ބޮޑީގާޑަކަށް ވެސް ނުގެންދިޔައީ އާދަނަށް މެސީ ފެނިދާނެތީ
ބޮޑުމުސާރައާއި ބޮޑީގާޑުންނާއި ބަންޑާރަ ކާރުގައި ބޭލި ރައީސުން ކުރަނީ އިސްރާފެއް ނޫންތަ!
ރައީސްމީހާ ތަނަކަށް ފުރާ އިރަށް ދަތްދޮޅިއަށް މިއޮއްވާ ވަރެކެވެ. ތެޅޭވަރުން ހީވަނީ ދޮޅިވެއްޓި ދާނެހެނެވެ. ކަރުވަނީ އަމަށަކު ހިއެެއް ނޫނެވެ. ހީކަރުވަނީ ދަތްދޮޅި ނުތެޅޭ ވަރަކަށް ނޫނެވެ. މާވަޑި އާދަނުގެ މުޅި މީހާ އައްސިވެ ލޯލިތައް ކޮޅަށް ޖެހިގެން މިފަހަރު ދަތްދޮޅި މިތެޅެނީ ރައީސްމީހާ ބޯޅަ މެޗެއް ބަލައިލަން ގޮސްގެނެވެ.
ފައިނު މާވަޑި އާދަނުމެން ނުލާހިކު ދާހިތުން ތިއްބާ ރައީސްމީހާއެއް ކަމަކު ގޮސްގެން ނުވާނެތާއެވެ. ދިޔައިރު އާދަނު ވެސް ގެންދިޔަ ނަމަ ގައިމު ދަތްދޮޅި ނުތެޅި ހުރީސްތާއެވެ. އެކީގާ ގެންދިޔަ ނަމަ ގައިމު އާދަނަށް ވެސް މެސީ ފެނުނީސް ނޫން ހެއްޔެވެ. އެވަރުގެ ކަމެއް ވެސް ރައީސްމީހާ އާދަނުމެނަށް ކޮށްލާ ދީގެން ނުވެއެވެ. ބޮޑީ ގާޑެއްގެ ގޮތުގައިވެސް އާދަނު ގެންދެވުނީސް ނޫން ހެއްޔެވެ. މާވަޑި އާދަނަކީ ސިފައިންގެ ބޮޑުމީހާ ގޮތުގައި އުޅުނު މީހެއް ވިއްޔާއެވެ. މީހުންގެ ދަތްދޮޅި ދުއްވާލާނެ ގޮތް ނިކަން ރަގަޅަށް ދަންނަ މީހެއް ވިއްޔާއެވެ. ރައީސްމީހާ އެއްކަމަކު އާދަނަށް އެހެން ހަދާކަށް ނުވާނެއެވެ.
ބަޔަކު ހެޔޮ ހިތުން ދިއްކޮށްލާ ދައުވަތު ގަނޑަކަށް ވެސް އާދަނުމެން ބުނާ ގޮތުން ރައީސްމީހާ ގޮސްގެން ނުވާނެތާއެވެ. ރައީސްމީހާ އެ ގޮތަށް ކުރާ ދަތުރަކުން ގައުމަކާ އުފެދޭ އިތުބަރާ ގާތް ކަމަކުން ރާއްޖެއަށް ވާނެ ރަނގަޅެއް އޮންނާނީއެއް ނޫނެވެ. އާދަނުމެންގެ ހަމައިގައި ރައީސްމީހާ ވިއްޔާ ހުންނަން ޖެހޭނީ ދެ ކަމުން ކުރެ ކަމަކު ވެސް ނުގޮހެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ފެންބިލު ދައްކާ ތައްޓަކަށް ހާޖަތަށް ދާން ޖެހޭތީއެވެ. އާދަނުމެންނަށް ރާއީސްމީހާއެކޭ ބިސްމަޅި ދުއްވަން ނަނު ޖަހާފައި އިންނަ ކުކުޅު ގަނޑެކޭ ތަފާތެއް ނުހުރެއެވެ.
އާދަނުމެން ދާނެ އިރަކުން ގޮސް މަޖިލީހުގައި ވައިގަ ތަޅާފައި އަހަރަކު ތިން ހަތަރު މަހު ޗުއްޓީގައި މުސާރަ ކާލަ ކާލާ ތިއްބަސް އެއިއްޔަކީ ދައުލަތަށް ވާ ގެއްލުމެއް ނޫނެވެ. ބޮޑު ހޯގުޅާ ހެދިގެން ވަށައިގެން ބޮޑީގާޑުން ލައިގެން ބަންޑާރަ ކާރުގައި ކޮޅު ކޮޅަށް ދުއްވާ ބޭލިރައީސް އެ ކުރަނީ އިސްރާފަކަށް އާދަނުމެނަކަށް ނުވެއެވެ.
އިރެއްގައި ރައީސްކަން ކުރިޔަތީ އަތްގުޅި ނުކާވަރު މުސާރައަކާ އިނާޔަތް ނަގަނީ ރައީސްކަން ކުރިއިރު މުސާރައެއް އިނާޔަތެއް ނުދީ ހިލޭ ސާބަހަށް މަސައްކަތް ކޮށް ދިނީމާ ތޯއްޗެކެވެ. ބަޅު ރުއްޕާޓީ ރައީސާ އެ ޕާޓީ މަޖިލިސް މެންބަރުން އަޗާތަޅަން ދައުލަތުގެ ފައިސާ ނިކަން ހަލާލެވެ.