މުއިއްޒަށް: ނޭނގިވެސް ތިޔަ ލެވެނީ ކުޅަނދުރު ހަތައަށް އޮއްގާ
ބަނގުރޫޓް ވަންދެން ގޮތްދޫނުކޮށް މުއިއްޒު މަވެތިކަން ދައްކާނެ
ޖަޒްބާތުގައި މުއިއްޒު އެޅި އެއްވެސް ފިޔަވަޅަކުން ގައުމަށްވީ ރަނގަޅެއް ނެތެވެ. ވެރިކަމަށް އެރީއްސުރެ ކުއްލި ކުއްލިއަށް ބޮޑެތި ބޮޑެތި ކަންކަމަށް ބަދަލު ގެނައުމަކީ މުއިއްޒުގެ އާދައެކެވެ. ޖަޒްބާތުގައި އެހެން ގެނައި އެއްވެސް ބަދަލަކުން ރަނގަޅެއް ނުވިތާ ލިބިފައިވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުމެވެ. އެހެން ކަމުން އަނބުރާ އުނބަށް ޖަހަން ނުޖެހޭ އެއްވެސް ކަމެއް މުއިއްޒު ނުކުރެއެވެ.
އިންޑިއާ ސިފައިން ބޭލުމާއި ހެލްކޮޕްޓަރތަކާއި ޑޯނިއާ ބޯޓު ބޭރުކުރުމުން ފޭށިގެން އުނބަށް ނުޖަހާ ވަކިކަމެއް ނެތޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. އެއްގައުމަކަށް ބަރޯސާވުން ނިމުމކަށް ގެނައުމުގެ ނަމުގައި އިންޑިއާއިން ބޭސްފަރުވާކުރުން ނިމުމަކަށް ގެނައުމަށް ބެންކޮކާއި ދުބާއިން ބޭސްކުރެވޭނެ ގޮތް ހެދުމާއި ޔޫރަޕުން ބޭސް އެތެރެކުރަން އުޅުމާއި ތުރުކީން ކާޑުގެންނަން އުޅުމާއި ލަންކާއަށް ބާއްވަން ނިންމި އެއަރ އެމްބިއުލާންސް ފަދަ ހުރިހާކަމެއް ކޮޅުމުގުލަށް އަރާ އިންޑިއާގެ އުނގަށް ވެއްޓިގަތް ގަތުމުން ސިޔާސަތެއް ދުރު ވިސްނުމެއް ނެތްކަން ކަށަވަރުވިއެވެ.
ލޭނު މަސްވެރިކަން ކުރަން ހުއްދަދޭން އުޅުނު އިރުވެސް ހީވީ އެހެން ކަމެއް ވެގެން އުޅުނުހެނެވެ. ގަވައިދުތައް ހަދާ އުސޫލުތައް އެކުލަވާލާ ހުއްދަދަދޭން ތާރީހު ކަނޑައަޅާ ނިންމިއެވެ. އެހެން ނަމަވެސް ލޭނުމަސްވެރިކަމަށް ހުއްދަދޭން އޮތް ދުވަހުގެ ރެއަށް އިރު އޮއްސިފާ އިރު އެރިއިރު ކުރިހާކަންކަން ދުއްވާލީ ފަނުފުލުންނެވެ. ލޭނުމަސްވެރިކަމަށް ހުއްދަނުދޭން ކުއްލިއަކަށް ނިންމާ އެކަންވެސް ޖެހީ އުބަށެވެ.
ސިނގިރޭތާއި ދުންފަތުގެ ބާވަތްތަކުގެ ޓެކްސް ބޮޑުކޮށްގެން ގަންނަން އުޅުނު ގަނޑު އަތަށް ގޮވާ އެތައް ބަޔަކު ކުށްވެރިންނަށްވެ ސްމަގުލްގެ ތެރެއަށް އެތައް ބަޔަކުވައްޓާލުމަށް ފަހު ޔޫޓާން ނަގަން ޖެހުނު ގޮތުގެ ތަޖުރިބާ ކުރީ އިހަށް ދުވަހުއެވެ. އެތައް ބަޔަކަށް ބޮޑެތި އަނިޔާލިބި ދައުލަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ވުމުން ގަދަކަމެއް ނުދެއްކުނެވެ. ޖެހުނީ ހަތިޔާރު ބަހައްޓާ ގޮތް ދޫކުރާށެވެ.
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމުގައި ވެސް ދިމާކޮށްފައި އެހުރީ އޮބި އޮންނަވަރުގެ ބަދަލުތަކެއް ގެނައުމަކަށް ނޫނެވެ. ރާއްޖޭގެ ޒަމާންވީ ފަތުރުވެރިކަމުގެ ސިނާއަތު ފުނޑިގެންދާތަން މުއިއްޒަކަށް ނުފެނެއެވެ. ގަދަފައި ވިއްދާފައި އެހުރީ ޑޮލަރުގެ އަގުތިރިކުރެވޭކަން ދައްކާށެވެ. ޓޫރިޒަމް އިންޑަސްޓްރީ ފުޑި ގައުމު ބަނގުރޫޓް ވަންދެން ގޮތްދޫނުކޮށް މުއިއްޒު މަވެތިކަން ދައްކާނެއެވެ. އާހިރުގައި މުޅި ޓޫރިޒަމް އިންޑަސްޓްރީ ފުނޑި އިޔާދަ ނުކުރެވޭވަރަށް ގެއްލުންވާފަހުން ޑޮލަރުގެ ސިޔާސަތު ބަދަލު ކުރާނެކަމީ ޝައްކެއް ނެތް ކަމެކެވެ. އޭގެކުރީން މުއިއްޒުގެ ބޮލާފޮށާއެޅި ސައްޕުޖަހާ ބޭރުނުކޮށް ހުރެއްޖެއްޔާވެސް ގައިނަސީބެވެ. ވާނުވާގައިހުރެ ކުޅަނދުރު ހަތައަށް އޮއްގާ އުކޭކަންވެސް މުއިއްޒަކަށް ނޫގެއެވެ.


