ސްޓެލްކޯގެ ހިދުމަތްތެރި ތަރި: ހުސައިން ފަހުމީ
ފަހުމީ ގެންގުޅުއްވާ ސްޓެލްކޯ ތަސައްވުރު ފުރިހަމަ
ރާއްޖޭގައި ދެމެހެއްޓެނިވި އިތުބާރު ހުރި ހިދުމަތެއް ދެވޭ އެންމެ ދުވަސްވީ އެއް ކުންފުންޏަކީ ސްޓެލްކޯއެވެ. ސްޓެލްކޯ އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނަފާވެރި ކުންފުންޏެއް ގޮތުގައި ދެމި އޮންނާނީ އެކުންފުނީގައި ދެގޮތެއް ނުވެ އިހުލާސްތެރި ހިދުމަތްތަކެއް ކުރާ މުއައްޒަފުންތަކެއްގެ މިންނަތް މަސައްކަތުގެ ސަބަބުންނެވެ.
ސްޓެލްކޯގެ ހިދުމަތުގައި ދެމިތިއްބެވި ގިނަ މުުއައްޒަފުންގެ ތެރެއިން ޖެނެލް މެނޭޖަރގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ މ. ފަތަހަ ހުސައިން ފަހުމީ އަކީ ދެވަނައެއް ނެތްފަދަ ހިދުމަތްތެރިއެކެވެ. ޒިންމާދާރު ކަމާއި ކަމަށް ކަމޭހިތުމާ ވެރިންގެ އިރުޝާދަށް މަސައްކަތްކުރުމުގައި ފަހުމީ އަކީ ނެތްފަދަ މިސާލެކެވެ.
ޓްރޭނިންގ އޮފްސަރެއްގެ ގޮތުގައި 1998 ވަނައަހަރު ސްޓެލްކޯއާ ގުޅިވަޑައިގެން ފަހުމީ ވަނީ ސްޓެލްކޯއަށް ހިދުމަތް ކުރެއްވުމުގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯއްދަވާފައެވެ. ސްޓެލްކޯއިން ގެންގުޅޭ މީހުން ބިނާ ކުރުމުގެ ހާއްސަ ޕްރޮގްރާމުގެ ދަށުން ސްކޮޓްލޭންޑުން ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ފަހުމީ ސްޓެލްކޯގެ ތަފާތު ސެކްޝަންތަކުގައި ޒިންމާދާރު އެތައް ހިދުމަތެއް ވަނީ ކުރައްވާފައެވެ.
ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް އަދާކުރެއްވި ފަހުމީއަކީ ފިނޭންސްއާއި ބިލިންގގެ ދާއިރާއާއި ޕްރޮކިއުމަންޓާއި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ ފަދަ އެތައް ދާއިރާއެއްގައި ސްޓެލްކޯގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާ ބޮޑެތި ކުރިއެރުން ތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ފަހުމީގެ ބެއްލެވުމުގެ ދަށުން ސްޓެލްކޯގައި ހިންގުނު އެންމެ ކާމިޔާބު އެއް މަސައްކަތެއްގެ ގޮތުގައި ހުޅުމާލޭ 2ވަނަ ފިޔަވަހީގައި ބިނާކުރި ސްޓެލްކޯ ޓަވަރުތައް ފާހަގަ ކޮށްލެވެއެވެ. ސަރުކާރު ކުންފުނިތަކުގެ މުއައްޒަފުންގެ ބޯހިޔާވަހިކަމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ހުޅުވާލެއްވި ފުރުސަތުގެތެރެއިން ސްޓެލްކޯއިން ބިނާކުރި ޓަވަރުތަކުގެ ބިންގަލުން ފެށިގެން ނިމުމާ ހަމައަށް މުޅި މަސައްކަތް ވިލަރެސްކުރައްވާ ނިންމެވުމުގެ އެންމެ ބޮޑު އާރުކާޓީއަކީ ފަހުމީއެވެ. ސަރުކާރު ކުންފުނި ތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓަވަރު ތަކުގެ މަސައްކަތް ނިންމާ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދެވުނު ކުންފުޏަކަށް ސްޓެލްކޯ ހެދުމުގެ މުގުލުގައި ހުންނެވީ ފަހުމީއެވެ.
ސްޓެލްކޯއާ މެދު ފަހުމީގެ އުންމީދު ބޮޑެވެ. ފަހުމީ ގެންގުޅުއްވާ ސްޓެލްކޯ ތަސައްވުރު ފުރިހަމައެވެ. ރައްޔިތުންނަށް މިހާރަށްވުރެ ވެސް އަގުހެޔޮ ފަސޭހަ ހިދުމަތެއް ދެއްވުމެވެ. އިހުތިސާސްގައި ހިމެނޭ ރައްޔިތުންނަށް އުދަގޫވާގޮތަށް ހުރިހާ ކަންކަމެއް އެކީ އެކައްޗަކަށް ނައްތާލުމަކީ ފަހުމީގެ އަމާޒެކެވެ. އެއްވެސް ބައެއްގެ ސިޔާސީ ހަރުގެއަކަށް ސްޓެލްކޯ ވިޔަނުދެއްވުމަކީ ފަހުމީގެ އަޒުމެކެވެ. މުއައްޒަފުންނަށް ފަހި މަސައްކަތު މާހައުލެއް އޮތް ތަނަކަށް ސްޓެލްކޯ ހެދުމަކީ އަމާޒެކެވެ.