ސްޓެލްކޯގެ ޓެކްނިކަލް މަގާމުތަކަށް އަންހެނުންނަށް މަރުހަބާ!

ސްޓެލްކޯއަކީ މިވަގުތު "މޭލް ޑޮމިނެންޓް" މުއައްސަސާއެއް.

ސްޓެލްކޯގެ ޓެކްނިކަލް މަގާމުތަކަށް އަންހެނުންނަށް މަރުހަބާ!

ސްޓެލްކޯގައި ޓެކްނިކަލް މަސައްކަތް ކުރަން ޝައުގުވެރިވާ ކަނބަލުން ސްޓެލްކޯގެ ޓެކްނިކަލް މަގާމުތަކަށް ކުރިމަތިލުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް އެދި ވަޑައިގެންފިއެވެ. އިނޖީނޭރުކަމަށާއި އިލެކްޓްރިޝަން ކަމަށާއި ޓެކްނީޝަނުންގެ ގޮތުގައި އިންޖީނުގޭގައި މަސައްކަތް ކުރުމަށް އަންހެނުން ކުރި މަތިލުމަށް އެމްޑީ ޝަރީފް އެދިވަޑައިގަތީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އިނޖީނޭރުކަމަށާއި އިލެކްޓްރިޝަން ކަމަށާއި ޓެކްނީޝަނުންގެ ގޮތުގައި އިންޖީނުގޭގައި މަސައްކަތް ކުރުމަށް ކުރިމަތިލައިގެން ސްޓެލްކޯގެ ވަޒީފާއަށް ވަންނަ ކަނބަލުންނަށް އިތުރު އެލަވަންސެއް ތައާރަފް ކުރުމުގެ ވިސްނުން އޮތްކަމަށް ޝަރީފް ވިދާޅުވިއެވެ. ބޭނުމަކީ ސްޓެލްކޯގެ ހުރިހާ ދާއިރާއެއްގައި އަންހެނުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެފައިއޮތުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވި ގޮތުގައި ސްޓެލްކޯއަކީ މިވަގުތު "މޭލް ޑޮމިނެންޓް" މުއައްސަސާއެކެވެ. ސްޓެލްކޯގައި މަސައްކަތްކުރާ 1500އަށް ވުރެ ގިނަ މުއައްޒަފުން ތިބިއިރު އަންހެނުންގެ ނިސްބަތަކީ ވިއްސަކަށް ޕަސެންޓެވެ. ސްޓެލްކޯގައި އަންހެން މުއައްޒަފުން އެންމެ ގިނައީ މާލޭގައި ކަމަށާއި އަތޮޅު ތެރޭގައި އަންހެން މުއައްޒަފުން ވަރަށް މަދުކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ. ސްޓެލްކޯގައި ވަޒީފާ އަދާކުރާ އަންހެން މުއައްޒަފުން މަދުވުމުގެ މައްސަލަ ހައްލުކޮށް ހަމަހަމަ ފުރުސަތު ހޯދާދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.