ގާސިމްގެ ވަރުހުރި މެސެޖެއް ނަޝީދަށް
ކިތަންމެ ބޮޑު ހިދުމަތެއް ކުރި މީހަކަސް އަލްވަދާއު ކިޔުމުގެ ހިއްވަރާ ކެރުން ހުންނަންވާނެ: ގާސިމް
ސިޔާސީ ކަންކަމުގައި ބައެއް މީހުންނަކީ ހާދަ ޒާތެއްގެ ބައެކެވެ. ތިމާމެންގެ މަސްލަހަތާ ޖެހުމުން ކުރިއްސުރެ ހިފެހެއްޓި ހަމަތަކާއި އުސޫލުތަކަށް ކުޑަކޮށް ވެސް އިހުތިރާމެއް ނުކުރައްވައެވެ. އުސޫލުތަކާ ހަމަތަކަށް ބޯލަބައި ކިޔަމަން ގަންނަން ޖެހެނީ ތިމާމެން ނޫން އެހެން މީހުންނެވެ.
އީވާ އެވިދާޅުވަނީ ޑިމޮކްރެޓިކް ރީތި ހަމައިން އިންތިހާބުތަކުގައި ކަންކުރަންވާ ގޮތުގެ ވާހަކައެވެ. ކުރިއްސުރެ ރައީސް ނަޝީދު ވެސް ވަކާލާތު ކުރައްވާ ކުރިއަރުވާ ހެއްދެވީ އެއުސޫލެވެ. ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ފަހަތަށް ވަޑައިގެން އެކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް މުޅި ޕާޓީ އެކަތިގަނޑަކަށް ވުމަށް ބާރު އަޅުއްވާ ހެއްދެވީ އެންމެ ބޮޑަށް ރައީސް ނަޝީދެވެ. އެހެނެއް ކަމަކު މިސާލު ދައްކަވަން ލިބިވަޑައިގެން ފުރުސަތުގައި ރައީސް ނަޝީދުގެ އަމަލު ކުރައްވަނީ ޑިމޮކްރެޓިކް ރީތި ހަމަތަކުގެ ތެރެއިންކަން ނުވަތަ ނޫންކަން އެހާމެ ސާފެވެ.
ރައީސް ނަޝީދުގެ ބަސްފުޅުތަކާއި އަމަލުފުޅުތައް ޑިމޮކްރެޓިކް ރިވެތި ހަމަތަކާ ދެކޮޅަށް ފިސާރި ނޭއްގާނި ގޮތެއްގައި ބަހައްޓަވަމުންދާ ދަނޑިވަޅެއްގައި ރައީސް ނަޝީދު މި ދަނޑިވަޅު އެބޭފުޅަކަށް މާ ތައުރީފެއް ކުރައްވާ އެވަރެއް ނެތިގެން އުޅުއްވާ ގާސިމް އިބްރާހީމް ރައީސް ނަޝީދަށް ފިސާރި ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ. އަމިއްލަފުޅު ޕާޓީގެ މެންބަރުންނާ މުހާތަބު ކުރައްވާ ދެއްވި ނަސޭހަތެއްގެ ގޮތުގައި ރައީސް ނަޝީދަށް ވަރުހުރި މެސެޖެއް އެ ދެއްވެވީ ސަމާސާއަކަށް ނޫނެވެ.