ހީރަސް ސުފުރާ: ކެރެޓްކްރީމް ހަލުވާ

ކެއުމުގެ ހަވާސާގައި ބޭނުން ކޮށްލަން ނިކަން ފައްކާ

ހީރަސް ސުފުރާ: ކެރެޓްކްރީމް ހަލުވާ

ހީރަސް ސުފުރާ މިފަހަރު ހާއްސަ ކޮށްލާނީ ކެރެޓްކްރީމް ހަލުވާއަށެވެ. މި ހަލުވާއަކީ ކެއުމުގެ ހަވާސާގައި ބޭނުން ކޮށްލަން ނިކަން ފައްކާ އެހާމެ މީރު އެއްޗެކެވެ. ތަޖުރިބާ ކޮށްލަމާ ހިނގާށެވެ.

ބޭނުންވާ ތަކެތި:

  • 8 ޖޯޑު ކެރެޓް ( ގާނާ، އާވިން ކައްކާ ވަރަށް ބޮޑަށް މަޑުކޮށްފައި)
  • 2/1 ޖޯޑް ޒުވާރިފުށް
  • 2 ދަޅު ގެރިކިރު
  • 2/1 ޖޯޑު ހަކުރު
  • 4 ޖޯޑު ދިޔާކިރު
  • 2 ޖޯޑު ނެސްލޭ ކްރީމް
  • 2/1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

  • ތެއްޔެއް އުނދުން މައްޗަށް އުދާލާށެވެ.
  • ހަކުރުކޮޅު ތެލީ ތެރެއަށް އަޅާލާށެވެ.
  • މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ގޮސް ހަކުރުކޮޅު ހިތި ރަހަ ނުދޭވަރަށް ބްރައުން ކޮށްލާށެވެ.
  • އޭގެފަހުން ކެރެޓްކޮޅު އަޅާފައި ދޭފަތުން ހަލަމުން މަޑު ގިނީގައި ކައްކާލާށެވެ.
  • ކެރެޓްކޮޅުގައި ހަކުރު ހިފާ ރަނގަޅަށް އެއްވަންދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާށެވެ.
  • ޒުވާރިފުށްކޮޅު އޮލަކޮށް ފެންފޮދެއްގައި ގިރާފައި ކިރުފޮދު ވެސް އެއްކޮށް ތެއްޔަށް އަޅައިގެން ދޭފަތުން ހަލަމުން ކައްކާށެވެ.
  • ޒުވާރިފުށްކޮޅު ރޯފިލުމުން ގެރިކިރާއި އެސްންސް ވެސް އޭގެތެރެއަށް އެއްކޮށްލާށެވެ.
  • އެންމެފަހުން ކްރީމް އެއްކޮށްފައި އުނދުން މަތިން ތެލި ބާލާށެވެ.

އެހުރީ ވަރަށް މީރުކޮށް ކެރެޓްކްރީމް ހަލުވާ ތައްޔާރުވެފައެވެ. އަވަހަށް ތަށްޓަށް އަޅާލާ ސުފުރާ މައްޗަށް ނެރޭށެވެ. ފިނިކޮށްގެން ވެސް ވަރަށް މީރުވާނެއެވެ.