އެމްޑީޕީގެ އިސްވެރިން ހިތާމަ ފާޅުކުރައްވަނީ

ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި އޯކޭ ޒާހިރު އަވަހާރަވުމުގެ ހިތާމަ

އެމްޑީޕީގެ އިސްވެރިން ހިތާމަ ފާޅުކުރައްވަނީ

ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގެ މުހިންމު ބައިވެރިއެއް ކަމުގައިވާ ކުރީގެ ވިޔަފާރިވެރިޔާ އޯކޭ ޒާހިރު އަވަހާރަވުމުގެ ހިތާމަ އެމްޑީޕީގެ އިސްވެރިން ފާޅުކުރައްވަމުން އެބަ ގެންދަވައެވެ. 

އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހީދު ވިދާޅުވަނީ މުޙަންމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަ އާއި އެކުގައި ކަމަށެވެ. ޒާހިރަކީ އިސްލާޙީ މަސައްކަތުގެ ވަރަށްބޮޑު ބައިވެރިއެއްކަމަށާއި އެމް.ޑީ.ޕީ އަށް އިހުލާސްތެރި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށާއި އެ ޕާރޓީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެއްކަން ޝާހިދު ފަހަގަކުރެއްވިއެވެ. އޯކޭ ޒާހިރަކީ އިޖާދީ ވިޔަފާރިވެރިއެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީއަށާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވާކަމަށެވެ.

ދެބޭފުޅުންވެސް އޯކޭ ޒާހިރު އާއިލާގެ އެންމެހާ ބޭފުޅުންނަށް ކެތްތެރިކަންދެއްވާ ސަވާބުއިތު ކަންދެއްވުމަށާއި ޒާހިރުގެ ފުރާނަފުޅަށް ރަހުމަތް ލެއްވުމަށް އެދިވަޑައިގެން ދުއާކުރައްވައެވެ.

ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވީ އުމުރުން 76 އަހަރުގައއެވެ. ޒާހިރު އަވަހާރަވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރުއެވެ. ޒާހިރު އަވަހާރަ ވީއިރު ދިރިއުޅުއްވަމުން ގެންދަވަނީ ސްރީ ލަންކާގައެވެ. 

ޒާހިރަކީ އިޖާދީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރި އެކެވެ. ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް)އާއި، ވިމް ޕައުޑަރު (ތިރުނަ ޕައުޑަރު)އާއި، މޫނުގައިޖަހާ ފުށް (ރެހެންދި ޓެލްކަމް ޕައުޑަރު)އާއި، ބްލީޗިން ލިކުއިޑް (ފަސޭހަ ލިކުއިޑް)އާއި، އުއްބައްތި (ރީތިއަލި)އަކީ ޒާހިރުގެ ވިޔަފާރީގެ އުފެއްދުންތަކެވެ. ޒާހިރު އެމަސައްކަތް ކުރެއްވީ ރާއްޖޭގައެވެ. ޒާހިރަކީ މަހުގެ ބާވަތްތަކާއި ހުއިފިލަނޑާ އެކްސްޕޯޓުކުރެއްވި ވިޔަފާރިވެރިއެކެވެ.

އިގުތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1993 ގައި ޒާހިރަށް ލިބިވަޑައިގެންފައިވެއެވެ.