ޕީޖީ ބަދަލުކުރަނީ ސިޔާސީ ވާދަވެރިން ހައްޔަރުކުރަން
ސިޔާސީ ނުފޫޒުން ޕްރޮސިކިއުޝަން ސަލާމަތްނުކޮށް އިންސާފު ގާއިމެއްނުވާނެ
ވެރިކަން ލިބި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް މުށުތެރޭގައި އޮތުމުން ހުރިހާ މިނިވަން މުއައްސަސާއަކީ ރައީސްގެ އަޅުންގެ އަޅުންނަށް ހަދަން މުއިއްޒު ދިމާކޮށްފައި ހުރިކަން ކިތަންމެހާވެސް ސާފެވެ. އޭސީސީއަކީ މުއިއްޒުގެ ޕަޕެޓެއްގެ ގޮތުގައި މަސައްކަތް ކުރާތަނެއް ކަމުން އެ މީހުނަށް މަގާމުގައި އަދި އެބަތިބެވެއެވެ. އޮޑިޓަރ ޖެނެރަލް ވެސް ބޯހިއްލާ ލައިފިއްޔާ ހަމަބިމަށް ތިރިކޮށްލާނެއެވެ. ހެޔޮވަރުގެ އިންތިހާބެއް ކުރިމަތިވާން ވާއިރަށް އިލެކްޝަންސް ކޮމިޝަން ދޮވެލާނެއެވެ. މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ބަދަލުކޮށްފިއެވެ. މިހާރު އެ ބަދަލުކޮށްލަނީ ޕީޖީއެވެ.
ޖިނާއީ އަދުލުގެ ނިޒާމްގެ މައިބަދައަކީ ޕްރޮސިކިއުޝަނެވެ. ސިޔާސީ ނުފޫޒުން ޕްރޮސިކިއުޝަން ސަލާމަތް ނުވާހާ ދުވަހަކު އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެއެވެ. ވެރިކަމަށް އަންނަ ކޮންމެ ބަދަލަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލް ބަދަލުވާވުމަކީ ޝަރުއީ ނިޒާމަށް ވެރިކަމުން އަތްބަނާކަމުގެ ސާފު ހެއްކެކެވެ.
ޝަރުއީ ނިޒާމަށް އަތްނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވެސް ނިކަން ބާރަށް ބުނެއެވެ. އެހެނެއް ކަމަކު ބާރުވެރިކަން ލިބުމާއެކު އެންމެ ފުރަތަމަ ވެސް މުއިއްޒު އެދިމާކުރީ ޕްރޮސެކިއުޓަރ ޖެނެރަލާއެވެ. ޕީޖީ މަގާމުގައި ހުރި މީހާ ބަދަލުކޮށް މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ޕީޖީކަން ނުދީ ލޮލުފިޔަ މުއިއްޒަކަށް ނުޖެހުނެވެ.
މުއިއްޒުގެ ރަބަރސްޓޭމްޕް މަޖިލީހުން ޕީޖީ ޝަމީމް ވަކިކުރަން ނިންމި ނިންމުމުގެ ފަހަތުގައި އޮތީ ސިޔާސީ ބަދަލު ހިފުން ނޫން ދެވަނަ ކަމެއް ނޫނެވެ. ޕީޖީ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ ޒާތީ ތައައްސަބުން ފޯވެތިބެއެވެ.
ޕީޖީއަކީވެސް ވަކި މުއްދަތަކަށް އައްޔަނުކޮށްފައި ހުންނަ މީހެކެވެ. މަގާމުގައި ހުންނަ ޕީޖީއަކު މުއްދަތު ހަމަވުމުގެ ކުރިން މަގާމުން ވަކިކުރަން ޖެހޭނީ ޝައްކެއް ނެތް މިންވަރަށް ކުށެއް ސާބިތުވުމުންނެވެ. ޕީޖީ ކަމުގައި ހުންނަ މީހަކީވެސް އިންސާނެއް ކަމުން އެމީހަކީ ކުށުން ހުސްވެގެންވާ މީހެއް ނޫނެވެ.
ޕީޖީގެ މަގާމަށް މީހަކު އައްޔަނު ކުރަނީވެސް ބެލުންތަކެއް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުގައި ކޮންމެ ބަޔަކު ތިއްބަސް މަޖިލީހުގެ ނިންމުން ތަކަށް އިހުތިރާމް ކުރަން ޖެހެއެވެ. މީހަކު ޕީޖީ ކަމަށް އިސްކުރުމަށްފަހު އެ މީހަކު މަގާމުން ވަކިކުރެވެން ޖެހޭނީ މަގާމުގައި ހުރެ ޕީޖީއެއްގެ ކިބައިގައި ހުންނަންޖެހޭ ގާނޫނީ ޝަރުތެއް އުނިވެގެންނެވެ. ނުވަތަ އަހުލާގީ މިންގަނޑަކާއި ހިލާފުވެގެންނެވެ. ޕީޖީގެ މަގާމުގައި ހުންނަ މީހަކު ކުރަން އެކަށީގެން ނުވާކަމެއް މަގާމަށް އިސްކުރުމުގެ ކުރިން ކޮށްފައިވާކަން ޕީޖީގެ މަގާމުގައި ހުއްޓާ ތިލަވެ ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެނަމަ ޕީޖީކަމުން ދުރުކުރުމަކީ އެންމެ ރަގަޅުކަމެކެވެ.
ޕީޖީގެ މަގާމުގައި ހުންނަ މީހާ މަގާމުން ދުރުކުރަން ޖެހޭނީ އޭނާގެ ނަޒާހަތްތެރިކަމާ މެދު ކުރެވޭ ތުހުމަތުތައް މަޖިލީހުން ރަނގަޅަށް ތަހުގީގުކޮށް ބެލުމަށް ފަހުގައެވެ. ބޮޑު މެޖޯރިޓީއެއް އޮތަތީ ސިޔާސީ ޖަޒްބާތުގައި ޖެހިގެން ޕީޖީން މަގާމުން ވަކިކުރާނަމަ ޝަރުއީ ނިޒާމަށް ރައީސް ދަނޑިނުބާނާ ކަމަށް ހެދޭނެ އެއްގޮތެއްވެސް ނުއޮންނާނެއެވެ.
ސިޔާސީ ބަދަލު ހިފުމުގެ ޖަޒްބާތުގައި ގާނޫނު އަސާސީގައި ވަކި މުއްދަތަކަށް މަގާމަށް އިސްކުރާގޮތަށް ކަނޑައެޅިފައިވާ މީހުންގެ މަގާމުގެ މުއްދަތަށް އެއްވެސް އިހުތިރާމެއް ނުކުރެއެވެ. އެއްވެސް ބެލުމެއްނެތި ލިބިއޮތް މެޖޯރިޓީގެ ބޭނުންހިފައިގެން ގަޔަނުވާ އެންމެން ނޮޅާކަށިކާލައެވެ. އެހެނެއް ކަމަކު މުއްދަތު ހަމަނުވަނީސް ރައީސް ކަމުގައި ހުންނަ މީހާ މަގާމުން ވަކިކުރުން ވެފައި އޮންނަނީ ބޮޑު ފާފައަކަށެވެ.