ޑްރޯން ހަމަލާއެއްގައި 67 އިޒްރާއީލް ސިފައިން ޒަހަމްކޮށްލައިފި

ސެޕްޓެމްބަރު 23 ގެ ފަހުން ލުބުނާނުގެ 1437 މީހުންވަނީ މަރާލާފަ

ޑްރޯން ހަމަލާއެއްގައި 67 އިޒްރާއީލް ސިފައިން ޒަހަމްކޮށްލައިފި

ލުބުނާނުގެ ހިޒުބުއްލާ އިން ޑްރޯން ހަމަލާއެއް ދީ އިޒްރާއީލް ސިފައިންގެ 67 މީހުން ޒަހަމް ކޮށްލައިފިއެވެ.

އިޒްރާއީލީ އާމީ ރޭޑިއޯއިން މިއަދު ހާމަކުރި ގޮތުގައި، އިސްރާއީލުގެ އުތުރުގައި އޮންނަ ހައިފާ ސިޓީއަށް ހިޒުބުއްލާއިން ދިން ޑްރޯން ހަމަލާއެއްގައި އިޒްރާއީލު ސިފައިންގެ މަދުވެގެން 67 މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރެއިން 4 މީހުންގެ ހާލަތު ވަނީ ނާޒުކުވެފައެވެ.

އިޒްރާއީލީ ނޫސް "އިޒްރާއީލް ހަޔޯމް" އިން ވެސް ރިޕޯޓުކުރި ގޮތުގައި، ހައިފާގެ ބިންޔަމީނާ ސަހަރުގައި ދިން ޑްރޯން ހަމަލާގެ ސަބަބުން ގިނަ އަދަދެއްގެ ސިފައިން ވަނީ ޒަހަމްވެފައެވެ.

ލުބުނާނުގެ ހިޒުބުއްލާ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައިފާގެ ދެކުނުގައި އޮންނަ ބިންޔަމީނާގައި ހުރި ގޮލާނީ ބްރިގޭޑްގެ ތަމްރީނު ކޭމްޕަކަށް ހަމަލާ ދޭ ޑްރޯންތަކެއް ފޮނުވާލި ކަމަށެވެ.

އިޒްރާއީލީ އާމީ ރޭޑިއޯއިން ބުނެފައިވަނީ، އުތުރު އިޒްރާއީލަށް ޑްރޯންތައް ވަދެގެންދިޔައިރު ސައިރަން އިއްވުމުގައި ދިމާވި މައްސަލައާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. " އިޒްރާއީލް ހަޔޯމް" އިން ބުނާ ގޮތުގައި، ހައިފާއާއި އެތާނގެ ވަށައިގެންވާ ސަރަހައްދުތަކުގެ ރައްޔިތުންނަށް ގޮވުމުގެ އަޑު އިވިފައިވަނީ ސައިރަން އިއްވުމަކާ ނުލައެވެ.

މި ހަމަލާ އައިސްފައިވަނީ، އިޒްރާއީލުން ސެޕްޓެމްބަރު 23 އިން ފެށިގެން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ހިޒުބުއްލާގެ އަމާޒުތަކަށް ކަމަށް ބުނެ ދެމުންދާ ވައިގެ ހަމަލާތަކުގައި މަދުވެގެން 1،437 މީހުން މަރުވެ، 4،123 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، 1.34 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރު ވެފައިވަނިކޮށެވެ.

މި ހަމަލާތަކަކީ، އިޒްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އަހަރެއްހާ ދުވަސް ވަންދެން އިޒްރާއީލާއި ހިޒުބުއްލާއާ ދެމެދު ހިނގަމުން އައި ބޯޑަރު ހަނގުރާމައިގެ އިތުރު ފިޔަވަޅެކެވެ. ގައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 42،200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ގިނަ އަދަދެއް ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.