މިއޮތީ ފަޅޮލާއި އެކު ކެއުން ނުރައްކާ ފަސްކާނާ
ފަޅޮލަކީ ފައިދާ ހިމެނޭ އެންމެ ގިނަ މާއްދާތައް އެކުލެވޭ އެއް މޭވާ
ފަޅޮލަށް ލޯބި ކުރަން ހެއްޔެވެ. ފަޅޮލަކީ ގިނަ ބަޔަކަށް ކަމުދާ އެއް މޭވާއެވެ. ފަޅޮލަކީ ކެލަރީ މަދު އެއްޗަކަށް ވާތީ ސިއްހީ ގޮތުން އެހެނިހެން ގިނަ ފައިދާތަކެއް ފަޅޮލުން ލިބެއެވެ. އެކަމަކު ފަޅޮލާއި އެކުއެކީގައި ކެއުމުން ދުރުހެލިވާން ޖެހޭ ވަކި ކާނާތަކެއް ވެސް ހުރެއެވެ. ފަޅޮލާ އެކުގައި ކެއުމުން ދުރުހެލިވާން ޖެހޭ ފަސް ބާވަތެއް ބުނަން ހެއްޔެވެ. އެ ބާވަތްތައް އެނގުން މުހިންމެވެ.
އުސްއަލި
• ފަޅޮލަކީ ފައިދާ ހިމެނޭ އެންމެ ގިނަ މާއްދާތައް އެކުލެވޭ އެއް މޭވާ އެވެ.
• ނަމަވެސް އެއާއެކު ކާ ކާނާތަކަށް ސަމާލުކަން ދޭން ޖެހެއެވެ.
• ރަނގަޅަށް ބޭނުން ނުކުރެވިއްޖެނަމަ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.
ތާޒާ މޭވާ ކެއުމަކީ ދުޅަހެޔޮ ކާނާ ކެއުމަށް މުހިންމު ކަމެއް ކަމުން އަހަރެމެންގެ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ނިއުޓްރިޝަން އިތުރުކުރުމަށް އެހީތެރިވެދޭ އެކައްޗަކީ ފަޅޮލެވެ. ކެއުމަށް ގިނަ އަދަދަކަށް މޭވާ އިހުތިޔާރު ކުރާއިރު އެންމެ ގިނައިން އިހުތިޔާރުކުރާ އެއްމޭވާއަކީ ފަޅޮލެވެ. ސްމޫތީއެއްގައި ނުވަތަ ޔޯގަޓްގައި ވެސް ފަޅޮލަކީ ހޫނު މޫސުމުގެ ދުވަސްވަރު ހަކަތަ އިތުރު ކުރުމަށް ވަރަށް ފުރިހަމަ އެއްޗެކެވެ.
ފައިދާ ބޮޑު މި މޭވާވެސް ބޭނުންކުރެވޭ ގޮތަކުން ސިއްހަތަށް ގެއްލުން ލިބިދާނެއެވެ. އެއްވެސް ފިކުރެއްނެތި އެހެން ކާނާތަކާ އެކު ފަޅޯ ބޭނުން ކުރާ ފަހަރު ވެސް އާދެއެވެ. ފަތްޕިލާވެލީގެ ބޭސްވެރިން އެއްބަސްވާ ގޮތުގައި ރަނގަޅު ކާނާ ބޭނުން ކުރެވޭ ގޮތުން ހަށިގަނޑަށް އިދިކޮޅު ސިފަތަކެއް ހުންނަގޮތަށް ކާނާ ޖޯޑު ކުރުމުން ދުރުހެލިވާން ޖެހެއެވެ. ގުދުރަތީ ގޮތުން ހޫނު އެއްޗަކާއި ފިނި އެއްޗަކާ ޖޯޑު ކުރުވައިގެން ބޭނުން ކުރުމަކީ ހަށިގަނޑުގައި ފިނިހޫނުމިނުގެ އިންބެލެންސް އެއް އުފެދިދާނެ ކަމެކެވެ.
ފަޅޮލާ ޖޯޑުކޮށްގެން ބޭނުން ކުރުމުން ދުރުހެލިވާންޖެހޭ ވަކި ކާނާތަކެއް މިހިސާބުން ފާހަގަ ކޮށްލާނަމެވެ. ޖޯޑުކުރުމޭ މިބުނާ ބަހުގެ މުރާދަކީ އެއްކޮށްގެން ކެއުމެވެ.
