މުއިއްޒުގެ ދޮގު ދޮލަނގު ކުނިވެއްޖެ: ޝާހިދު

އެމްޑީޕީން ރާއްޖެއަށް ނިކަމެތިވާނެ ކަމެއް ނުކުރާނެ

މުއިއްޒުގެ ދޮގު ދޮލަނގު ކުނިވެއްޖެ: ޝާހިދު

އެމްޑީޕީން ރާއްޖެ އަށް ނިކަމެތިވާ ފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނެ ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އިދިކޮޅުގައި ތިއްބަސް ރާއްޖެ އަށް ނިކަމެތިކަން ލިބޭނެ ކަމެއް އެމްޑީޕީއަކުން ނުކުރާނެ ކަމަށާއި އެފަދަ ކަމެއް ކުރިޔަ ވެސް ނުދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެ ހެޔޮ ފާލަށް ގެންގޮސްފައި ވަނީ އެމްޑީޕީން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭންގައި ރޭ މާލޭގައި ބޭއްވި ދަނޑިކޮށީ ހަރުގެ ޖަލްސާގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ޕީޕީއެމް/ޕީއެންސީން ބޮލަށް ލައިގެން ހިނގި ފިތުނައިގެ ދޮލަނގުގައި ހުރިއްޔާ ހުރި އެއްޗެއް ކުނިވެ ހަރާބުވެ ފަނި އަޅައި ފަނިފަކުސާއަށް ވެގެން ހިނގެއްޖެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބި ކަމަށް ބުނެ ފެތުރި ވާހަކަތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނެ ކުރި ތުހުމަތު ތަކުގައި ވެސް އެއްވެސް އަސްލެއް ނެތްކަން މިހާރު ހާމަވެފައިވާ ކަމަށެވެ.

" ބޮލަށް ލައިގެން ހިނގި ފިތުނައިގެ ދޮލަނގުގައި ހުރީއްޔާ ހުރި އެއްޗެއް 52 ދުވަސް ނުވަނީސް ކުނިވެއްޖެ. އެއިން ދުވާ ނުބައި ވަހުން ރާއްޖޭގެ ރައްޔިތުންނަށް، މާލޭގެ ރައްޔިތުންނަށް ނޯއް ދަމާލަން ނުކެރޭ" ކަމަށް ޝާހިދު ވިދާޅުވިއެވެ.