ދިވެހިންގެރާއްޖޭގައި ދީނަށް ފުރައްސާރަކުރި މީހަކު ނުހުންނާނެ!

އަލީ ރަމީޒަށް: ބްލޮކް ކުރީ ދެމިގެންވާ މުންކަރާތް ފެތުރި ވާހަކަ ބުނީމަ!؟

ދިވެހިންގެރާއްޖޭގައި ދީނަށް ފުރައްސާރަކުރި މީހަކު ނުހުންނާނެ!

ޝޭހަކަށް ޝަރީއަތުން ލެއްވި ދަރިއަކު ޝޭހެއްގެ އަންހެން ދަރިއަކާ އިދެގެން އުޅުމަކީ ޝޭހުކަން ވާރުތަކުރާ ކަމެކޭ ބަޔަކަށް ހީވީތާއެވެ. ބަފާ ޝޭހަކަށް ވުމަކީ ދަރި ޝޭހަކަށް ވާކަމެއް ނޫންކަން މާރަނގަޅަށް ވެސް އައްޔަށް އެނގޭނެއެވެ. އެހެން ނޫނަސް ލައްވާ އެއްޗިއްސަކީ ގިނަ ފަހަރަށް އެ މާހައުލެއްގެ ބޭރުން އައިސް ކިރިޔަކިރިޔާ ލައްވާލާ އެއްޗެތި ނޫން ހެއްޔެވެ. 

އަލީ ރަމީޒޫ މަނިއްގަނޑާއެވެ. މިއީ ދިވެހި ރާއްޖެއެވެ. މިތާ އުޅެނީ ދިވެހިންނެވެ. އަޅެ އެބުނާ ދިވެހީންގެރާއްޖެ އެއް އޮތީ ކޮންތާކު ހެއްޔެވެ. އެކިޔާ ދިވެހިހްގެ ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހުން ނޫޅޭކަމަށް ވެދާނެއެވެ. ދިވެހި ރާއްޖޭގައި ތިޔަ ބުނާ ބަޔަކު އުޅެއެވެ. ދިވެހި ރާއްޖޭގައި އުޅެނިއްޔަކީ ފުރައްސާރަ ކުރާ މީހުން އެކަންޏެއް ނޫނެވެ. ދީނުގެ ނަމުގައި ހައްދުފަހަނަ އެޅި މީހުންވެސް އެހާމެ ގިނައެވެ. 

ޑރ. މުއިއްޒު ރައީސްކަން ކުރަނީ ދިވެހި ރާއްޖޭގައެވެ. އޭނާ އިންތިހާބު ކުރީވެސް ދިވެހި ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން ބަޔަކު މީހުންނެވެ. އޭގެ ތެރޭގައި އަލީ ރަމީޒު ވެސް ހިމެނޭ ނޫން ހެއްޔެވެ. ފަޔަށް ހިނި އަރައިގެން އުޅުނު އިރު އަލީ ރަމީޒު ވެސް ހީކުރީ ލައްކަ މޮޅުތަކެއް ވާނެކަމަށެވެ. ފާޅުގައި ދީނަށް ފުރައްސާރަކޮށްފައި ތިބި ބަޔަކަށް މި ސަރުކާރުން މަތީ މަގާމު ދޭތީ މިހާރަކު ދެން އުޅޭކަށް ތާހިރެއް ނޫނެވެ.

ޑރ. މުއިއްޒު ރައީސްކަމަށް ހޮވަން ވޯޓުދިން އިރު ސަލާމަތް ބުއްދި ނެތީހެއްޔެވެ. އޭނާ އެކު އުޅުނު މީހުނެއް ނުދެކެން ހެއްޔެވެ. ވަށަފަރު ޝޭހާއި ޖަނާބު ޝޭހު ދުނިޔޭގައި ނެތްކަމެއް ނޭނގޭ ހެއްޔެވެ. އޭނާ އެކު އުޅުނީ ކޮންބަޔަކާއެކު ކީއްކުރަން ކަމެއް ނޭނގޭ ހެއްޔެވެ. އޭނާ ތައުލީމު ހޯދީ ކޮންތާކުން ކަމެއް ނޭނގޭ ހެއްޔެވެ. މިއީ ސަލަފުއް ސާލިހުންގެ ޒަމާން ނޫންކަމާއި ސަލަފީންނަށް ދައުލަތުގެ ކުޑަވެސް ބާރެއްދީގެން ބަވަނަވެތި މިދުނިޔޭގައި ވެރިކަމެއް ކުރުމަކީ ވެވޭނެ ކަމެއް ނޫންކަމެއް ނޭނގޭ ހެއްޔެވެ. 

