ބިން ލާދިންގެ ދަރިއަކު ޑީޕޯޓް ކޮށްލައިފި!

ބިން ލާދިންއަށް އެއްވެސް ސަބަބަކާ ހުރެ އަނބުރާ ނާދެވޭނެ

ބިން ލާދިންގެ ދަރިއަކު ޑީޕޯޓް ކޮށްލައިފި!

އަލްގައިދާގެ ބާނީ އުސާމާ ބިން ލާދިންގެ ދަރިއެއް ކަމަށްވާ އުމަރު ބިން ލާދިން ފްރާންސްއިން ނެރެލައި، އެ ގައުމަށް އަނބުރާ އައުން މަނާކޮށް ޑީޕޯޓްކޮށްފިއެވެ. އޭނާ ޑީޕޯޓް ކޮށްލީ އޭނާ ސޯޝަލް މީޑިއާގައި ޓެރަރިޒަމަށް ތާއީދުކުރާކަމަށް ބެލެވޭ ޕޯސްޓުތަކެއް ކުރުމާ ގުޅިގެންނެވެ.

ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ބްރޫނޯ ރެޓެއިލޯ ވިދާޅުވި ގޮތުގައި އުމަރު ބިން ލާދިން ފްރާންސްއަށް އައުން މަނާކުރާ އަމުރެއްގައި ސޮއިކުރައްވާފައިވާއިރު، އޭނާ މިހާރު ވަނީ ގައުމުން ބޭރުކޮށްފައެވެ. ނަމަވެސް އޭނާ ބޭރުކުރި ތާރީހާއި ފޮނުވާލި ގައުމެއްގެ މައުލޫމާތު ހާމަކުރައްވާފައެއް ނުވެއެވެ.

މިނިސްޓަރ ރެޓެއިލޯ އެކްސް ގައި ވިދާޅުވި ގޮތުގައި "މިސްޓަރ ބިން ލާދިން ވަނީ އޯން ސަރަޙައްދުގައި އެތައް އަހަރެއް ވަންދެން އިނގިރޭސި އަންހެނަކާ އިނދެގެން ދިރިއުޅެމުން އައިސްފައެވެ. އޭނާ ވަނީ 2023 ވަނަ އަހަރު އޭނާގެ ސޯޝަލް މީޑިއާގައި ޓެރަރިޒަމަށް ތާއީދުކުރާ ޕޯސްޓުތަކެއް ކޮށްފައެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ މިސްޓަރ ބިން ލާދިން އެއްވެސް ސަބަބަކާ ހުރެ ފްރާންސްއަށް އަނބުރާ ނާދެވޭނެކަން މި އިދާރީ މަނާ ކުރުމުން ޔަގީން ކޮށްދޭ ކަމުގައެވެ.

ލޯކަލް ހަފްތާ ނޫސް "ލަ ޕަބްލިކެޓޫރް ލިބްރް" އިން ބުނާ ގޮތުގައި ބިން ލާދިން ފްރާންސްގެ އޮތޯރިޓީ ތަކުގެ ސަމާލުކަމަށް އައީ އޭނާގެ ބައްޕަގެ އުފަން ދުވަހާ ގުޅިގެން ކުރި ސޯޝަލް މީޑިއާ ޕޯސްޓަކާ ހުރެއެވެ. އުސާމާ ބިން ލާދިން މަރާލީ 2011 ވަނަ އަހަރު އެމެރިކާގެ ބާރުތަކުންނެވެ.

ލޯކަލް ހަފްތާ ނޫސް "ލަ ޕަބްލިކެޓޫރް ލިބްރް" ނޫހުން 2023 ވަނަ އަހަރުގެ ޖުލައި މަހު ރިޕޯޓުކުރި ގޮތުގައި ފުލުހުން ވަނީ ނޯމަންޑީގެ ޑޮމްފޯޓް ރަށުގައި ބިން ލާދިން ހޯދުމަށް މަސައްކަތްކޮށްފައެވެ.