ޑިމޮކްރެޓްސްގެ އެމްޕީންނަށްވުރެ ގޮތްކުޑަ ބައެއްނެތް
ބައެއްގެ ގޮނޑިތަކެއް ލޫޓްވާލައިގެން މަޖިލީހުގެ ރިޔާސަތާ މައިނޯރިޓީ ލީޑަރުކަން ފޭރިގަތް
ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަކަށް މީހަކު ނެރެނީ އެ ޕާޓިއަކުން ލައްކަ އުންމީދު ތަކާއެކުގައެވެ. ގިނަ ފަހަރަށް ވަރަށް ބޮޑެތި ހޭދައާއި މަސައްކަތް ކޮށްގެންނެވެ. މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލާ މީހަކީ ޕާޓީއަކުން ކުރިމަތިލާ މީހެއް ނަމަ އަމިއްލަ ގޮތުން ކުރިމަތިލާ މީހަކަށް އުފުލަންޖެހޭ ތަކުލީފު ތަކެއް އުފުލާކަށް ނުޖެހެއެވެ. އެތަކުލީފުތަކެއް އުފުލަނީ ކުރިމަތިލާ ޕާޓީއަކުންނެވެ. ކުޑަ މިނުން ކުރިމަތިލާ ދާއިރާގެ ރައްޔިތުންގެ ވަކި އަދަދެއްގެ މީހުންގެ ގާތަށް ހިނގައިގެން ސޮއިކުރުވާ ތާއީދު ފޯމުވެސް ހުށަހަޅާކަށް ނުޖެއެވެ. އިލެކްޝަނަށް ދައްކަންޖެހޭ ފީ ވެސް ގިނަ ފަހަރަށް ދައްކާނީ ކުރިމަތިލާ ޕާޓީއަކުންނެވެ.
ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތި ލުމުން އެ މީހަކަށް ތާއީދު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އެ ޕާޓީއަކުންނެވެ. ކެންޕޭނު މެޓީރިއަލާއި އެނޫންވެސް އެތައް ބޮޑެތި ހޭދައަކާއި މަސައްކަތެއް ޕާޓީން ކުރެއެވެ. ދާއިރާގެ ގިނަ ރައްޔިތުން ވޯޓުދެނީ ޕާޓީ ޓިކެޓަށެވެ. އެ މީހުން ނިސްބަތްވާ ޕާޓީގެ ސިޔާސީ ބާރުވެރިކަން އިތުރު ކުރުމަށެވެ.
ޕާޓީގެ ޓިކެޓްގައި އަމިއްލަ ބާރުގައި ގޮނޑިއެއް ކާމިޔާބު ކުރެވިފައި ވަނީ ވަރަށް މަދުންނެވެ. މަދު މީހަކަށެވެ. ރާއްޖޭގައި މާމިގިލީގެ ދާއިރާގެ ގޮނޑި ގާސިމް އިބްރާހީމް ކާމިޔާބު ކުރާހެން ވަކި މީހެއް ވެގެން ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވެނީ އެންމެ ދެތިން ހަަތަރު މީހަކަށެވެ. ގިނަ ދާއިރާ ތަކެއްގެ ގޮނޑި ލިބެނީ ވަކި ޕާޓީއެއް ވެގެނެވެ. އާއްމު ރައްޔިތުން ވޯޓްދެނީ ޕާޓީއަށެވެ.
މީހާގެ ގައިގާ ހަސްނެތަސް ވަރިހަމަތާއެވެ. ޕާޓީއަކުން ވެސް މަޖިލީހަށް ހޮވާދީފިނަމަ ދުނިޔެ ރަންވެއެވެ. ހޮވާދިން ޕަޓީއާއި ރައްޔިތުންނަށް ވުރެ މެންބަރު ބޮޑުވެފާ ފާޓުފުޅާވެއެވެ. އަމިއްލަ އެޖެންޑާތައް ކުރިއަށް ނެރެ ގޮނޑިއަށް ހޮވާދިން ރައްޔިތުންގެ މަތީން ހަނދާން ނައްތާލައެވެ. ހަށިވިއްކާ ނާސި ބައިގަނޑެކޭ ތަފާތެއް ނެތި ވިކިގަންނަ މީހުން އެހާމެ ގިނައެވެ. އަމިއްލަ މަސްލަހަތުގައި ރައްޔިތުންގެ ރޫހާ ހިލާފަށް ޕާޓީ ބަދަލުކުރުމަކީ އާއްމު ކަމެކެވެ.
ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއަށް ދިޔަ މެންބަރުންނަށްވުރެ ވަކީން ގޮތްކުޑަ ބައެއް ތާރީހު ނުދެކެއެވެ. ހިނގަމުންދާ ދައުރުގެ މަޖިލިސްގެ ރައީސާއި ނައިބުރައީސް ކަމުގައި ތިބި ދެމީހުނަށް އެމަގާމު ލިބުނީ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުންނަށް ވީތީއެވެ. ދައުރުގެ ބޮޑުބައެއްގައި އެގޮތުގައި ތިބެފައި ކުއްލިއަކަށް ޕާޓީ ބަދަލުކޮށް މަޖިލީހުގެ ރިޔާސަތަކީ ދަ ޑިމޮކްރެޓްސްގެ އެއްޗަކަށް ހެދުމަށްވުރެ ބޮޑު ގޯހެއް ނުހެދޭނެއެވެ.
މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕްރޮގްރަސިވް ކޯލިޝަނުން މައިނޯރިޓީ ލީޑަރުކަން ދަ ޑިމކޮރެޓުން ފޭރިގަތް ގަތުމަކީ ކުޑަ ގޯހެއް ނޫނެވެ. ރައްޔިތުން މަޖިލީހަށް އެމީހުން ފޮނުވި ހައިސިއްޔަތު ދޫކޮށްލުމަކީ ޝަހުސު އޮޅުވާލުމެވެ. ޝަހުސު އޮޅުވާލުމަކީ އަދަބު ކަނޑައެޅިފައިވާ ގާނޫނީ ކުށެކެވެ.
ޕާޓީ ޓިކެޓަށް ވޯޓު ދީގެން ހޮވިފައި ހުރި މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އެ އަރައިގަނެވުނީ ވޯޓުދިން މީހުންގެ އިންތިހާބީ ހައްގަށެވެ. އިންތިހާބީ ހައްގަކަށް ކިތަންމެ ފަހުން އަރައިގަތަސް އެ އަރައިގަނެވުނީ ކުށަކަށެވެ. މެންބަރުކަމަށް ވާދަކުރަން ޓިކެޓް ދިން ޕާޓީން އެމީހަކާ ދެކޮޅަށް ދައުވާކޮށް އެމީހެއްގެ ގޮނޑި ގެއްލުވާލަން ޖެހެއެވެ.
ދަ ޑިމޮކްރެޓްސް އިން އިންތިހާބުގައި ވާދަކުރި އެންމެ ގޮނޑިއެއްނެތި ބައެއްގެ ގޮނޑިތަކެއް ލޫޓްވާލައިގެން މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމާއި މައިނޯރިޓީ ލީޑަރުކަން ފޭރިގަތުމަކީ ކުޑަކުޑަ ކަމެއް ނޫނެވެ. ފްލޯކުރޮސިން ގާނޫނެއް ނެތުމަކީ ޝަހުސު އޮޅުވާލުމަށް އޮތް ހުއްޖަތެއް ނޫނެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ޖެހޭނެ ކަމެކެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނުނަގާ އެންމެ ހިނދުކޮޅަކުވެސް ތިބެވިގެން ވާނެކަމެއް ނޫނެވެ.