ހެލްތު މިނިސްޓަރ ހަލީލު އިސްތިއުފާ!
މުއިއްޒަށް ގޮތްހުސްވެ ވަޒީރުން ލައްވާ ބައިކޮޅަށް ގޯލު!
މަޖިލިސް ހޯދަން މުއިއްޒުކުރާ މަސައްކަތް ގޮވަނީ ބާރަށް އަތަށެވެ. ޕްރައިމަރި އޮޅާލައިގެން ވީކަމެއް ހަރާމުން ހަރާމެވެ. ހަރުތާކު ނުޖެހި ގަނޑު ރޫޅުންނޫން ކަމެއް ކުރެވުނު ކަމަކުން މުއިއްްޒަކަށް ނުވިއެވެ.
ދޮގު ދޮލަގު ބޮލަށްލައިގެން ދޮގުހަދަމުން ދުވި ދޮގު ދޮލަގު ނުވިކި ކުނިވެ ފުޅަ އެޅީއެވެ. ދައްކާވާހަކަ އަޑުއަހާ މީހަކު ނޫޅެއެވެ. ވާވައުދަށް އިތުބާރުކުރާ މީހަކު ނެތެވެ. ވެރިކަމުގެ ކިނދު ނުފިލަނީސް މަގުބޫލުކަން ކެނޑި ފޭރާބުޑަށް ޖެހުނު އެހެން އާދަމުގެ ދަރިއަކު މުއިއްޒު ނޫނި ދުނިޔޭގެ ތާރީހު ނުދެކެއެވެ.
ރަށްރަށަށް ކުރިހާ ދަތުރުން މީހުނަށް މާޔޫސްކަންވީ އިތުރެވެ. މުއިއްޒު ދޮރުން ދޮރަށް ހިނގި ވަރަކަށް ވެސް ވަނީ ބަރަހަނާއެވެ. ފެންނަނީ މީހުނަށް ކުރިން ނޭނގޭ ދެއްކުންތެރިކަމާއި މުނާފިގުކަމެވެ.
މުއިއްޒު މަޖިލިސް ހޯދަން ކުރިހާ ކަމަކާ ކުރާހާ ކަމަކުން ފެންނަނީ މަޖިލިސް މުއިއްޒަށް ގެއްލޭތަނެވެ. ލޮދި ހިކައެއް ދާހެން މަޖިލީހުގެ ގޮނޑިތަށް އެމްޑީޕީއާ ދިމާލަށް ދާތަންފެނި މުއިއްޒު އަތްފައިން ވާގި ދޫވެ ވަޒީރުން މައިދާނަށް ނެރެ ގުރުބާން ކަންބަޅިއަށް ހަދާލަނީއެވެ. ދޮގު މައްޗަށް ދޮގު ހަދަމުން ބައިލައްކައަށް ވުރެ ގިނަ މީހުނަށް ނިސްބަތްވާ އެމްޑީޕީއަށް ވަޒީރުން ނިކުމެ ފުރައްސާރަ ކުރަން ފެށީމާ ސަރުކާރު ކުޑަކަކޫ ޖެހިފައި އޮތްވަރު މީހަކު ބުނެދޭ ވަރެއް ނުވާނެއެވެ.
އެންމެ ފުރަތަމަ ނަފްސާނީ ބަލިމަޑުކަމަށް ހެލްތު މިނިސްޓަރ އަބްދުއްލާ ހަލީލަށް މިވަނީ ބޭސް ކުރަން ޖެހިފައެވެ. ހެލްތު މިނިސްޓަރ އަބްދުއްލާ ހަލީލުގެ ބުއްދި ސަލާމަތުންތޯ ހުރީވެސް ބަލާ ހިސާބަށް ހިނގައްޖެއެވެ. ސަލާމަތް ބުއްދި ނެތް މީހަކީ ވަޒީރަކަށް ޝަރުތު ހަމަނޫން މީހެކެވެ. މިނިސްޓަރ ހަލީލު އެކްސްގައި ކޮށްފައިއެވާ އަމަލަކީ މިނިސްޓަރެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫނެވެ. އަބްދުއްލާ ހަލީލުގެ ދަށު ދަރަޖައިގެ އެ މުޑުދާރު އަމަލު ކުށްވެރިކޮށް އިސްތިއުފާ ދިނުމަށް ގޮވާލަމެވެ. އިސްތިއުފާ ނުދީފިނަމަ އޭނާ މަގާމުން ވަކިކުރަން ޖެހެއެވެ.
ހުސްގޮނޑިއަކާއި ފޮޓޯގަނޑެއް ދައްކައިގެން ވެރިކަން ހޯދި ގޮތް މީހުންގެ ސިކުނޑީގައި އިތުރަށް ނެގުނީ ބިންވަޅެވެ. ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް އަޅާދެމުން ކޮންމެ ރަށެއް ދުބާއީއަކަށް ހަދާދެމުން މުއިއްޒު ދިޔަޔަސް ރައްޔިތުންނަށް އެމީހުން ތިބި ހާލު އެނގެއެވެ. މުއިއްޒަށް ރަށްރަށުގެ މީހުން އިތުބާރު ކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް އެމީހުންގެ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.
ސަރުކާރާއި ފެނަކަ އޮތީ ދަރާ ވިކިފައިތޯ ބަލާކަށް މީހުން ބޭނުމެއް ނުވެއެވެ. ރައްޔިތުން ބޭނުންވަނީ ހިދުމަތް ރަނގަޅު ވުމެވެ. ދިރިއުޅުމުގެ ފެންވަރު މަތިވުމެވެ. ފޯރުންތެރި އުފާވެރި އަމާން ދިރިއުޅުމެކެވެ. ވެރިކަން ލިބުމަކުން އެކަންކަން ކޮށްދިނުމަށް މުއިއްޒު ތަސައްރަފެއް ނުފުދެއެވެ.
ވެރިކަން ދީފިނަމަ ދަރަނިވެރި ކަމުން އަރައިގަނެ އަރަނިވެރި ގައުމަކަށް ރާއްޖެ ހަދާދޭން ބުނުމުން ރައްޔިތުން މުއިއްޒަށް ވެރިކަން ދީފިއެވެ. އާނއެކެވެ. ވެރިކަން އެއޮތީދީފައެވެ. ވެރިކަމާއެކު މަޖިލިސް ނުދެންޏަކާ ނުވާނެއެކޭ އޭރަކު ނުބުނެއެވެ. ވެރިކަން ލިބުނީމާ މަޖިލިސް ދީގެންނޫނީ ކަމެއް ވާން އޮތްކަމަކަށް ނުވެއެވެ. މަޖިލީސް ދިނީމާ ކައުންސިލްތައް ދޭންވެސް ބުނާނެއެވެ. ކައުންސިލްތައް ދިނިމާ އަނބިދަރިން ނުދިއެއްވެސް ނުވާނެތާއެވެ.