ލާމަރުކަޒީ ވުމަކީ މުސްތަގިއްލު ދައުލަތްތަކެއް އުފަން ކުރުމެއްނޫން
އެހެން އަތޮޅުތަކަށް ނުހިނގާ ވަކި ހުކުމެއް ނ. އަތޮޅަށް ހިނގަންޖެހޭ ސަބަބެއް ނެތް
ރާއްޖޭގައި ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ފަޅުފަޅާ ދޫކޮށްގެން އުޅެނީ އަދި ކިރިޔާ ހެއްޔެވެ. ރާއްޖޭން ޓޫރިޒަމްގެ ބޭނުމަށް ދެރަށެއް ދޫކޮށްގެން މިއުޅޭނީ އަލަށް ހެއްޔެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ވުރެ ޓޫރިޒަމަށް ދޫކޮށްފައި ހުރި ރަށްގިނައެވެ. ނ. އަތޮޅުން ދެރަށެއް ދޫކޮށްގެން މިހާރު ބައެއްގެ ފަޔަށް ހިނި އަރައިގެން ތެޅިފޮޅެނީ ކީއްވެގެން ހެއްޔެވެ.
ތެޅެފޮޅޭ އިރު ޑިސެންޓްރަލައިޒޭޝަނެއް ފެޑަރޭޝަނެއް ވަތްކެއް ނުވެއެވެ. ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫންކަމާއި ޔުނިޓަރީ ދައުލަތެއްކަން ބައެއް އަތޮޅު ކައުންސިލަރުންނަށް ނޭނގުމަކީ ހައިރާން ވާންވީ ކަމެއް ނޫނެވެ. ލާމަރުކަޒީ ނިޒާމުގެ މަފްހޫމު އޮޅުވާލާ ކޮންމެ އަތޮޅަކީ ފެޑެރޭޝަނެއް ކަމަށް ހަދަން އުޅޭ ބަޔަކަށް އެއިން ކޮންމެ އަތޮޅަކީ ވަކި ސަރުކާރެކޭ ހީވާނެއެވެ.
ނޭނގޭ ކަމަކީ ރާއްޖޭގެ ލާމަރުކަޒީ ގާނޫނު އޮތް ގޮތުން އެއްވެސް އަތޮޅެއްގެ އެއްވެސް ރަށަކީ އަތޮޅުކައުންސިލް ދަށުގައި އޮތްތަނެއް ނޫން ކަމެވެ. ކޮންމެ ރަށެއްގައި އޮންނަނީ މުސްތަގިއްލު މިނިވަން ރަށު ކައުންސިލެކެވެ. އަތޮޅު ކައުންސިލަކީ އޭގެ ޒާތުގައި އެއްވެސް ރަށު ކައުންސިލެއްގެ މައްޗަށް އާރެއް ބާރެއް ލިބިގެންވާ ތަނެއްނޫނެވެ. ގާނޫނަށް ގެނައި އިސްލާހަކުން އަތޮޅު ކައުންސިލްގެ ޖަލްސާތަކުގައި ރަށު ކައުންސިލްގެ ރައީސް ތަމްސީލުކުރާ ގޮތަށް ހަމަޖެހުމަކުން ރަށްރަށުގެ ކައުންސިލް ތަކަކީ އަތޮޅު ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ތަންތަނަކަށް ނުވެއެވެ.
އަތޮޅެއްގައި އޮންނަ ގިނަ ފަޅުރަށް ކޮންމެ ވެސް ރަށު ކައުންސިލެއްގެ އިހުތިސާސްގެ ތެރެއަށް ވަދެއެވެ. އެ ފަޅުރަށެއްގެ މައްޗަށް ހިނގިއްޔާ ހިގާނީ އެރަށެއްގެ އިހުތިސާސް އޮތް ރަށު ކައުންސިލެއްގެ ބާރެވެ. އެހެނަސް ޓޫރިޒަމްގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްގެ އިހުތިސާސް އޮތް ސަރަހައްދެއްގައި އޮންނަ ރިސޯޓްތަކަށް އެކައުންސިލްތަކުގެ ބާރު ހިނގާ ގޮތަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ. އަނެއްކޮޅުން ރަށު ކައުންސިލަކަށް އިހުތިސާސް ލިބިފައިވާ ނުވާ ފަޅުރަށަކަށް ނޫނީ އަތޮޅު ކައުންސިލަށް ބެލެނިވެރިކަން ނެގޭނެ އެއްވެސް ފަޅު ރަށެއް ނުއޮވެއެވެ.
ލާމަރުކަޒީ ގާނުނާއި އެކުއެކީ ރާއްޖޭގައި ހިންގާ އެހެނިހެން ގާނޫނުތައް އޮންނަކަން އަތޮޅު ކައުންސިލަށް ނޭނގުމަކީ ވެސް އަޖައިބެއް ނޫނެވެ. ނ. އަތޮޅު ދެރަށުގެ ވާހަކަ ދެއްކުމުގެ ކުރިން މާލެއަތޮޅާއި އަރިއަތޮޅު ދެބުރިއާއި މާޅޮސް މަޑުލު ދެބުރިއާއި ފާދިއްޕޮޅާއި ވާވު އަތޮޅު ފަދަ އެތައް އަތޮޅެއްގައި އެތައް ރިސޯޓު ހުޅުވައިގެން ހިންގާއިރު އެތަންތަނަށް ނުހިނގާ ވަކި ހުކުމެއް ނ. އަތޮޅަށް ހިނގަންޖެހޭ ސަބަބެއް ނެތެވެ.
ރައީސް ޔާމީނު ފ. އަތޮޅު ވިއްކާލަން އުޅުމާ ނ. އަތޮޅުން ވަކި ދެރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމާ އެއްގޮތެއް ނޫނެވެ. ނ. އަތޮޅު ރައްޔިތުންގެ ހައްގު ގެއްލޭތީ ކަމަށް ބުނެ ބަޔަކު ލޭހޫނުވެގެން އުޅެނީ ކޮންމެވެސް އެހެން މަގުސަދެއްގައެވެ. މައި ސަރުކާރެއް ހިއްސާކުރާ ވަކިވަކި ދައުލަތް ތަކަކަށް އަތޮޅުތަކާ ސީޓީތައް ނުހަދާ ވަކި އެއް މުއައްސަސާއަކަށް އަތޮޅެއްގެ ހުރިހާކަމެއް ފުރޮޅާ ނުލެވޭނެކަން އެގެން ޖެހެއެވެ.
ލާމަރުކަޒީ ވުމަކީ މުސްތަގިއްލު ދައުލަތްތަކެއް އުފަން ކުރުމެއްނޫނެވެ. މަރުކަޒީ ގޮތެއްގައި ފުނިޖެހިފައި ހުރި ހިދުމަތްތަކާ ފުރުސަތުތައް ގޭ ދޮރުމައްޗަށް ގެނައުމެވެ. މިނިވަން މުސްތަގިއްލު ރަށު ކައުންސިލްތައް އަތޮޅު ކައުންސިލްގެ މުށުތެރެއަށް ގެންދިއުމެއް ވެސް ނޫނެވެ.