ސްކޭމްތައް ހިންގަނީވެސް ރައީސްގެ އިރުޝާދުގެ ދަށުންބާ
ރައީސްގެ އިސްނެގުން މިހާރު ރައީސްގެ އިރުޝާދަށް ބަދަލުވެއްޖެ
މުއިއްޒު ވެރިކަމަށް އިސްވިތާ ދުވަސް ކޮޅެއްގެ ތެރޭގައި މި ސަރުކާރުގެ ވެރިއަކު ކައިގެން ވައެއްލިޔަސް އެކަމެއް އޮންނަނީ ރައީސްގެ އިސްނެގުމުގެ މަތިން ކުރެވޭ ކަމަކަށް ވެފައެވެ. ރައީސްގެ އިސްނެގުމުން ނޫނީ އޭރު އެއްކަމެއް ރާއްޖޭގައި ނުވެއެވެ.
މުޒާހަރާކޮށް ގަދަހިފުމަކަށް ގޮސްގެން މަސްވެރިން ބޭނި މަހަށް ދޭންޖެހޭ ފައިސާއިން ބައެއް ދޭން މަޖުބޫރުވެގެން ދެފަހަރު މަތީން ދިނުންވެސް ވީ ރައީސް އިސްނަގައިގެން ދިން އެއްޗަކަށެވެ. އަމީނީ މަގުގެ ނުނިމިއޮތް ތަންކޮޅުގައި ތާރުއެޅީ ރައީސްގެ އިސްނެގުމުގެ މަތިންނެވެ. ފަލަސްތީނުގެ މުސްލިމުންނަށް ނަސްރުދެއްވުން އެދި ފަސްނަމާދު ފަހުގައި ކިޔަމުން އައި ގުނޫތުނާޒިލާ ކިޔުން ހުއްޓުވާލުމަށްފަހު ދުވަސް ގަނޑެއް ފަހުން އަލުން ފެށީ ރައީސްގެ އިސްނެގުމުގެ މަތިންނެވެ.
ރައީސްގެ އިސްނެގުމުގެ މަތިން ނޫން ގޮތަކަށް އޮފީހެއްގެ ދޮރުފަތްވެސް އޭރު ހުޅުވާ ނުލައެވެ. އެ ދުވަސްވަރު ފަސް ނަމާދަށް ބަންގި ގޮވީވެސް ރައީސް އިސް ނެގުމުންނެވެ. ރާއްޖޭގައި ރަގަޅަށް ހިނގިއްޔާ ހިނގި ކަމެއް އޭރު ހިނގީ ރައީސް އިސްނެގުމުގެ މަތިން ކަމަށްވެއެވެ. ގޯހުން ވިއްޔާ ވާހާކަމެއް ފޫޅު ކަނޑާލަނީ ކުރީ ސަރުކާރަށެވެ.
މުއިއްޒުގެ ވެރިކަމަށް ނުވަމަސްވާން އަޅައިގެންއިރު މުޅިން އެހެން ގޮތަކަށް ރައީސްގެ އިސްނެގުމުގެ ވާހަކަ ބުނާގޮތް ބަދަލު ވެއްޖެއެވެ. މިހާރު ހުރިހާ ކަމެއްވެސް ކުރަނީ ރައީސްގެ އިރުޝާދާއެކުގައި ކަމަށް ވެއްޖެއެވެ.
ހޯމް މިނިސްޓަރ އިހުސާން ކުރާހާ ކަމެއް ކުރަނީ ރައީސްގެ އިރުޝާދާއެކީގައި ކަމަށް ބުނެއެވެ. ފަޒުލް އެޗްޑީސީން ހުޅުމާލޭގެ ބިންތައް ހަފާކަނީ ރައީސްގެ އިރުޝާދާ އެކުގައެވެ. ސްޓެލްކޯ ފަހުމީ ކަރަންޓް ބިލްތައް ބޮޑުކޮށްގެން އާއްމު ރައްޔިތުންގެ ޖީބުކަނޑަނީ ވެސް ރައީސްގެ އިރުޝާދާ އެކުގައެވެ. މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ.
ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދު ޖަމާއަތުގައި ހުތުބާ ކިޔަނީވެސް ރައީސް އިރުޝާދަށެވެ. ހަމަ އެގޮތަށް ފުޅާދާއިރާއެއްގައި ހަށިވިއްކުމާއި ޒާތްޒާތުގެ ސްކޭމްތައް މީހުން ހިންގަނީވެސް ރައީސްގެ އިސްނެގުމާ އިރުޝާދުގެ ދަށުން ނޫންބާވައެވެ. ބަންގާޅު އަރަފާތު ބުޅާމަހުން ކޮއްތު ހަދައިގެން ވިއްކަނީ ރައީސްގެ އިސްނެގުމާ އިރުޝާދުގެ ދަށުން ނޫން ކަމެއްވެސް ނޭނގެއެވެ.
ރައީސް ޔާމީނުގެ ޝަރީއަތް އަލުން ފެށަނީވެސް ރައީސް އިރުޝާދު ދީގެންކަމަށް ޖުޑިޝަރީން ނުބުނާނެ ކަމެއް ނޭނގެއެވެ. ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީން ފްލެޓެއް ގަނެފާ އޮވެގެން ބަޔާނެއްވެސް ނުހޯދާ ރައީސްގެ އިރުޝާދާއެކު އޭސީސީން ދައުވާކުރަން ފޮނުވީތާއެވެ. ޕީސީއާރު މައްސަލަ އުފައްދައިގެން ޑރ. އަލީ ލަތީފާއި ކުޑަ ބަންދޭއަށް ދައުވާ ކުރަން ފޮނުވީ ރައީސްގެ އިރުޝާދަށް ނޫންބާވައެވެ. ކުރީގެ މޭޔަރ މުއިއްޒު ހިންގި އާސަހަރާ މިސްކިތުގެ ކޮރަޕްޝަން ބަލާ މުއިއްޒާ ދެކޮޅަށް ދައުވާކުރަން އޭސީސީން ފޮނުވަން ނުކެރިފައި އެތިބީ ރައީސްގެ އިރުޝާދު އަދި ނުލިބިގެންތާއެވެ.
ރައީސްގެ އިސްނެގުން ރައީސްގެ އިރުޝާދަށް ބަދަލުކޮށްގެން ބައިސާ ކަނޑަން ސޯޝަލް މީޑިއާ ފްލަޑް ކުރިވަރަކަށް ދޭހަވަނީ މުއިއްޒުގެ ހުދު މުހުތާރުކަމެވެ. ސަރުކާރުގެ ކަންކަމާ ހަވާލުވެގެން ތިބި މީހުންގެ ނުކުޅެދުމާ ނާގާބިލުކަމެވެ. މަގާމުގައި ދެމިތިބުމަށް ރައީސަށް ވައިޖަހާ ޖެހުމެވެ. ގާނޫނު އަސާސީއާއި ގާނޫނަށްވުރެ ރައީސް ވިދާޅުބަސްފުޅުގެބާރު ގަދަކަމެވެ. ސަރުކާރަކަސް މަޖިލީހަކަސް ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާ ތަކަކަސް މުއިއްޒުގެ މުށުތެރޭގައި ފިތި ގޮތް ހުސްވެފާ ތިބިކަމެވެ.