އިންޑިއާ ސިފައިން ތިބުމަށްވުރެ ނުރައްކާތެރި ނިންމުމެއް!
ހަވާލުވީ އިންޑިއާގެ ދިފާއީވުޒާރާއިން ހިންގާ އިންޑިއާ ސަރުކާރުގެ އަޝްކަރީ ކުންފުންޏާ
ހާސްހާހުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން އެމީހުން ބާލަން އައި ސަރުކާރަށް ރާއްޖެއިން ހާސްހާހުން އިންޑިއާ ސިފައިންނެއް ނުފެނުނެވެ. ފެނުނީ އިންޑިއާ ސިފައިންގެ އެންމެ 87 މީހުންނެވެ. އެމީހުން ރާއްޖޭގައި ތިބެގެން ކޮށްދިން ކަމަކީ ސަރަހައްދު ބެލެހެއްޓުމާއި ކުއްލިނުރައްކަލުގެ ހާލަތުގައި ބަލިމީހުން އުފުލުމުގައި ގެންގުޅޭ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލެހެއްޓުމެވެ.
ދެ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެއް ހިންގާ ބެލެހެއްޓުމަކީ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނޭ ކަމެކެވެ. އެހެނެއް ކަމަކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި ކުއްލިނުރައްކަލުގެ ހާލަތުގައި ބަލިމީހުން އުފުލުމުގައި ދިވެހި ސިފައިންނަށް އެހީތެރިވުމަށް ގެންގުޅޭ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލަހައްޓާދެމުން އަންނަނީ އިންޑިއާއިން ހިލޭ ސާބަހަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އެކަމަށްޓަކާ ދިވެހި ދައުލަތުން ހަތަރުއަނާ އެއްވެސް ހަރަދު ނުކުރުވައެވެ.
އެހެން ވިޔަސް ވަރިހަމަތާއެވެ. އިންޑީއާ ސިފައިންގެ މީހެއްގެ ބޫޓް ކިބައެއް ހުރެގެންވެސް ގައުމީސަލާމަތަށް ނުރައްކާ ވަންޏާ ޖެހޭނީ ތިބި ތާކުން އެމިހުން ބާލާ ފައްސާ ނަގާލާށެވެ. ރައީސް މުއިއްޒު ވެރިކަމަށް އައީ އިންޑީއާ ސިފައިން ބޭލުމުގެ ވައުދު ވެގެންނެވެ. ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭލުމަކީ ވައުދެއް ނޫނެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު އޮތަސް ވަރިހަމަތާއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާ ނިމިއްޖެޔޯލައެވެ.
ސުވާލަކީ އެހިސާބުން ގައުމީ ސަލާމަތަށް އޮތް ނުރައްކާ ފިލާ ދިޔައީހެއްޔެވެ. ސިފައިންނާއެކު އިންޑިއާ އަސްކަރީ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވައެއް ނުލެވެއެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ ހަރަކާތާއި އެއްކުރާ މައުލޫމާތު ވަގުތުން ވަގުތަށް އުނި އިތުރެއްނެތި އިންޑިއާ އަޝްކަރީ އިދާރާއަށް ލިބިލިބި ހުންނާނެއެވެ. ކުރާނަމަ ޖާސޫސް ކުރުމަށް ވަކި ބަޔަކު ތިބޭކަށް މުހިންމެއް ނޫނެވެ. މުހިންމީ ހޯދާ މައުލޫމާތެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ރާއްޖޭގައި އޮވެގެން ހިންގާ ބޭނުން ކުރާހާ ހިނދަކު އެކަމަކަށް އިންޑިއާއަށް އެއްވެސް ހުރަހެއް ނެތެވެ. 87 ސިފައިން ފޮނުވާލިޔަސް ގައުމީ ސަލާމަތަށް އޮތްނަމަ އޮތް ނުރައްކާ އަދިވެސް އެގޮތަށް އެބައޮތެވެ.
އެންމެ ރަނގަޅެވެ. އިންޑިއާ ސިފައިން ބޭލިއްޖެއެވެ. އިންޑިއާ ސިފައިން ބާލާފައި ދެ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން އެރުވުނީ ވަކި ކޮންބައެއް ހެއްޔެވެ. މަދަނީންގެ ނަމުގައި ގެނައީ ކުރިން ތިބި އަދައިގެ ސިފައިންނަށް ވުރެ މާނުރައްކާތެރި ބައެކެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓް ދުއްވާ ބެލެހެއްޓުމާއި ހަވާލުވެގެން ރާއްޖެއައީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް)އެވެ.
އިންޑިއާ ސިފައިން ބާލާ މަދަނީން ގެންނަ ނަމުގައި ޑރ. މުއިއްޒު މިހެދީ މާބޮޑު ގޯހެކެވެ. އިންޑިއާ ސިފައިން ބޭލިކަމަށް ބުނެ އިންޑިއާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގެ ރައީސް އައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑަކުން ހިންގާ ހަނގުރާމަ މަތީ ވައިގެ އުޅަނދު އުފައްދާ ހިންގާ ބަލަހައްޓާ ކުންފުނިން ރާއްޖޭގައި ދެ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ހަވާލު ކުރުމުން ގައުމީ ސަލާމަތަށް އޮތް ނުރައްކާ މާބޮޑެވެ.