ވެރިކަމުގައި ފަތުއަޑުކިޔާފައި މުޅި ދައުލަތް ތޮރުފާ ފުރޭނިގަޑަކަށް ހަދާލިއެވެ. އެތައް ފަޅަކާ ބިމެއް ކައްވާލިއެވެ. ދައުލަތުގެ ހަޒާނާ ފަހުން ވެސް ލޫޓުވާ ލެވޭ ގޮތައް އެގްރިމެންޓްތައް ހެދިއެވެ. 

ޔާމީނު ވެރިކަމުގައި ކޯލިޝަން ހަދައިގެން ބޭނުންހާ ކަމެއް ނުވުމުން ވެސް މައިތިރިއެއް ނުވިއެވެ. ވަހީދު ވެރިކަމުގައި ހެއްދި އެއްބަސްވުން ތަކަށް އަމަލުނުކޮށް ހީލަތްތެރި ގޮތަކަށް ބާތިލުކުރުވިއެވެ. ފަނޑިޔާރުން ރިޝްވަތުގެ މަޅީގައި ޖައްސުވާފާ ބައިތިއްބައިގެން ބަދަލު ހޯދުމުގެ ނަމުގައި ދައުލަތް ނޮޅާލެވޭނެ ބިޔަނހުކުމްތައް ނެރުވިއެވެ. 

ދެންއައީ ޔާމިނުގެ ވެރިކަން ވައްޓާލައިގެން ޝަރުއީ ހުކުމްތައް ބޭނުން ކޮށްގެން ބަދަލު ހޯދުމުގެ ދައުރެވެ. އިބޫ ސަރުކާރުގެ 33 އިންސައްތަ ހިއްސާކޮށްގެން މުޅި ވެރިކަން ހަރާބުކުރިއެވެ. 

ކޮވިޑް އެއިޑްގެ ބޮޑުއެއްޗެއް ޖީބަށް ޖަހާލިއިރު ފެސިލިޓިތަކަށް އަމިއްލަ ރިސޯޓްތައް ދީގެން ޖީބުފުރިއެވެ. ޓްރާންސްޕޯޓާއި ޓޫރިޒަމާއި ހެލްތަށް އަމިއްލަ ޕަޕެޓުން ވަޒިރުންނަށް ލައިގެން ކުޅިޖަހާ ކުޅިހަމަކުރިއެވެ. 

އަމިއްލަ އަނބިމީހާ ވަޒީރުކަމުގައި ހުރި ކުރީ ސަރުކާރޭ ދަރަންޏޭ  މަސައްކަތުގެ އަގޭ ކިޔައިގެން ފޮނުއަރުވަން ބުރުމާ ގާސިމް ލަދެއް ނުގަނެއެވެ. މުއިއްޒު ޅޮސް އުނދޯއްޔަށް އަރުވައިގެން މުޅި ދައުލަތް ރިޕަބްލިކް އޮފް ބުރުމާ މޯލްޑިވްސްއަށް ބަދަލުނުކޮށް ސަލާމަތް ވިއްޔާ ރަނގަޅެވެ.