މައުލޫމާތު ހޯދުމާ ޖަވާބުދާރީ ވުމަކީ ސިޔާސީ ހަތިޔާރެއް!

ހާމަވާން ނުޖެހޭ ކަންކަން ހާމަވުމުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައްވޭ!

މައުލޫމާތު ހޯދުމާ ޖަވާބުދާރީ ވުމަކީ ސިޔާސީ ހަތިޔާރެއް!

ދެފުށް ފެންނާނެހެން ކަންކަން ހާމަކޮށް ކުރުމަކީ ގިނަ ކަންކަމުގެ އޮޅުންތައް ކުޑަ ކުރާ ކަމެކެވެ. އެހެނަސް ދެފުށް ފެންނަން ވާނެ ކަމަށް ބުނެ ހާމަކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ބޮޑެތި ދެރަތަކާ ކުރިމަތި ލާންޖެހިފައި ހުންނަނީ މަދެއްކޮށް ނޫނެވެ. އެންމެންގެ ރަނގަޅަށް ކުރަން އުޅޭ ކިތަންމެ ކަމެއް އެންމެ ރަނގަޅަށް ނުކުރެވުމުގެ ސަބަބަކަށް އެގެން ނުޖެހޭ ހާލަތުގައި އެގެން ނުޖެހޭ މީހުނަށް އެނގުންވެފައި އެބަހުއްޓެވެ.

ދައުލަތް ހިންގުމުގައިވެސް އެންމެނަށް ހުރިހާ ކަމެއް އެންގުން ލާޒިމެއް ނޫނެވެ. ދައުލަތް ހިންގުމުގައި ކަންކަން ހިއްސާކޮށް ބައިވެރި ކުރަންޖެހޭ ފަރާތް ތައް ނިޒާމުގެ ތެރޭގައި ކަނޑައެޅިފައި އޮވެއެވެ. އެކަންކަމަށް ރައްޔިތުން މަތިކޮށްފައި ތިބޭ ބަޔަކު ތިބެއެވެ. ކަންކަން ކުރާންވީ ގޮތް ކަނޑައަޅައި ގާނޫނުތައް ހެދިފައިވެއެވެ. އެންމެންނަކު އަބަދަކު ހުރިހާ ކަމެއް އެގޭކަށް ބޭނުމެއް ނުވެއެވެ. އިތުބާރުކޮށް ބަޔަކު އިސްކޮށްފައި ތިބެނީ އެހެންވެގެނެވެ.

އަމްދުން ހިނގަ ހިގާ ހުންނަ ތަހުގީގު ތަކުގައި އެހާލަތުގައި ހާމަވާން ނުޖެހޭ ކަންކަން ހާމަވުމުން ހެކި ފޮރުވުމާއި މައުސޫމު އެތައް ބައެއްގެ ޖާނާ ފުރާނައަށް ނުރައްކާވެފައި އެބަހުއްޓެވެ. ހިނގަ ހިނގާ ހުންނަ މަސައްކަތް ތަކުގައި ވެސް ހާމަވާން ނުޖެހޭ ކަންކަން ހާމަވުމުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެއެވެ. 

އަނެއް ކޮޅުން ސިޔާސީ ވާދަވެރި ކަމުގެ ތެރެއިން ސަރުކާރަށް ކަމެއް ރަނގަޅަށް ވިޔަނުދޭން މަސައްކަތް ކުރާ މީހުން ލައްކަގިނައެވެ. ކިތަންމެ ރަނގަޅު ކަމެއްވެސް ނުބައިގޮތަކަށް ސިފަކޮށް ދީގެން ކަންކަން ގޯސް ކުރަން އުޅޭ މީހުން މަދެއްނޫނެވެ. އެ މިހުންގެ ބޭނުމަކީ އެ މީހުންނޫން ބަޔަކަށް ކަމެއް ވިޔަ ނުދިނުމެވެ.

ސިޔާސީ ވާދަވެރިންގެ މަސައްކަތަކީ ރައްޔިތުންގެ ކުރިމަތީ ސަރުކާރު ފެއިލް ކޮށްލުމެވެ. އެތެރޭގައި ކަތުރުފަނި އަޅުވައިގެން ނަމަވެސް ފެން ނުހިފޭ ވަރުކޮށްލުމެވެ. މިފާޑުގެ މީހުން ގެންގުޅޭ އެންމެ ތޫނު ހަތިޔާރަކީ މައުލޫމާތު ހޯދުމާއި ޖަވާބުދާރީ ކުރުވުމެވެ. ބަސްހޯދާ ބަހުގައި ހިފާ ދެމުމެވެ. ގައުމާއި ރައްޔިތުންނާއި ދީނީ ބޯޑު އަޅުވައިގެން ލަސްކޮށް ފަސްކުރުވުމަކީ ވާދަވެރިންގެ އަމާޒެވެ. 

ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިގެން ފިތުނަ އުފައްދާ ގައުމުގެ ބަދަހި ސަފުތަކުގެ ހީރަސް ނައްޓާލުމަކީ އަބަދުވެސް ކޮންމެވެސް ބަޔަކު ހުއްޓާނުލާ ކުރާކަންކަމެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ނަމުގައި ކަންކަން ފާލުންނައްޓާލަން ބަޔަކު ޖަހާހާ ސަކަރާތަކަށް ވާގި ދިނުމަކީ ޒިންމާދާރު ވުމެއް ނޫނެވެ.  ދައުލަތުގެ ވެރިންނަކީ ގައިރު ޒިންމަދަރު ނޫސްވެރިންނާއި ވާދަވެރި ސިޔާސީވެރިން އެންޓަޓައިން ކޮށްދޭން ތިބި ބައެއްނޫނެވެ.