މިހާރު ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުވަނީ މުއިއްޒު

މިހާރު ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުވަނީ މުއިއްޒު

މުއިއްޒަށް އިސްލާމް ދީން އޮންނަނީ ގެސްޓް ހައުސް ވިޔަފާރިއާއި ޖެހުނީމައެވެ. މުއިއްޒަށް އައްޗިކޮށް އުޅޭތަން ފެންނަނީ ރަށްރަށަށްދާ ފަތުރުވެރިންނެވެ. ރަށްރަށުގެ ހޮޓާތަކާއި ބީޗުންނާއި މަގުމަތިން މުއިއްޒަށް ފެންނަނީ ހުސްވެސް އައްޗިކޮށް އުޅޭ މީހުންނެވެ. 

މާލޭ މަގުމަތިންނާއި ހޮޓާތަކުންނާއި ޕާކްތަކުން އައްޗިކޮށް އުޅޭ ހަމަ އެކަކު މުއިއްޒަކަށް ނުފެނެއެވެ. ކަތިވަޅިންޖެހި ހިސާބު ބުޑުމަތިން ދައްކައިގެން ފައިވަޅަށް ފައިކުރި ވަންނަވަރު ހަރުވާޅުކޮޅު ލައިގެން ބަނޑާ ބުރަކައްޓާ ހާއަށް ލައިގެން އުޅޭ އެކަކުވެސް އުޅޭ ކަމަކަށް ނުވެއެވެ. ތައިލެންޑާއި ޕިލިޕިންސާއި އިންޑޮނޭޝީއާ އާއި ނޭޕާލާއި ލަންކާއާއި އިންޑިއާ އާއި މޯލްޑިވްސް ކަނބަލުން ކޮޅުކޮޅަށް ކުރުކާލި ކަނޑާއިރު ގިނަ ބަޔަކު އޮރިޔާން ހާލުގައި ތިބޭތީއެއް މުއިއްޒަކަށް ސަލަފީންނަކަށް ނުފެނެއެވެ. އެހާވަރަށް ލޮލަށް ފުސްބުރާފައި ހުރެގެން ގައުމިއްޔަތޭ އާދަކާދައޭ ސަގާފަތޭ ދީނޭ އެބަކިޔައެވެ. 

ލިބާސް ލައްވާ އުމުރަށް އަންނަންދެން ޓޮޕްލެސްކޮށް އުޅުނު ސަގާފަތެއް އޮތް މުސްލިމު ގައުމެއް ދުނިޔެ ދެކެފައި އޮތީއެއް ނޫނެވެ. މުއިއްޒާ އާދަން ނަސީރު އެ ސަގާފަތަށް ދާން ފައިވިއްދާފައި ތިބެގެން ދައްކަނީ ވަރަށް އައްޗި ވާހަކައެކެވެ. މާލެ ސަރަހައްދުގައި އޮންނާނެ ތަނެއް ހާޔަށް އޮތަސް ރަށެއްގެ ބީޗާއި މޫދުގައި އެކަހެރިކޮށް ގައިރު މުސްލިމަކު "ޓޫޕީސް" ގައި އޮތުން މާ އައްޗި ވަނީތާއެވެ. 

މާތްރަސްކަލާނގެ ނުރުއްސަވާ ގޮތްގޮތަށް ގެސްޓްހައުސް ވިޔަފާރީގައި ފައިސާ ހޯދަނީ ކާކަށް އޮޅުވާލަންތޯ މުއިއްޒު ސުވާލު ކުރާއިރު މުއިއްޒު ހުރީ ހަމަހޭގައިތޯ ސުވާލު ނުކުރާ ވަރެއް ނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސުން އެއްމެ އިންޗިއެއް ބޭރުގައި އޮވެގެންވެސް ގައިރު މުސްލިމުންނަށް ރާވިއްކުމަކީ މުއިއްޒު ސަރުކާރުން ހުއްދަ ކުރާކަމެކެވެ. ގެސްޓް ހައުސަށް އައިސް ތިއްބަސް ރާވިއްކުން ހުއްދަތާކަށް ގޮސް ރާގަނެގެން ބުއިމަކަށް ގައިރު މުސްލިމަކަށް މަނައެއް ނޫނެވެ. ރާބޯން ބޭނުންވާ ގެސްޓުން ރިސޯޓްތަކާއި ސަފާރީތަކަށް ގޮސްގެން ބަނގުރާ ގަނެގެން ބުއިމަކީ ރާއްޖޭގައި މަނާކަމެއް ނޫނެވެ.

ނިޒާމުގެ ތެރެއިން ރަލާ އޫރުމަސް އެތެރެކޮށްގެން ވިއްކާ ގެންގުޅެ ވަކި ބަޔަކަށް ބުއިން ރާއްޖޭގައި ހުއްދައެވެ. ބޭންކުތަކުން ރިބާ ނެގުމާއި ދިނުމާއި ކެއުން ރާއްޖޭގެ ނިޒާމުގެތެރެއިން ހުއްދަވެ އިސްލާމީ ދިވެހީންގެ ޝަރީއަތުން ރިބާ ނަގާދޭ ފަދައިންނެވެ. 

ރާއްޖެއަށް ބަނގުރަލާއި އޫރުމަހާ އެތެރެކޮށް ރިސޯޓްތަކާއި ސަފާރީތަކުގައި ވިއްކަން ހުންދަދީގެން އުޅެނީ އެ ދައުލަތެއްގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި މުއިއްޒު ހުރި ދައުލަތުންނެވެ. ނުރުއްސަވާ ހަރާން ކަމެއް ނިޒާމުގެ ތެރެއިން ރާއްޖޭގައި ކުރާކުރުމަށް މިހާރު އެންމެ ފުރަތަ ޒިންމާ ވާންޖެހޭ މީހަކީ މުއިއްޒެވެ.