ޕީއެންސީ އެމްޕީންނަށް: ހިތުހުރި ގޮތެއް ހެދޭނީ ވެއްޓެންދެން
މުއިއްޒު އެދޭހާ ކަމެއް އެދޭހާ ގޮތަކަށް ކުރަމުން ދާއިރު އެންމެނަކު އަބަދަކު ބަލާކަށް ނުތިބޭނެ
މާތް ކަލާކޯއެވެ. އޮޅިގެން ނޫޅޭށެވެ. ރާއްޖޭގެ ބިމާއި ކަނޑާއި ވަޔަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އަމިއްލަ މިލްކެއް ނޫނެވެ. ރައްޔިތުންގެ ކަންކަން ހިތުހުރި ގޮތަކަށް ކުރަނީ މުޅި އުމުރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ތިބެވިދާނެހެން ހީވާތީ ހެއްޔެވެ. ރައްޔިތުންނާ ނުބައްސާ ގައުމުގެ ކަންކަން ހިތުހުރި ގޮތަކަށް ކުރަމުން ގެންދަނީ މިނޫން ދުވަހެއް ނާންނާނެ ކަމަށް ހެއްޔެވެ. ހަމަހިލާ އެހެނަކުން ނުވާނެއެވެ.
ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ނޫނެކޭ ގޮވަގޮވާ ތިއްބާ މުއިއްޒާއި އަލައްބާރު ބޭނުންވާ ގޮތަށް ރަސްމާލެ ދޫކޮށްލާފައި އުމުރަށް އުފަލާ އަރާމުގައި ތިބެވިދާނެ ކަމަށް ހީވަނީ ހެއްޔެވެ. ސިއްރު ސިއްރުން ބައި އަޅާލައިގެން ރަސްމާލެ ތިޔަ ދޫކޮށްލަނީ ކަލޭމެންގެ ދަރިންގެ ދަރިންނަށް ވެސް ހިޔާނާތްތެރި ވަމުންނެވެ. ދުނިޔެ ރަންވެގެން ތިބެ މުއިއްޒު އެދޭހާ ކަމެއް އެދޭހާ ގޮތަކަށް ކުރަމުން ދާއިރު އެންމެނަކު އަބަދަކު ބަލާކަށް ނުތިބޭނެއެވެ.
ދާއިރާއަކުން މަޖިލީހަށް ހޮވިފައި ތިބުމަކީ ގައުމު ކުދިކޮށްކޮށާ ކޮށާ ކާޅަށް ދިނުމަށް ދީފައި އޮތް ލައިސަންސެއް ނޫނެވެ. ދައުލަތުގެ މިލްކިއްޔާތު އިރާ ވިދާ ނޮޅާ ކާން ދީފައި އޮތް ތަޅުދަނޑިއެއްވެސް ނޫނެވެ. ވެރިއަކު ނުބައި ނުލަފާވެ ޖައްބާރުވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިބި ބައެއްގެ އަމިއްލަ އެދުމާ ހިޔާނާތްތެރި ކަމުގެ ސަބަބުންނެވެ. ތިޔަފަދަ ނުބައި ނުލަފާ ކަމުގައި އަބަދަކު ދެމިއެއް ނުތިބެވޭނެއެވެ. ވެއްޓޭނެ ދުވަހެއް އަންނާނެއެވެ. އެ ދުވަހަކުން ތިޔަ ނުބައި ނުލަފާކަން ހަނދާން ނައްތާލާ ލޯމަރާލައިގެން އެންމެނަކު ނުތިބޭނެއެވެ. އާރާ ބާރުގައި ތިބެ ހަދާނެ އެއްޗެއް ހަދާފައި އުމުރުގެ ބާކީ ބައި މާ އުފަލެއްގައި އުޅެވިދާނެ ކަމަށް ހީވަނީ ހެއްޔެވެ.