ކުރިން ވެރިކަމުގައި ހުރި މީހާއަކީ މުޖުރިމަކަށް ހަދާ ވެރިމީހާއާއި ދެކޮޅަށް ބަގާވާތް ހުއްދަކޮށް ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދީ ލާދީނީ މީހުންގެ ސަރުކާރެކޭ ގޮވަމުން ނޫންހެއްޔެވެ. ދޮގު ތުހުމަތުތަކާ ކުށްހީގެ މައްޗަށް ބިނާކޮށް ދީނުގެ ނަމުގައި ރާއްޖެ ފަސާދަކުރީ ކަލޭމެން ނޫންހެއްޔެވެ. ޝޭހުންގެ ދަރި އަތުގައި ހިފައިގެން ދީނޭ ގައުމޭ ސިޔާދަތޭ ގޮވަމުން ދުވީ ކުޑަކުޑަ ބާރު ކޮޅެއް އަތުގައި އޮތް އިރުވެސް ތުހުމަތު ކުރެވުނުހާ ވައްކަމާއި ހިޔާނާތާއި ރިޝްވަތާ މުއިއްޒުވެފައި އޮތް އައު ސަހަރާ ނުފެންނަ ވަރަށް ކަނު ބަނދެވިގެން ތިބެގެން ނޫން ހެއްޔެވެ.

އަލީ ރަމީޒޫއެވެ. ތިޔަހުރެ ކަންކަން ފެންނަން ފެށީއެވެ. އަދި ކުރިއަށް އޮތީއެވެ. ވެރިކަމަށް އެއުޅެނީ އެންމެ ފޮޔެއްހާ ދުވަސް ވެސް ހަމަނުވެއެވެ. ލޯ ހުޅުވައިގެން މުއިއްޒު ސަރުކާރުގެ މަތިފަޑި ބަލައިލަ ބަލާށެވެ. އެއިން ކޮންމެ މީހެއްގެ ވަނަވަރާ އުޅުމާ ގުޅުންތައް ހުރި ނެތްގޮތް ބަލައިލަ ބަލާށެވެ. ސިޔާސަތު އެކަށައަޅާ ސިޔާސަތު ތަންފީޒު ކުރަން ތިބީ ކޮންބައެއްކަމާއި އެމީހުނަށް ދީނަށް ނަސްރު ދެވޭނީ ކިހިނެއް ކޮން ފެންވަރެއްގައި ކަން ސާފުވާނެއެވެ. 

އިސްލާމީ ކަންތަކާ ބެހެން ލާފައި އެހުރި ވަޒީރަށް މިހާރުވެސް ވިޔަފާރި ނޫން އެއްޗެއް އެބަފެނޭ ހެއްޔެވެ. ރާއްޖޭގައި ތަންފީޒު ކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކާ އުސޫލުތަކުގައި ހުރި ލާދީނީކަން ކަނޑުވަން އެއްވެސް ކަމެއް ކުރަން އުޅޭ ވާހަކަ އެބަ ދައްކާހެއްޔެވެ. ގިސާސް ހިފުން ފަދަ ބޮޑެތިބޮޑެތި ކަންކަމާ ހަމަޔަށް ފުރަތަމަ ދުވަހުން ނުދެވުނަސް މުޅި ނިޒާމުގައި ކުޑަކުޑަ ބަދަލަކުން ރަނގަޅު ކޮށްލެވެން ހުރި ކަންކަމުގެ ވާހަކަވެސް ކުޑަމިނުން ނުދައްކައެވެ. ޒަތްޒާތުގެ ފަންޑާއި ކޯޓާގެ ވާހަކަ ނޫން ވާހަކައެއް އެ ފަކީރުވެސް ނުދައްކައެވެ. ތައުލީމީ ވަޒީރަށް ވެސް ބޮޑުވީ ދިރާސީ އަހަރު ފެށޭ ދުވަހެވެ. ދެން އެނގެނީ ފައިސާ ފައިސާއޭ ކިޔާށެވެ.

ޑރ. އިޔާޒުމެންނަށް ވުރެ އަލީ ރަމީޒުމެން އިލްމުވެރިކަމަށް ބޮޑުވެ ހިތުން މޮޅުވާން އުޅެން ހަދައިގެން ތިޔަ ގޮވީ އަތަށެވެ. ކިތަންމެ ވަރަކަށް ބްލޮކް ކުރިޔަސް އަތްއަޅާ ފޮރުވޭނީ އަތްތިލައިން ނިވައިވާހާ ތަނެވެ. ރާއްޖެ ދޮށްޓެއް ދާނީ އޮތް ބަޅަށެވެ. ވަކި މޮޅުތަކެއް ނުވާނެއެވެ.