ޗާގޯސާއި ކަނޑު ވާހަކަ ޖަމަލު ފޮޑިއަށްވެގެން ނިމުނީ
ކަނޑުވިއްކާލުމޭ ކިޔައިގެން ޖެއްސި ކެންޕޭން ސްޓަންޓެއް
2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރާ ދެކޮޅަށް ދެއްކި އެއް ވާހަކައަކީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ވާހަކައެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ދޫކޮށްލި ވާހަކައެވެ. އިންޑިއާގެ މަސްލަހަތުގައި މަދު ފައިސާކޮޅަކަށް މޮރިޝަސްއަށް އިގްތިސޯދީ ސަރަހައްދުން ބޮޑުބައެއް ގާނޫނު އަސާސީއާއި ހިލާފަށް ދޫކޮށްލި ވާހަކައެވެ. އެ ވާހަކަ ތަކުގެ ތަފްސީލަށް ދާކަށް ނެތީމެވެ.
އިގްތިސޯދީ ސަރަހައްދުގެ މައްސަލާގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާކަމަށް ސަރުކާރުން ބުނަމުން ދިޔައެވެ. ރައްޔިތުންނަށް ދެރަވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއް ވެސް ދޫކޮށް ނުލާކަމަށް ސަރުކާރުން ބުނަމުން އައެވެ. އިގްތިސާދީ އިމުގެ މައްސަލަ ހަމަޖެއްސުމުގައި އަމަލު ކުރެވުނު ހުރިހާ ގޮތެއް އަކުރުން އަކުރަށް ސަރުކާރުން ފާޅުކަން ބޮޑު ގޮތެއްގައި އޮޅުން ފިލުވާދިނެވެ.
މައްސަލައިގައި ސަރުކާރުން ދެއްކި އެއްވެސް ވާހަކައެއް ގަބޫލުނުކޮށް ވާދަވެރިން ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއް ކަމަށާއި އެތަނުގެ ސިޔާދަތީ ބާރު އޮންނަން ޖެހޭނީ ރާއްޖެއަށް ކަމަށް ބުނަމުން ދިޔައެވެ. ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް ތުހުމަތުކޮށް އެބައި އަތުލަން ޖެހޭކަމަށް އަޑު އުފުލިއެވެ. ގާނޫނު އަސާސީއާއި ހިލާފަށް ސަރުކާރުން ކަނޑު ވިއްކަލާފައި ވާކަމަށް ބުނެ ރައީސް ސޯލިހާއި ބަންޑާރަ ނައިބު ރިފްއަތާއި ފޮރިން މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމަށް ފާސް ކުރަން އުޅުނެވެ. ކަނޑު ވިއްކާލި ޕެޓިޝަން ނަމުގައި ޕެޓިޝަނެއް ހަދައިގެން އާއްމު ރައްޔިތުންގެ ބަޔަކު ލައްވާ ސޮއި ކުރުވުމުގެ ކެންޕޭނެއް ހިންގިއެވެ.
ޗާގޯސް ފިތުނައިގައި ބަޔަކު ޖެހި ހީވީ ދެންމެ ދެންމެ ޗާގޯސްއަކީ ރާއްޖޭގެ އަތޮޅެއް ގޮތުގައި ހަމަޖައްސާފާނެ ހެންނެވެ. އިޓްލޮސްގެ ނިންމުން ބާތިލުކޮށް މޮރިޝަސްއާއި ހިއްސާކުރި ބައި ހޯދާ 200 މޭލު އިގްތިސޯދީ ސަރަހައްދު ރާއްޖެއަށް ހޯދަފާނެ ހެންނެވެ. ރައީސް ސޯލިހާއި ރިފްއަތާއި ޝާހިދު ގެ އިތުބާރު ނެތްކަމަށް ހަދާ މަގާމުން ވަކިކޮށްލަފާނެ ހެންނެވެ.
ޗާގޯސް ކޯލިޝަން ހަދައިގެން ވާދަވެރިން އެއްވާނެއްގައި ދެއްކި ކަނޑު ވިއްކާލި ވާހަކއާއި ޗާގޯސް ވާހަކައަކީ ރިޔާސީ އިންތިހާބަށްޓަކައި އުފެއްދި ފިތުނަ އެއްކަން މިހާރު މިއޮތީ ޔަގީން ވެފައެވެ. ފުންނާބުން އުސް ލޯޔަރުންނާ އިހުގެ ބަންޑާރަ ނައިބުން ދެއްކީ ގާނޫނީ ހުއްޖަތެއް ނެތް އިހުލާސްތެރިކަމެއް ނެތް ސިޔާސީ ފަސާދަވެރި ވާހަކަ ތަކެއްކަން ކަށަވަރުވެ ނިމުނީއެވެ. ސޮއިކުރުވި ކަނޑު ޕެޓިޝަން ވަނީ ކޮން ވަލަކަށްކަން ސޮއިކުރި މީހަކު ނުދެނެ ހުއްޓެވެ.
ހަނދާން އައުކޮށްލާށެވެ. ޗާގޯސް ކޯލިޝަންގެ ރައީސަކަށް ހުރީ އިންތިހާބީ ރައީސް މުއިއްޒުގެ ޅިޔަނު އިބްރާހީމް ޖަނާބެވެ. އޭނާ އިސްވެހުރެ ކުރިކަންތަން މިއޮތީ ފެންނާށެވެ. ކަނޑުވިއްކާލުމޭ ކިޔައިގެން އޭރު އެޖެއްސި ޑްރާމާއަކީ މުއިއްޒުގެ ކެންޕޭން ސްޓަންޓެކެވެ.
ރައީސް ޔާމީނުގެ ފޮޓޯއާއި އިންޑިއާ އައުޓާއި ޗާގޯސް ވިއްކައިގެން ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބު ވީފަހުން ތިންހަތް ދުވަސްވީއެވެ. ވިއްކާލި ކަނޑޭ ކިޔައިގެން އަދި ކުކުރާ ނުލައެވެ. ޗާގޯސް ގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދާ ދިނުމުގެ ޕްލޭނެއް ވިސްނުމެއް އޮތްކަމެއް ރައްޔިތުންނަށް އަދި ސާފުކޮށް ނުދެއެވެ. ޕްލޭނެއް އޮތް ކަމެއްވެސް ނޭނގެއެވެ. އިންތިހާބުގައި ވޯޓު ހޯދުމަށް ބޭނުންކުރި ރައީސް ޔާމީނުގެ ފޮޓޯއަށް ވީހެން ކަނޑު ވިއްކާލުމާއި ޗާގޯހުގެ ވާހަކަ ވެސް ޖަމަލު ފޮޑިއަށް ވެގެން ނިމުނީއެވެ.