ތިމަންނާމެން މިއީ ފަސްހާސް ރައްޔިތުންގެ ތެރެއިން ހޮވާފައި ތިބި ބައެކޭ ތިމަންނާމެން ނިންމާ ކޮންމެ ނިންމުމަކަށް ރައްޔިތުން ރުހި ގަބޫލުވާނެ ކަމަށް ފަލާހުމެންނަށް ހީވަނީތާއެވެ. އެހެން ހީވަންޏާ އެކަމުގެ ހިތި ނުފެނިއެއް ނުދާނެއެވެ. މީގެކުރިން ދެ ވޯޓު އެއްކުރަން ފޫގަޅައިގެން ތިޔަހެން އުޅުނެވެ. އާހިރުގައި އިނގުރައިދޫ ދާއިރާގެ ރައްޔިތުން ވެސް ފަލާހު ބޭނުންވި ގޮތަކަށް ވޯޓެއް ނުދިނެވެ. ފަލާހު ބޭނުންވީ ގޮތެއް ދާއިރާ ރައްޔިތުން ބޭނުމެއް ނުވިއެވެ. ޖެހީ ބޮޑުކޮށް "ނޯ"އެވެ.
ރަސްމާލެ ޑީލުގައި ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ސަބަބެއް ނެތްކަމަށް އައިބީއަށް ހީވަންޏާ ތަޖުރިބާއިން ރައްޔިތުންގެ ވޯޓު އައިބީ ބޭނުން ނުވި ގޮތަށް ނިމިގެން ދިޔަކަން ހަނދާންކޮށް ބަލާށެވެ. އައްޑޫ ސިޓީން ފޭދޫ ވަކިކުރަން އުޅެގެން ވީގޮތް ހަދާންވީތާއެވެ. ދެވޯޓު އެއްކުރާ ވޯޓު ދިޔަގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރަސްމާލެ މައްސަލަ ގެންދަން އައިބީ ވެސް ބިރު ގަންނަނީތާއެވެ.
މެންބަރު ފަޒީލެވެ. ރާއްޖޭގެ ކޮންމެ އަކަ އިންޗިއަކީވެސް ދިވެހިރައްޔިތުންގެ މިލްކެކެވެ. ދިވެހި ފަސްގަނޑަކީ މަތިންދާ ބޯޓެއްގެ އިންޖީނު ސްޕެއަރޕާޓެއް ނޫނެވެ. ފަޒީލު އިންޖީނެއް ރާވާގޮތް ރައްޔިތުންނަށް އެނގޭކަށް ބޭނުމެއް ނުވާނެއެވެ، އެކަމަކު ރަސްމާލެ އީގަލް ހިލްސްއަށް ދޭން އުޅޭ ހުރިހާގޮތެއް އަލިފުން ޔާއަށް ރައްޔިތުންނަށް އެނގެން ޖެހޭނެއެވެ. އަންގަންވެސް ޖެހޭނެއެވެ. މާ ގަދަވާން ނޫޅޭށެވެ.
މެންބަރ އަސްލަމެއް ކަމަކު އެޗްޑީސީން މީހެއްގެ އަންބަކު ހޯދައިގެން ތުންގުޅުވާފައި ހިންދާލާހެން ކޮންމެކަމެއް އޮއްބާލަން ނޫޅޭށެވެ. ތުމާ ތުންގުޅަން ބަހާނެ ފައިސާ ހޯދާތަނަކަށް ރަސްމާލެ ހަދަން ނޫޅޭށެވެ. ކިތަންމެ ފައިސާއެއް ލިބެން އޮތަސް ރަސްމާލެ އީގަލް ހިލްސްއަށް ދޭން އުޅޭއުޅުމުގައި އަތްއަޅައިގެން ފޮރުވަދޭން އުޅެވޭ ވަރަށްވުރެ ތިބާގެ ފަސްބައިވެސް މުޑުދާރެވެ.




