ހީރަސް ސުފުރާ: ގަބުޅި ބޯކިބާ

ދިވެހިންގެ މެދުގައި މަގުބޫލު ބޯކިބަލެއް

ހީރަސް ސުފުރާ: ގަބުޅި ބޯކިބާ

ހީރަސް ސުފުރާ މައްޗަށް މިއަދު ނެރޭނީ ގަބުޅި ގަބުޅި ބޯކިބަލެވެ. ގަބުޅި ބޯކިބަލަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ބޯކިބަލެކެވެ.

ބޭނުންވާނޭ ތަކެތި:

  • 2 ޖޯޑު ގަބުޅި
  • 1½ ޖޯޑު ހަކުރު
  • 1 ޖޯޑު ފުއް
  • 2 މޭޒުމަތީ ސަމްސާ ފިނިފެން (ރޯސް ވޯޓާ)
  • 3 މޭޒުމަތީ ސަމްސާ ފެން

ހަދާނެގޮތް:

  • އަވަން  300ޑިގްރީއަށް ހޫނުކޮށްލާށެވެ.
  • ބޯކިބާ ފިހަން ބޭނުންވާ ތަކެތި (ގަބުޅި ، ހަކުރު، ފުއްއަދި ފެންފޮދު) ތައްޓެއްގައި ރަނގަޅަށް އެއްކޮއްލާށެވެ.
  • ބޯކިބާ ފިހާ ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލާށެވެ.
  • ބޯކިބާގެ ފުއްގަނޑު އެ ޓްރޭއަށް އަޅާލާފަ، ރީއްޗަށް ފަތުރާލާށެވެ.
  • އަވަނުގެ މެދު ހަރުގައި އެ ޓްރޭ ބަހައްޓާފަ، 45 މިނެޓްވަންދެން ފިހެލާށެވެ.
  • ބޯކިބާފިހެވުމުން ބޯކިބަލުގެ މައްޗަށް  މަޑުމުށިކުލަ އަރާނެއެވެ.
  • ބޯކިބާ ފިހެވުމުން އަވަނުން ޓްރޭ ނަގައި މޭޒެއް މަތީ ހިހޫވަންދެން(ދިހަވަރަކަށް މިނެޓު) ބަހައްޓާލާށެވެ.