ފްލޮރިޑާގައި އެބޯޝަން މަނާކުރުން

ސްޓޭޓްގެ ގަވަރުނަރު ވަނީ އެކަން ތަސްދީގުކޮށްފާ

ފްލޮރިޑާގައި އެބޯޝަން މަނާކުރުން

އެމެރިކާގެ އަންހެނުންނަށް ގާނޫނުން ލިބިދީފައިވާ "ރިއޯ ވާސަސް ވޭޑް" މިދިޔަ އަހަރު އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި އުވާލުމާ އެކު އެ ސްޓޭޓަކީ އެ ގައުމުގެ ދެކުނު އިރުމަތީ ސަރަހައްދުގައި އެބޯޝަން ހަދަން ބޭނުންވާ މީހުންނަށް ރައްކާތެރި ތަނެކަށް ވިއެވެ. އެ ސްޓޭޓުން މިހާރު އެބޯޝަން ހެދުމަށް ކަނޑައަޅާފައިވާ 15 ހަފުތާގެ ލިމިޓަކީ އެންމެ ލުއި އެއް ލިމިޓެވެ. އެހެންކަމުން ގިނަ ބަޔަކު އެހެން ސްޓޭޓް ތަކުން ފްލޮރިޑާއަށް އެ ޕްރޮސީޖާ ހެދުމަށް ދަތުރުކުރެއެވެ. ބަލިވެއިންނަތާ ހަ ހަފުތާ ވުމުން އެބޯޝަން ހެދުން މަނާކުރާ މި ފިޔަވަޅުގައި އިސްތިސްނާތަކެއް ދީފައި ވަނީ ރޭޕް ނުވަތަ އިންސެސްޓްގެ މައްސަލަތަކުގައި އެބޯޝަން ހެދުމަށެވެ. ފުލުހުންގެ ރިޕޯޓަކަށް ނުވަތަ ކޯޓު އަމުރަކުން ނޫން ގޮތަކަށް ހަ ހަފްތާ ވުމަށް ފަހު އެބޯޝަނެއް ނުހެދޭނެއެވެ. 

ހަމަސްވުމުން އެބޯޝަން މަނާކުރާ ބިލު ފްލޮރިޑާގެ ރިޕަބްލިކަން ޕާޓީ އިސްވެ އޮވެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މި ދިޔަ ބުރާސްފަތި ދުވަހު ފާސްކުރިތާ ކުޑަ އިރުކޮޅެއް ފަހުން ފްލޮރިޑާގެ ގަވަރނަރު ޑިސަންޓިސް ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެ ބިލުގައި ސޮއިކުރައްވާފައެވެ. ފްލޮރިޑާ ސްޓޭޓްގެ ރައްޔިތުންގެ ފުރާނައަށާއި އާއިލާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ގަވަރުނަރު ވިދާޅުވެފައިވެއެވެ. އަދި އެ ގާނޫނުގެ ސަބަބުން އިންސާނީ ދިރިއުޅުމުގެ ކަރާމާތް ދިފާއުކޮށް ފްލޮރިޑާ އަކީ އާއިލާއަށް ތާއީދު ކުރާ ސްޓޭޓަކަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޕަބްލިކަން ޕާޓީ ފަރާތްތަކުން ބުނާގޮތުގައި މާބަނޑުކަން ގިނަ އަންހެނުންނަށް ހަ ހަފުތާ ކުރިން އެނގޭ ކަމަށެވެ. ސްޓޭޓް ސެނެޓުން މި ބިލް ފާސްކޮށްފައި ވަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާނީ މިހާރު އޮތް 15 ހަފުތާގެ ސަސްޕެންޝަނަށް އޮތް ގާނޫނީ ގޮންޖެހުމަކާ މެދު ކޯޓަކުން ހުކުމް ކޮށްގެންނެވެ.

ގަވަރނަރ ޑިސަންޓިސް މި ބިލުގައި ސޮއިކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފްލޮރިޑާ އެލަޔަންސް އޮފް ޕްލޭންޑް ޕޭރެންޓްހޫޑް އެފިލިއޭޓްސް އިން ނެރުނު ބަޔާނެއްގައި ރޭޕް ނުވަތަ އިންސެސްޓް ކުރުމުން އެބޯޝަން މަނާކުރުމުން "ހާލުގައި ޖެހިފައިވާ ބަލި މީހުންނަށް އެދެވިގެންވާ ވަސީލަތެއް" ނުލިބޭނެ ކަމަށް ބުނެފައިވެއެވެ.

ހަ ހަފުތާގެ އާ އެބޯޝަން ގާނޫނުގެ ނަސީބު އަދިވެސް ބިނާވެފައި ވަނީ ފްލޮރިޑާގެ ސުޕްރީމް ކޯޓުގެ އެހެން ހުކުމެއްގެ މައްޗަށެވެ. އެބޯޝަން މަނާކުރާ ގާނޫނާ ގުޅިގެން ފްލޮރިޑާގެ އެންމެ މަތީ ކޯޓުގައި މިހާރު ކުރިއަށް ދަނީ އެބޯޝަން ކްލިނިކްތަކުން އެ ސްޓޭޓުގައި 15 ހަފުތާގެ މުއްދަތައްމަނާކޮށްފައި  އޮތް ގޮންޖެހުމުގެ އަޑުއެހުމެވެ.