ކަށްމާލެ- ރަސްމާލެ- ތުރަމާލެ : ނަމުން ފުރަމާލެ
ރައީސް މުއިއްޒު މިއުޅުއްވަނީ ކޮން ބައެއްގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮންދެއްވަން ކަމާމެދު ސުވާލު އުފެދެއެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަށެއް ތަރައްގީ ކުރީމާ ބޯހިޔާވަހިކަން ލިބެނީ ކޮންބަޔަކަށް ކަމެއް ނޭގެއެވެ. ހަމަ ގައިމުވެސް އެއްޔަކީ މާލޭގައި ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމަށް ތަރައްގީކުރާ ތަނެއް ނޫނެވެ.
ރަސްމާލެ ނަމަކަށް ކިޔައިގެން ހިއްކިޔަސް އެ ތަނަކީ މާލެއަކަށް ނުވާނެއެވެ. މާލޭގައި ދިރިއުޅޭ މީހުނެއްވެސް ފުށިދިއްގަރުފަޅަކީ މާލެ ކަމަކަށް ގަބޫލެއް ނުކުރާނެއެވެ. ވިލިމާލެ، ހުޅުމާލެ ކިޔާހެން ރަސްމާލެ ކިޔަންވީ އަރި އަތޮޅު ރަސްދު އާއި ރ. އަތޮޅު ރަސްމާދޫއަށާއި ރަސްގެތީމަށެވެ. އޭރުން އެ ރަށް ރަށަކީ މާލެއަށް ބަދަލުވީއެވެ. ކޮންމެ ތާކު އޮތަސް ވަރިހަމަތާއެވެ.
އައްޑޫ އަތޮޅު ގަމަށް ގަންމާލެ ކިޔާފައި، ކަށްބޯހުރައަށް ކަށްމާލެ ކިޔާފައި ކޯއްޓޭއަށް ކޯއްމާލެ ކީމާ އައްޑޫ ވެސް މާލެއަށް ވާނެއެވެ. ތުރާކުނަށް ތުރަމާލެ ކިޔާފައި އުލިގަމަށް އުލިމާލެ ކީމާ ނިމުނީއެވެ. އޭރުން އެ ހުރިހާތަނެއް އޮންނާނީ މާލެއަށް ވެފައެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ބުރިޖަކުން ފުރަމާލެއާއި ގުޅާ ލެވެން ނެތް ރަށެއް ހިއްކާފައި ނަމުގެ އެއްބަޔަށް މާލެ ކިޔަކަސް އެތަނެއް މާލެއަކަށް ނުވާނެއެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެއޭ ކިޔައިގެން އުޅުނަކަސް މާލޭ މީހުނެއް އެއްޔަކީ މާލެ ކަމަށް ބަލައިގެން އެތަނުން ހިޔާވަހިކަން ހޯދާކަށް ނޫޅެއެވެ. މާލޭ މީހުން މާލެ ކަމަށް ބަލަނީ ކުޑަމިނުން ބުރިޖަކުން މާލެއާ ގުޅާލެވޭ ގޮތަށް އޮންނަ ތަންތަނެވެ.
ހުޅުމާލެ ހިއްކާ ފްލެޓާއި ރޯ ހައުސްއަޅާ ހެއްޖަކަސް އެތަނުގައި ބަޔަކު ހެޔޮވަރަކަށް އާބާދުވެ ކާރޫ ބާރު ހިނގައިގަތީ ބުރިޖުން މާލެއާ ގުޅާ ލުމުންނެވެ. އޭގެ ކުރިން ދިޔަބަޔަކު ގޮސް އުޅުނީ އެއްވެސް އެހެން ގޮތެއް ނެތިގެންނެވެ. ފުށިދިއްގަރުފަޅަކީ ފަސޭހަ ރަހުމަތެއްގައި ބުރިޖަކުން ގުޅާލެވޭކަށް އޮތް ތަނެއް ނޫނެވެ. މި ޒަމާނުގެ ޓެކްނޮލޮޖީއަށް ބަލާއިރު ފަހަރެއްގައި ބުރިޖެއް އަޅައިގެން ގުޅުވާ ނުލެވޭނެއެކޭ ބުނާކަށް ނެތީމެވެ. ފުށިދިއްގަރުފަޅު މާލެއާ ދޭތެރޭގައި ބުރިޖެއް އަޅަން ހިނގާ ހަރަދު ހަނދަން އަރަން ވެސް ކުރަން ނުޖެހޭނެއޭ ބުނާހާ ހަރަދު ބޮޑުވާނެއެވެ.
އެންމެ ރަނގަޅެވެ. މިއަދު ހިއްކަން ފެށީ ރަސްމާލެއެވެ. މާލެ ތަކުގެ ވެރިމާލެއެވެ. މާލޭ މީހުނަށް ބޯހިޔާވަހިކަން ދޭން މާލެއާއި ގުޅުވާލެވެން ނެތް ތަނެއް މާލެއާއި މާދުރުން ހިއްކާފާ ރަސްމާލެ ކީމާ އެތަނަކީ މާލެ ކަމަށް ބަލައިގެން އެތަނަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ބަޔަކު މާލޭގައި ތިބިތޯ ކުޑަމިނުން ބަލާލެވުނު ހެއްޔެވެ. މާލޭ މީހުނަށް ބޯހިޔާވަހި ކަމަށް ހިއްކާ ތަނެއް ނަމަ ފަސޭހައިން އެރަށާ މާލެއާ ގުޅުވާލެވެން ނެތުމުން އެތާ ދިރިއުޅެން ތިބި މީހުންގެ ހިޔާލު ހޯދާލީހެވެ. ކުށްވެރިންތަކެއް ލާން ހަދާޖަލެއް ނަމަ ޖަލު މީހުން ރުހުނަސް ނުރުހުނަސް ކޮންމެ ތާކުވެސް ޖަލެއް އެޅިދާނެއެވެ. ބަޔަކު ދިރިއުޅެން ތަނެއް ދައްކަން ވާނީ އެބައެއްގެ ރުހުން އޮތްތާކުންނެވެ.
ބަޖެޓްގައި އެކަމަށް ފައިސާނެތި ސަރުކާރު ކުންފުންޏެއް ޖާމިނު ކުރުވައިގެން އެހާ ހަރަދުބޮޑު އަގުބޮޑު ބިޔަ ޕްރޮޖެކްޓެއް ރައްޔިތުންގެ ބޯހިޔާވަހިކަން ހޯދާދޭށޭ ކިޔާފައި ނުފަށާނެއެވެ. ދައުލަތުގެ ދަރަނި އިންތިހާގައި އޮއްވާ ހޭޖެހޭ ބަޔަކު އެކަމެއް ނުކުރާނެއެވެ. އަމްދުން މާލެއާއި ގުޅުވާލެވެން އޮތް ފަޅުތަކެއް ހިއްކާ ގޯތިތަކެއް ދީފައިވަނިކޮށް އެކަން ހުޢްޓާލާ އަލަށް އެހެން ކަމެއް ނުފަށާނެއެވެ. އޭގެ ފަހަތުގައި އެސްއީޒެޑްގެ ނަމުގައި އަދިވެސް ކުރަންއުޅޭ ކަމަކީ ފ. އަތޮޅު ވިއްކާލުމެވެ.