ހީރަސް ރެސިޕީ: ރަވާ ޕިރިނީ

ހީރަސް ރެސިޕީ މިއަދު ރަވާ ޕިރިނީ އަށް ހާއްސަ ކޮށްލަމެވެ. ރަވާ ޕިރީނީއަކި ހަނޑޫ އަޅައިގެން ކައްކާ ޕިރިނީއަށް ވުރެ އަވަހަށް ކެއްކޭ ތައްޔާރު ކޮށްލަންވެސް ފަސޭހަ ޕިރިނީއެކެވެ.
ރެސިޕީގައި ތަކެތި ނެގުމަށް މިބުނަނީ 6-8 މީހުންނަށް ވާވަރަށް ޕިރިނީ ކެއްކުމަށެވެ.
- ބޭނުންވާތަކެތި
½ ޖޯޑު ރަވާ (ސެމޮލިނާ)
¼ ޖޯޑު ހަކުރު
1 ދަޅު ގެރިކިރު
1 ޖޯޑު ފުލް ކްރީމް ކިރު
1 ސައިސަމުސާ ރޯޒްވޯޓަރ (ނޫނީ ބޭނުން ވަރަކަށް)
1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
6 އިންޗީގެ ރާނބާފަތް ކޮޅެއް
2 ޖޯޑު ފެން
- ހަދާނެގޮތް
ފިޔަވަޅު 1
- ތެއްޔެއް މެދު ގިނީގައި ބަހައްޓައިގެން ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ރަވާކޮޅު އަޅާލާށެވެ.
- އެއިން މީރުވަސް ދުވަން ފަށަންދެން ހަނާ ކުރާށެވެ.
- މުށި ކުލަ އަރަންދެން ހަނާ ކުރާނެ ކަމެއް ނެތެވެ.
ފިޔަވަޅު 2
- ފެނާއި ފުލް ކްރީމް ކިރާއި ހަކުރާއި ރާނބާފަތްކޮޅު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކުރަމުން ކައްކާށެވެ. ކައްކާނީ ތެލީގައިވާ ތަކެތި ބޮކިޖަހާ އޮލަވަންދެނެވެ.
- ބޮކިޖަހާ އޮލަވުމުން ރާނބާފަތްކޮޅު ނަގައި އެއްލާލާށެވެ.
- ގެރިކިރުދަޅު ތެއްޔަށް އޮއްސާލާފައި އަނެއްކާވެސް އެއްކުރަމުން ކައްކަމުން ގެންދާށެވެ.
- މިފަހަރުވެސް ކައްކާނީ ތެލީގައިވާ ތަކެތި ބޮކިޖަހާ އޮލަވަންދެނެވެ.
ފިޔަވަޅު 3
- އުނދުން ނިވާލާފައި ރޯޒްވޯޓަރކޮޅު ތެއްޔަށް އަޅައި އެއްކޮށްލާށެވެ.
- ޕިރިނީ ސެޓްކުރަން ބޭނުން ކުރާނެ ކޮންޓެއިނަރުގެ ތެރެއަށް ތެލީގައިވާ ތަކެތި އޮއްސާލާށެވެ.
- ތެލީގައިހުރި ތަކެތި ކޮންޓޭނަރަށް އޮއްސާލުމަށްފަހު ފުރޭންޏެއް ބޭނުން ކޮށްގެން ފޮނިތޮށި ކާފޫރުތޮޅިކޮޅު އޭގެ މައްޗަށް ބުރުއްސާލާށެވެ.
ފިޔަވަޅު 4
- ޕިރިނީ ސެޓް ކުރަން ބަހައްޓާށެވެ. ފްރިޖްގައިވެސް ބޭރުގައިވެސް ބެހެއްޓިދާނެއެވެ.
- ބައިގަޑިއެއް ހާއިރު ބެހެއްޓުމުން ޕިރިނީ އޮންނާނީ ސެޓްވެފައެވެ.