ބަހުގެ ވުޒާރާގެ ބޮޑު ކަރަޕްޝަނެއް
އެޑުވާންސާއި އެތައް މަހަކަށް ކުލި ދެއްކުމަށްފަހު އެއްބަސްވުން ބާތިލު ކޮށްލި
ތެދެއް ހެދެން އޮތަސް ދޮގެއް ނޫނީ ނުހަދާ މުއިއްޒު ސަރުކާރުން މި ވާހަކަވެސް އަވަހަށް ދޮގު ކުރާށެވެ. ކުށްވެރިކޮށް ބަޔާން ނެރޭށެވެ. ފެންމަތިވާ ކޮރަޕްޝަންގެ މައްސަލަ ނުބަލާ އެވާހަކަ ދައްކާ މީހުންނާއި ހާމަކުރާ މީޑިއަށް ފިޔަވަޅު އަޅާށެވެ. ފަރުވާލެއް ނެތެވެ.
ދިވެހި ބަހުގެ އެކެޑަމީ ހިންގާ ހ. ސޯސަންގޭ އިމާރާތް ވަނީ ވަރަށް ބޮޑަށް ބައުވެފައެވެ. ސޯސަންގެ މަރާމާތު ކުރުމަށްޓަކައި އެކެޑަމީގެ މަސައްކަތްތައް ހިންގުމަށް މ. އުތުރުވެހި ކުއްޔަށް ހިފީ ގާނޫނާ ހިލާފަށެވެ. ކުރިން އެޗް އާރު ސީ އެމް ހިންގި މ. އުތުރުވެހި ދިވެހިބަހު މިނިސްޓްރީން ކުއްޔަށް ހިފީ އިއުލާނު ކުރުމެއް ނެތި މާލިއްޔަތު ގާނޫނާ ހިލާފަށެވެ.
ދިވެހި ބަހުގެ އެކެޑަމީ ހިންގަން ކުއްޔަށް ހިފި އިމާރާތަށް އެޑުވާންސް ފައިސާ އާއި ކުލި ވަނީ ދައްކާފައެވެ. ކުއްޔަށް ހިފުމުގެ އެއްބަސްވުން ހަދާފައިވަނީ ބެކު ޑޭޓުގައެވެ. ކުއްޔަށް ހިފިތާ އެތައް ދުވަހެއް ފަހުން ކުރީގެ ތާރީހެއް ޖަހާފައެވެ. އެއްބަސް ވުމުގައި ސޮއި ކޮށްފަވަނީ މިނިސްޓަރ މަޖުބޫރު ކުރުވާކަމަށް ޑީޖީ ވިދާޅުވެ ބިރުދައްކައިގެން ފައިނޭންސް އެގްޒެކެޓިވްއެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ ފިނޭންސް އެގްޒެކެޓިވްއަށް ސޮއިކުރަން މަޖުބޫރު ކުރުވި ޑީޖީއަކީ ފިނޭންސް މިނިސްޓްރީން ފިޔަވަޅު އަޅާފައިވާ މީހެއްކަމެވެ.
ދިވެހިބަހުގެ މިނިސްޓްރީގައި ފައިސާގެ ކަންކަން ބަލަހައްޓާ ބައެއް މުއައްޒަފުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ޑީޖީ އަށާއި ވަޒީރު އާދަމް ނަސީރަށް މިކަމުން ވަނީ މާލީ މަންފާ ކޮށްފައެވެ. މައްސަލަ ފެންމަތިވެ ގޯސްވާހެން ހީވުމުން ފަހުން ވަނީ ބިޑު ކޮމިޓީ އާ ވާހަކަ ދައްކާފައެވެ. މިހާ ހިސާބަށް ދިޔައިރުވެސް އެކެޑެމީ ހިންގުމަށް ކުއްޔަށްހިފި އިމާރާތަށް އެކަޑެމީ ބަދަލުކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރެއެވެ.
އެޑުވާންސް ފައިސާދީ އެތައް މަހަކަށް ކުލި ދެއްކުމަށް ފަހު އެއްބަސްވުން ބާތިލު ކޮށްލިއެވެ. އެއްބަސްވުން ބާތިލު ކުރިނަމަވެސް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނަހަމަ ގޮތުގައި އެއޮތީ ދިރުވާލާފައެވެ. ފެން ފޮދަކާވެސް ނުލާ ގައުމިއްޔަތު ދިރުވާލި އެ ފައިސާ އަނބުރާ ހޯދަންޖެހެއެވެ.
ކުލި ދައްކަން ބޭނުންވާ ފައިސާ އާއި އެކެޑެމީ އެ އިމާރާތަށް ބަދަލު ކުރުމަށް ހިނގާނެ ކަމަށް މިނިސްޓްރީން ބުނި އަދަދަށް ފިނޭންސުން ވަނީ އެ މިނިސްޓްރީގެ ބަޖެޓަށް ފައިސާ ދޫކޮށްފައެވެ. ކަން ހިންގާފައިވަނީ ކަރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށްވާތީ އެއްބަސްވުމުގައި ސޮއިކުރަން ދިވެހި ބަހުގެ އެކަޑެމީން ވަނީ ދެކޮޅު ހަދާފައެވެ. ގައުމިއްޔަތު މިނިސްޓްރީން ހިންގި މިކޮރަޕްޝަންގެ މައުލޫމާތު އޭސީސީ ގެ ބައެއް މެންބަރުނާ ވަނީ ހިއްސާ ވެސް ކޮށްފައެވެ. އެހެނެއް ކަމަކު ނުވާ ކަމަކަށް ހަދައިގެން އެތިބީ ލޯމަރައިގެންނެވެ.