ކާނާ އެއްކޮށްލުން:
ފަޅޮލާއި ޖޯޑުކޮށް ކެމުން ދުރުހެލިވާންވީ 5 ކާނާ:
1. ކިރު އުފެއްދުންތަކާއި ފަޅޯ
ކިރާއި ބިހާއި ކަދުރު ފަދަ ކިރުގެ އުފެއްދުންތަކާ އެކު ގިނަ ބަޔަކު ފަޅޯ ބޭނުންކުރެއެވެ. މިކަމަކީ ކުރާނަމަ މިހާރުން މިހާރަށް ހުއްޓާލުން ރަނގަޅުކަމެކެވެ. ފަޅޮލުގައި ޕަޕައިން ކިޔާ އެންޒައިމެއް ހިމެނެއެވެ. މިއީ މި ކިރުގެ އުފެއްދުންތަކުގެ ހަޖަމުކުރުމުގެ ޕްރޮސެސްއަށް ބުރޫއަރުވާ އެއްޗެކެވެ. ގޭހާއި ފުއްޕާމޭގެ ބަލިތައް ފެށުމުގެ ފުރުސަތު ބޮޑުވެއެވެ.
2. ކުޅިކާނާއާއި ފަޅޯ
ރަހަ މީރު ކާނާއަކީ ހަށިގަނޑުގައި ހޫނު އުފެއްދުމަށް ފަސޭހަވާ އެއްޗެކެވެ. ފަޅޮލަކީ ހަށިގަނޑު ފިނިކޮށްދޭ މޭވާއެއް ކަމުން ފަޅޮލާއެކު ކުޅި ކާނާ ބޭނުންކުރުން ބުއްދި ވެރިއެއް ނޫނެވެ. ޒާތްޒާތުގެ ކުޅި ރިހައާއި ހަވާދު ހިމެނޭ މެންދުރުގެ ނުވަތަ ރޭގަނޑުގެ ކެއުމާއެކު ފަޅޯ ކެއުމުން ހަށިގަނޑުގެ ފިނިހޫނުމިން ބެލެންސް ނުވެ ބަނޑަށް އުނދަގޫ ވެދާނެއެވެ.
3. ހުތް މޭވާއާއި ފަޅޯ
މޭވާ ކާން ބޭނުންވާ ކޮންމެ ފަހަރަކު ގިނަ މީހުން ތައްޓަކަށް ހުތް މޭވާއާއި ފަޅޯ އަޅައިގެން ވިސްނާލުމެއް ނެތި ކައިއުޅެއެވެ. އެކަމަކު ފަޅޮލާއި އާއި ހުތްމޭވާ އެކުއެކީގައި ނުކެއުމަށް ވިސްނަންޖެހެއެވެ. ހުތްމޭވާއަކީ ވިޓަމިން ސީ ގިނަ މޭވާތަކެއް ކަމުން ހުތްމޭވާގައި މަތީ ދަރަޖައަކަށް އެސިޑް އެކުލެވެއެވެ. ފަޅޮލާއި ހުތް މޭވާ އެކުގައި ކެއުމުން ހީނުކުރާވަރުގެ ހިތްދަތިކަމެއް ކުރިމަތިވެދާނެއެވެ.
4. އަނބާއި ފަޅޯ
ހުތް މެވާގެ އިތުރުން ފަޅޮލާއެކު އަނބު ކެއުމުން ވެސް ދުރުހެލިވާން ޖެހެއެވެ. ކޮންމެ ވައްތަރެއްގެ އަނބެއްވިޔަސް ތަފާތެއް ނެތެވެ. ފެހި، ކަޅު، ނުވަތަ ރަތް ކުލައިގެ އަނބެއް ކަމުގައި ވިޔަސް ހަމަ އެއްގޮތެވެ. އަނބާއި ފަޅޯ އެކުއެކުގައި ކެއުމަށް މޮޅު ކާނާއަކަށް ނުވެއެވެ. އަނބުގައި އެސިޑް ގިނައިން ހުންނައިރު، މިއީ ބަނޑުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. އަނބާއި ފަޅޯ ވަކިވަކިން ކައިގެން ސިއްހީ ފައިދާތައް ލިބިގަތުމަކީ އެންމެ ރަނގަޅު ގޮތެވެ.
5. ސަޔާއި ފަޅޯ
ހޫނާއި ފިނި ކާނާ އެއްކޮށްގެން ތައްޔާރުކުރާ އަނެއް އާއްމު އެއްކެއުމަކީ ސަޔާއި ފަޅޮލެވެ. ސައިގައި ކެޓެޗިން ކިޔާ ކޮމްޕައުންޑެއް ހިމެނޭއިރު، މިއީ ގޭސްޓްރިކް މައްސަލަތައް ކުރިމަތިވާ އެއްޗެއްކަން އެނގެއެވެ. މީގެ އިތުރުން ފަޅޮލުގައި ހުންނަ ޕަޕައިން އެންޒައިމް އާއި ގުޅުމުން ހާލަތު ގޯސްވެދެއެވެ. ފަޅޮލާއެކު ސައިބުއިމުގެ އާދަ ހިފިފާ ވާނަމަ އަވަހައް ހުއްޓާލާށެވެ.
ސިއްހީ މައްސަލަތައް ފިލުވައިލުމަށް ރަނގަޅު ގޮތުގައި ފަޅޯ ކާށެވެ. ބުއްދިވެރިކަމާއެކު ކައިގެން ދުޅަހެޔޮ ސިއްހަތެއްގައި ތިބެމާހެއްޔެވެ!