ޔާމީނު ވެސް އުޅެނީ އައްޑޫ ފަނާކޮށްލަން
އައްޑޫގައި ރަނގަޅު ފެންވަރެއްގެ އިމާރާތެއް ހުއްޓަސް ޔާމީނަށް ލޮލު ފިޔައެއް ނުޖެހޭނެ!
އައްޑޫ ޕޮލިސް އެކަޑަމީ ނަގާ އެތާނގައި ރޭސިންގ ޓްރެކެއް އަޅާދޭނެ ކަމަށް ބުނެ އައްޑޫ ރައްޔިތުންނަށް ޔާމީނު ބޮޑުވެގެންވާ ފުރައްސާރައެއް ކޮށްފިއެވެ. ރިޔާސީ ކެންޕޭނުގައި ރަށްރަށުގައި ދައްކަމުން ދަނީ އެ މީހުނަށް ކަމެއް ކޮށްދޭން ވާ ވައުދެއް ނޫންކަން މި ކަމުން ކިތަންމެ ރަނގަޅަކަށް ވެސް އެގެއެވެ.
ހެޔޮ ނިޔަތުގައި ރޭސިންގ ޓްރެކެއް އައްޑޫ ޒުވާނުންނަށް އަޅައިދޭން އުޅޭ މީހަކު އެ ވާހަކަ ދައްކާނީ އެހެނެއް ނޫނެވެ. އައްޑޫގައި ބިނާ ކޮށްފައި ހުރި އަގުބޮޑު ބިނާއެއް ބިމާ ހަމަކޮށްލާނެ ވާހަކައެއް އިހުލާސްތެރިކަމެއް ހުރި ނަމަ ނުބުނީހެވެ.
ކުރީ ފަހަރު އެރި ގޮތަށް އަރާ ދިމާކުރީ ކޮންވެންޝަން ސެންޓަރ ބިމާ ހަމަ ކުރާށެވެ. ނަސީބަކުން ހޮސްޕިޓަލެއްގެ ގޮތުގައި ނަމަވެސް އެ ބިނާ ބިމާ ހަމަނުވެ ސަލާތް ކުރެއްވުމަށް އިރާދަ ކުރެއްވިއެވެ. މި ފަހަރު ދިމާ ކޮށްލަން ރާވައިގެން އެ ހުރީ ޕޮލިސް ޓްރޭނިންގ އެކަޑަމީ ވުޖޫދުން ފުހެލުމަށެވެ. އެ ގޯސް ހައްދަން އޭނާ ވިސްނައިގެން މި ފަހަރު އެ ހުރީ އައްޑޫ މީހުން ލައްވައެވެ. ހަމަ ހިލާ އެ މީހުން އެކަމެއް ނުކުރާނެއެވެ.
ޕޮލިސް އެކަޑަމީ ބިމާ ހަމަ ނުކޮށް ރޭސިންގ ޓްރެކެއް އައްޑޫގައި އަޅާ ނުދެވޭ ވަރުގެ މީހަކު ނިކުމެ އައްޑޫ މީހުން ބެބޫ ހައްދަން ނޫޅޭށެވެ. ނަފްރަތު އުފައްދާ ބިނާތައް ހަމަ ބިމާ ހަމަ ކުރަން ހީލަތްތެރި ފަލީތާ ލައިގެން ހުޅު ރޯކުރަން ނޫޅޭށެވެ. ރަށްފުށު މީހަކު ރާއްޖޭގެ ވެރިކަމުގައި ހުރެ ރަށްފުށު މީހުން ދުވަހަކު ހީނުކުރާ ވަރަށް އަސާސީ ހިދުމަތްތައް ގާއިމުކޮށް ދޭތީ ކޮށި އަރައިގެން ތެޅި ބާލާ މީހުން އެބަ ފެނޭ ނޫން ހެއްޔެވެ.
އިންޑިއާއޭ އާދަމުގެފާނޭ ފަޅޮލޭ ކިޔައިގެން އައްޑޫގައި ހުރިއްޔާ ހުރި ބިނާއެއް ބިމާ ހަމަކުރަން ނޫޅޭށެވެ. އިގިރޭސީން އައްޑޫގައި ހެދިހާ ބިނާތައް ވެސް ހީލަތްތެރި ކަމާއެކު ފަނާކޮށް ނިންމާލީ މި ބައިގަޑެވެ. އައްޑޫގައި ރަނގަޅު ފެންވަރެއްގެ އިމާރާތެއް ހުއްޓަސް ސީދީންގެ ދަރިންނަކަށް ލޮލު ފިޔައެއް ނުޖެހޭނެއެވެ. އައްޑޫއާއި އަތޮޅު ތަކުގެ މީހުން ހަމަ ޖެހިލައިގެން އުޅޭތަން ދެކޭކަށް އެ މީހުންނަކަށް ކުޅަދާނައެއް ނުވާނެއެވެ. ޔާމީނު އެ އުޅެނީ އައްޑޫ އިހުނަށް ވުރެ ވެސް ބިކަ ކޮށްލާށެވެ. ހަގީގަތުގައި ޔާމީނު ވެސް އުޅެނީ އައްޑޫ ފަނާކޮށްލާށެވެ.