ކުއްޔަށް އުޅުނުބަޔަކު ކުލި ނުދައްކާން ގޭގެވެރިމީހާ މަރާލައިފި
މަރާލެވުނު މީހާއަކީ ލޯޔަރެއް
ބެންގަލޫރުގެ ވައިޓްފީލްޑް ސަރަހައްދުގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު، ކުލި ނުދައްކާ އޮތް މައްސަލައެއްގައި ޖެހުނު ހަރުކަށި ބަަަހުގެ ހަމަލަ ބަދަލުކުރުމަކަށްފަހު، އެ ގޭގައި ކުއްޔަށް އުޅޭ ދެ މީހަކު ވެގެން އުމުރުން 42 އަހަރުގެ ވަކީލަކަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މަންޖުނާތު ނަމަކަށް ކިޔާ މި ވަކީލުގެ ނިތްކުރިއަށް ކައިރިން ބަޑިޖަހާފައިވަނީ އެރޭ ގާތްގަނޑަކަށް 11:45 އެހާއިރު، އޭނާ ދިރިއުޅޭ ޕައްޓަންދޫރު އަގްރަހާރާގައި ހުންނަ ގޭގައެވެ. މި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވެނީ އެ ގޭގައި ކުއްޔަށް އުޅޭ ބިހާރަށް ނިސްބަތްވާ ދެ މީހަކަށެވެ. އެ ދެ މީހުން މިހާރު ވަނީ ފިލާފައެވެ.
މި ހާދިސާ ހިނގުމުގެ ގަޑިއެއްހާއިރު ކުރިން، ކުލި ނުދައްކާ އޮތް މައްސަލައިގައި މަންޖުނާތާއި އެ ދެ މީހުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ކަމަށް ފުލުހުން ބުނެއެވެ. ތަހުގީގު ކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި، އެ މީހުން ފަހުން އެނބުރި އައިސް ވަކީލަށް ބަޑިން ހަމަލާދިނީއެވެ.
ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި، ފުރަތަމަ ލިބުނު މައުލޫމާތަށް ބަލާއިރު، އެ މީހުން އެނބުރި އައީ ކުލި ދައްކަން ކަމަށް ބުނެއެވެ.
"ފައިސާ ގުނަން އިންދާ ބަޑިޖެހީ"ވައިޓްފީލްޑް ފުލުހުން މިހާރު ވަނީ މީހަކު މެރުމުގެ މައްސަލައެއް ރަސްމީކޮށް ރަޖިސްޓްރީކޮށް، އެ ގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ދިރާސާކުރަން ފަށާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާދިސާ ހިނގި ގޮތް ކެމެރާތަކަށް ވަނީ އަރާފައެވެ. އަދި ފޮރެންސިކް ޓީމަކުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ހެކިތައް ވަނީ އެއްކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މަންޖުނާތަކީ ވައިޓްފީލްޑް ސަރަހައްދުގައި ބިން އޮންނަ މީހެކެވެ. އޭނާ ވަނީ އެ ބިމުގައި ވަގުތީ ކޮޓަރިތަކެއް ހަދައި ކުއްޔަށް ދީފައެވެ.
މަންޖުނާތުގެ ބޭބެ، މުނީރާޖޫ ބުނި ގޮތުގައި އަންކިތު ކުމާރު ދުބޭ ކިޔާ މީހަކާއި އޭނާގެ ރަހުމަތްތެރިއަކު އެގެއަށް އައީ ކުލި ދައްކާށެވެ. މަންޖުނާތު ދިރިއުޅެނީ އެ އިމާރާތުގެ ދެވަނަ ބުރީގައެވެ. އޭނާ ފައިސާ ގުނަން އިންދާ، އެ މީހުން ބަޑިޖެހުމަށްފަހު ފިލީއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މިއީ ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވެއެވެ. "އަހަރެމެން ގޭގޭގެ ކޮޓަރިތައް ކުއްޔަށް ދެނީ އާންމުކޮށް މަސައްކަތްތެރިންނަށް. ބައެއް މީހުން ކުލި ނުދައްކާ ފިލައިގެން ދޭ. އެއީ އާންމުކޮށް ހިނގާ ކަމެއް. މި މައްސަލަ ޖެހިގެން މިއުޅެނީ 5،000 ރޫޕީސްގެ ކުއްޔާ މެދު،" އޭނާ ކިޔައިދިނެވެ.




