ނައީޝްގެ ފުރާނައަށްވުރެ މުއިއްޒަށް މުހިންމީ މަވެތިކަން
ނާއިޝް ގެއްލުނު ގެއްލުން ހެދީ މުއިއްޒުގެ ގާބިލުކަން ދެއްކުމުގެ ވަސީލަތަކަށް
އިންސާނެއްގެ ފުރާނައަށް ވުރެ އަގުބޮޑު އެހެން އެއްޗެއް މާތްރަސްކަލާގެ މި ކައުނުގައި ނުލައްވައެވެ. އިންސާނެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ކުރެވެން އޮތްކަމެއް ނުކޮށް ދޫކޮށްލުމަށްވުރެ ބޮޑު ހިޔާނާތެއް ނޯވެއެވެ. އަމްދުން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް މާތް ރަސްކަލާގެ ގަންދީ ހުވާކޮށްގެން ހުރި މުސްލިމު ދައުލަތެއްގެ ވެރިއަކަށް އެއަށްވުރެ ވަކީން ބޮޑުކަމެއް ނުއޮންނާނެއެވެ.
ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުވާކޮށްގެން ހުރި ވެރިއެއްގެ ޒިންމާގައި ހިމެނޭ ރައްޔިތަކު ސަލާމަތް ކުރުމަށް ކުރަންޖެހޭ ކަމެއް ކުރުމަކީ އޭނާގެ ވާޖިބެކެވެ. ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމަށް ލިބެން އޮތް ހުރިހާ ވަސީލަތެއް ލިބެން އޮތް ގޮތަކަށް ހޯދައިގެން ނުކުރި ވެރިއަކަށްވުރެ އަނިޔާވެރި އެހެން މީހަކު ދުނިޔޭގެ ތާކުނުވެއެވެ.
އައްޑު އަތޮޅު މަރަދޫ ޒުވާނެއް ކަމުގައިވާ ނައީޝް ގެއްލިގެން އުޅޭތާ ދުވަސް ތަކެއް ފާއިތުވަމުން ދަނީއެވެ. އެ ޒުވާނާ ހޯދުމުގައި ޑރ. މުއިއްޒު ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ. ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން ތައް ހިންގުމުގެ ގާބިލުކަން އޮތްބައެއްގެ އެހީތެރިކަން ލިބެންއޮވެ އެކަން ވަނީ ނުކޮށް ދޫކޮށްލާފައެވެ. އެ ޒުވާނާ ހޯދުމަށްވުރެ މުއިއްޒަށް މުހިންމުވީ ސިޔާސީގޮތުން މަވެތި ކަމާ ބޮޑާކަން ދެއްކުމެވެ.
އެހެން ބައެއްގެ އެހީތެރިކަމާ ނުލާވެސް ރާއްޖޭގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގިދާނެކަން ދެއްކުން ގެއްލިގެން އުޅޭ ޒުވާނާ ހޯދުމަށްވުރެ މުއިއްޒަށް މުހިންމެވެ. ނައީޝް ގެއްލުނު ގެއްލުމަކީ މުއިއްޒު ސަރުކާރުގެ ގާބިލުކަން ދެއްކުމުގެ ސަބަބަކަށް މުއިއްޒު ވަނީ ހަދާފައެވެ.
ރާއްޖޭގައި ތިބި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ހާއްސަ އިންޑިއާ ސިފައިންނާ އެ މީހުން ބޭނުންކުރާ ވައިގެ އުޅަދުތައް ނާއިޝް ހޯދުމުގެ އޮޕަރޭޝަންގައި ބޭނުން ކުރުމަކީ ސިޔާސީ ގޮތުން މުއިއްޒުގެ ބަލިވުމަކަށް ވެދާނެތީ އެ ޒުވާނާ ހޯދުމުގައި އިންޑިއާ ސިފައިންގެ އެހީތެރިކަން ހޯދަން މުއިއްޒު ވަނީ ދެކޮޅު ހަދާފައެވެ. އެ މީހުން އަމިއްލައަށް އެދުމުން ވެސް އެ ފުރުސަތު ދޭކަށް ސަރުކަރުން އެއް ބަހެއްނުވިއެވެ. ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ހާއްސަ ވައިގެ އުޅަދުތައް ހުއްޓާ ސަރުކާރުން އެ އޮޕަރޭޝަނަށް ނެރުނީ އުދުހުމުގެ ތަމްރީނު ތަކުގައި ބޭނުން ކުރާ ވައިގެ އުޅަނދެވެ. އެ އުޅަނދު ފަހަރަކީ ސާރޗް އެންޑް ރެސްކިއުއަށް ރަނގަޅަށް ތައްޔާރުވެފައިވާ އުޅަނދުތަކެއް ނޫނެވެ. ހަމައެހެންމެ އެކަމުގައި މަސައްކަތް ކުރަން ތިބީވެސް އެކަމުގެ މާބޮޑު ތަޖުރިބައެއް ނެތް ބައެއްކަމަށް ވެއެވެ.
މައްސަލައެއް ނެތްތާއެވެ. އިންޑިއާ ސިފައިންނާ ނުލާވެސް އެކަން އެކުރެވެނީ ތާއެވެ. މާ މޮޅުކަމަކަށް ވެގެން ސަރުކާރު ޕްރަމޯޓްކުރާ މީހުން ޓްވީޓް ކުރަމުން އެގެންދަނީ އިންޑިއާ ސިފައިންނާ ނުލާ ފުރަތަމަ ފަހަރަށް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މި ސަރުކާރުން ހިންގާ ވާހަކައެވެ. ގެއްލުނު ޒުވާނާ ފެނުނަސް ނުފެނުނަސް ހެޔޮތާއެވެ.