ޣައިރުގާނޫނީ ބަންޑާރަނައިބު އުޝާމް ހިންގާ ސްކޭމެއް!
ދައުލަތުގެ ނަމުގައި ގާނޫނީ ސައްހަކަން ނެތް އެއްބަސްވުންތައް ހަދާ ދައުލަތް ފުޅިއްސާލުން
މަޖިލީހުގެ ރުހުން ނެތް ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް އިސްކޮށް ބަހައްޓައިގެން ދައުލަތުގެ ނަމުގައި ގާނޫނީ ސައްހަކަން ނެތް އެއްބަސްވުންތައް ހަދާ ދައުލަތް ފުޅިއްސާލަން މުއިއްޒު ކުރާ ކަންކަމުގެ ތެރޭގައި ވިއްކާލި ކަމަށް ބުނާ ކަނޑު ހޯދުމުގެ ނަމުގައި ބޮޑުވެގެންވާ ސްކޭމެއް ހިންގަން ވަނީ ފަށަފައެވެ. ކުރީގެ ފަނޑިޔާރު އަނިލް އިސްކޮށް ބަހައްޓައިގެން ކޮމެޓީއެއް ހަދައިގެންނެވެ. މުއިއްޒަށް ކުޅިގަނޑު ކުޅެދިނުމުގެ ފަހަތުގައި ފޮރުވިގެން ތިބީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުއްލާ ދީދީއާއި އާޒިމާ ޝުކޫރެވެ.
މުއިއްޒު ވެރިކަމަށް އަންނަން އުޅުނު އިރު ދެއްކި ބޮޑު އެއް ވާހަކައަކީ ކަނޑު ވިއްކާލި ވާހަކައެވެ. ވިއްކާލި ކަނޑު ހޯދަން ޕެޓިޝަން ހަދާ، ހެދި ޕެޓިޝަނަށް ހެޔޮވަރުގެ އަދަދަކަށް ސޮއި ނުލިބިގެން ޕެޓިޝަން އޮޅާލާ ޖެހިތާކަށް ޖަހާ އެ އެއްޗެއްގެ ކުލަވެސް ފަހަކުން ނުފެނެއެވެ. ދެން ކިޔަންފެށީ ކަނޑުވިއްކާލި ސިޓީއެއްގެ ވާހަކައެވެ. މޮރިޝަސްއަށް ފޮނުވި ސިޓީއަކުން ކަނޑު ވިއްކާލާފައި ވާކަމަށެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެގައުމުގެ އެންމެ އިސްވެރިންގެ މެދުގައި ބަދަލު ކުރެވިފައިވާ އެ ސިޓީއެއް ހާމަ ނުކޮށްގެން ހީވީ ބައެއްގެ ފަޔަށް ހިނި އަރައިގެން ތެޅި ފޮޅުނުހެނެވެ. ސިޓީއަކުން ކަނޑު ވިއްކާލިކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ވެގެން އުޅުނު އިރު ހީވީ އެހެން ކަމެއް ވެގެން އުޅުނު ހެންނެވެ. ވެރިކަމަށް އަރާގޮތަށް އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރާނެކަމަށް ބުނެ ވައުދުވިއެވެ.
ވެރިކަމަށް އެރިގޮތަށް އަރާ އެއްކަލަ ސިޓީ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެބުނާ ސިޓީއެއްގައި ކަނޑު ވިއްކުމާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެކަމާ ގަތްލަދުން ހާމަކުރަން ބުނި އެއްކަލަ ސިޓީ ހާމަނުކުރާން މުއިއްޒު ގަދަފައި ވިއްދިއެވެ. ޕްރެޝަރ ބޮޑުވެ އެހެން ގޮތެއް ނެތިގެން އެއްކަލަ ސިޓީ ޖެހުނީ ހާމަކުރާށެވެ. އެ ސިޓީގެ ހަގީގަތް ހާމަވެ ބުޅާ ގޯނިން ބޭރުވެ މުއިއްޒުގެ ކައްޒާބުކަން ރައްޔިތުންނަށް އިތުރަށް ހާމަވިއެވެ.
ކަނޑުގެ ގާނޫނާއި ބައިނަލްއަގުވާމީ ވައްޓަފާޅި ނުދަންނަ ބައެއްގެ މައްޗަށް އެކުލެވޭ ކުރިން ބުނި ކޮމެޓީން ކުރަން ޖެއްސި މަސައްކަތަކީ އިޓްލޮސްއިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ އިމުގެ ފުށުއެރުން ހައްލުކުރުމުގައި ގޯހެއް ހަދާފާ އޮތްތޯ ބެލުމެވެ. ވިއްކާލިކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެގެން ކަނޑު ހޯދަދޭން ވެރިކަމަށް އައި ބަޔަކު އިތުރަށް ހޯދަން އޮންނާނީ ހަދާފައި އޮތް ކޮން ގޯހެއް ހެއްޔެވެ. ގޯހެއް ހަދާފައި އޮތްތޯ ބަލަން ޖެހޭނީ ހެދި ގޯހެއް ފެންނަން ނެތީމައެވެ. ހަގީގަތުގައި ކަމަކީ ގައިރު ގާނޫނީ ބަންޑާރަ ނައިބު ލައްވާ މުއިއްޒު ހިންގުވާ ބޮޑު ސްކޭމެކެވެ.
ކަނޑު ވިއްކާލި ކަމަށް ދެއްކި ބުހުތާން ދޮގު ހަލާލު ކުރުމަށާއި ދައުލަތް ދަވާލަން އަތްގުޅި ނުކާވަރުގެ ބޮޑު އަގެއްގައި ބޭރު ބަޔަކު ލައްވާ ކަނޑު ހޯދުމުގެ ނަމުގައި ކުރާކަމަކީ މިލިޔަން މިލިޔަނުން ދައުލަތުގެ ފައިސާ ބައި އަޅައިގެން ކައި ހުސްކުރުމެވެ. އިޓްލޮސްގެ އެއްވެސް ނިންމުމެއް އިސްތުނާފް ނުކުރެވޭނެ ކަން އެނގިތިބެ ދައުލަތުން ފައިސާ އިސްރާފު ކުރަނީ އެހެންވެއެވެ. އިސްތިއުނާފް ކުރެވެން ނެތް ކަމެއްގައި މައްސަލަ ރިވިއުކުރުމުގެ ނަމުގައި ބޭރު ބަޔަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ޖަހަން އުޅޭ މަރުސަކަރާތުގެ ކޮޅެއް މެދެއް ނޭނގެއެވެ. ކާމިޔާބުވުމުގެ ކުޑަވެސް ފުރުސަތެއް އޮތް ކަމަށް ނުބެލެވޭ ކަމަކަށް އެތައް މިލިޔަން ޑޮލަރެއް ހަރަދު ކުރުމަކީ ދައުލަތް ދަވާލުމުގެ އުކުޅެކެވެ.
އެހެން ނޫނަސް ރައްޔިތުންގެ މަޖިލީހުގެ ރުހުންނެއް އުޝާމު ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން އޮތް ކަންކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެއް އުޝާމު ބަންޑާރަ ނައިބުގެ ނަމުގައި ކުރާ އެއްވެސް ކަމަކަށް ދައުލަތުން ޒިންމާ ވުމަކީ ހިންގާ ގާނޫނީ ހައިސިއްޔަތު ނެތް ބޮޑުވެގެންވާ ސްކޭމެކެވެ.