ޗޭންޖިންގ ރޫމުގައި ސިއްރުކެމެރާ | 200 އަށްވުރެގިނަ ބަރަހަނާ ވީޑިއޯ

ސިއްރު ކެމެރާ އަޅާފައި ހުންނަނީ އާންމުކޮށް މީހުން ހެދުން ބަދަލުކުރާ ކޮޓަރިތަކަށް

ޗޭންޖިންގ ރޫމުގައި ސިއްރުކެމެރާ | 200 އަށްވުރެގިނަ ބަރަހަނާ ވީޑިއޯ

އުމުރުން 25 އަހަރުގެ ފިރިހެނަކު، 'އޯލްޑް ނޭވީ' ފިހާރައެއްގެ ހެދުން ބަދަލުކުރާ ކޮޓަރިއެއްގައި ސިއްރު ކެމެރާ ހަރުކޮށް، އަންހެނުންގެ އޮރިޔާން މަންޒަރު ހިމެނޭ 200 އަށްވުރެ ގިނަ ވީޑިއޯ ރެކޯޑްކޮށްފައިވާކަން ތަހުގީގަކުން ހާމަވެއްޖެއެވެ. ޑިލަން ކިއާނޫ ހެމްޕްޓަން ނަމަކަށް ކިޔާ މި މީހާ، އާންމުކޮށް މީހުން ބޭނުންކުރާ ތަފާތު ތަންތަނުގެ ހެދުން ބަދަލުކުރާ ކޮޓަރިތަކަށް ސިއްރުން ބަލައި، ވީޑިއޯ ކުރިކަމަށް ތުހުމަތުކުރެވެއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު، ނޯތު ކެރޮލައިނާގެ ޗާލޮޓްގައި ހުންނަ އޯލްޑް ނޭވީ ފިހާރައެއްގެ ހެދުން ބަދަލުކުރާ ކޮޓަރިއެއްގެ ބެންޗެއްގެ ދަށުގައި ހަރުކޮށްފައި ހުރި ކެމެރާއެއް އެ ތަނުގެ މުވައްޒަފުންނަށް ފެނުނެވެ. ތަހުގީގަށް ލިބިފައިވާ ސަވައިލެންސް ފުޓޭޖްތަކުން ދައްކާ ގޮތުގައި، ހެމްޕްޓަން އެ ދުވަހު އެ ފިހާރައިގައި ދެ ގަޑިއިރެއްހާއިރު ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ވަގުތު ހޭދަކުރީ ހެދުން ބަދަލުކުރާ ކޮޓަރިތައް ހުންނަ ސަރަހައްދުގައެވެ.

ފުލުހުން ބުނި ގޮތުގައި، އެ ކެމެރާ ހަރުކޮށްފައި އިނީ ޖެހިގެން ހުރި ކޮޓަރީގެ ދޮރާ ދިމާވާ ގޮތަށެވެ. މީގެ އިތުރުން، މިދިޔަ ޖުލައި މަހު 'މެޓާ ގްލާސަސް' ބޭނުންކޮށްގެން ހެދުން ބަދަލުކުރާ ކޮޓަރިއެއްގެ ތެރޭގައި ވީޑިއޯ ކުރިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. މި މައްސަލައިގައި އޭނާ ފުރަތަމަ ހައްޔަރުކުރީ އޮކްޓޫބަރު 26 ގައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގައި، އަންހެނުންގެ އޮރިޔާން މަންޒަރުތައް ފެންނަ 200 އަށްވުރެ ގިނަ ވީޑިއޯ ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިހާރައިގެ އިތުރުން، އޭނާ ވަނީ ނިދާކޮޓަރިއެއްގައި ދެ ކެމެރާ އަދި ފާހާނާއެއްގައި އެއް ކެމެރާ ސިއްރުން ހަރުކޮށްފައެވެ. އޭނާގެ ފޯނާއި ކޮމްޕިއުޓަރު ބަލައި ފާސްކުރިއިރު، އެ ކެމެރާތަކަކީ މީހުންނަށް ފާހަގަ ނުވާނެހެން ވަރަށް ސިއްރުން ބޭނުންކުރެވޭ އެއްޗެއް ކަމަށް ބުނެ އޭނާ ތައުރީފުކޮށް ލިޔެފައިވާ ރިވިއުތަކެއްވެސް ތަހުގީގަށް ވަނީ ފެނިފައެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ނެރުނު އަމުރަކާ ގުޅިގެން، ނޮވެމްބަރު 4 ވަނަ ދުވަހު އޭނާ އަލުން ހައްޔަރުކޮށް، ސިއްރުން މީހުންގެ މަންޒަރުތައް ރެކޯޑްކުރުމުގެ ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.